ކ. މާލެ
|
6 މެއި 2024 | ހޯމަ 10:58
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ޕަލާސިއޯސް އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ޕަލާސިއޯސް އުފާ ފާޅުކުރަނީ
ޓްވިޓަރ
ޖަރުމަނު ލީގު
ބަލިނުވެ 48 މެޗު ހަމަކޮށް، ލެވަކޫސަނަށް ރެކޯޑެއް
 
މި ސީޒަންގެ ހުރިހާ މުބާރާތެއްގައި އެ ޓީމު ވަނީ ބަލި ނުވެ 48 މެޗު ހަމަކޮށްފައި

ޖަރުމަނު ލީގުގައި އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ބަޔާ ލެވަކޫސަނަށް އިތުރު ރެކޯޑެއް ލިބިއްޖެ އެވެ.

ފްރޭންކްފާޓްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެވަކޫސަން މޮޅުވީ 5-1 އިންނެވެ. އެއާއެކު، މި ސީޒަންގެ ހުރިހާ މުބާރާތެއްގައި އެ ޓީމު ވަނީ ބަލި ނުވެ 48 މެޗު ހަމަކޮށްފަ އެވެ. މީގެ ކުރިން ހުރިހާ މުބާރާތެއްގައި ބަލި ނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައި އޮތީ ބެންފީކާ އިންނެވެ. 1963 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ފެބްރުވަރީ މަހާ ހަމައަށް ބެންފީކާ ވަނީ ބަލި ނުވެ 48 މެޗު ހަމަކޮށްފަ އެވެ. އެހެންކަމުން ލެވަކޫސަން މިވަނީ އެ އަދަދާ އަރާ ހަމަކޮށްފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ ގްރޭނިޓް ޝަކާ އެވެ. އޭގެ ފަހުން 32 ވަނަ މިނެޓުގައި ފްރޭންކްފާޓުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހޫގޯ އެކިޓީކޭ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ޕެޓްރިކް ޝިކް ވަނީ ލަނޑު ޖަހައި ލެވަކޫސަނަށް ލީޑު ހޯދައިދީފަ އެވެ.

ލެވަކޫސަންގެ ތިން ވަނަ ލަނޑު، މެޗުގެ ދެ ވަނަ ހާފުގައި އެޒެކީލް ޕަލާސިއޯސް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލެވަކޫސަންގެ ހަތަރު ވަނަ ލަނޑު ޖެހީ، ޖެރެމީ ފްރިމްޕޮންގް އެވެ. އަދި ފަހު ލަނޑު، 89 ވަނަ މިނެޓުގައި ވިކްޓާ ބޮނިފޭސް ޖެހީ ވެސް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

ލެވަކޫސަން އެއް ވަނައިގައި އޮތީ 32 މެޗުން 84 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބަޔާން މިއުނިކަށް ލިބެނީ، 69 ޕޮއިންޓެވެ. ލެވަކޫސަން އިން މި ސީޒަންގެ ޖަރުމަނު ލީގު ކާމިޔާބު ކޮށްފައިވާއިރު، މިއީ ފާއިތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ބަޔާން ނޫން އެހެން ޓީމަކުން ޖަރުމަނު ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް