ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރަން ލިބުނު ފުރުސަތު ބަޔާން މިއުނިކް އިން ނަގާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ލައިޕްޒިގްގެ އަމިއްލަ ދަނޑުގައި ކުޅުނު މެެޗުން މޮޅުވެ، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުސަތު ބަޔާނަށް އޮތެވެ. ނަމަވެސް އެ މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ލައިޕްޒިގުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބަޔާނުން ވަނީ ތިން ލަނޑު ޖަހައިގެން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލައިޕްޒިގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ލައިޕްޒިގަށް ލީޑު ނަގައިދިނީ ބެންޖަމިން ސެސްކޯ އެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ލޫކަސް ކްލޮސްޓާމަން ވަނީ ލައިޕްޒިގްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބަޔާންގެ އެރިކް ޑަޔާ ވަނީ ލަނޑު ޖަހައި އުންމީދެއް ހޯދައިފަ އެވެ. އޭގެ މިނެޓެެއް ފަހުން މައިކަލް އޮލައިސޭ ޖެހި ލަނޑުން ބަޔާން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، ބަޔާނަށް ލީޑު ނަގައިިދނީ ލެރޯއީ ސާނޭ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔޫސުފް ޕައުލްސަން ވަނީ ލައިޕްޒިގަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މި ނަތީޖާ އާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 32 މެޗުން 76 ޕޮއިންޓާ އެކު އެވެ. ލީގު ޗެމްޕިއަންކަން ހޯދުމަށް ބަޔާނަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.