ކ. މާލެ
|
3 މެއި 2024 | ހުކުރު 12:58
ހުކުރު ޚުތުބާ އަޑުއެހުމަށް ޖަމާއަތް ހަދައިގެން
ހުކުރު ޚުތުބާ އަޑުއެހުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ވަރި
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް
ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވޭ
ކައިވެންޏަކީ މާތް الله ދެއްވާ ނިއުމަތެއް

އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަށް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ވަރި'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ކައިވެންޏަކީ މާތް الله ދެއްވާ ނިއުމަތެއް ކަމަށާއި، އެކަލާނގެ އަޅުތަކުންނަށް ލައްވާ ރަހުމަތެއް ކަމަށެވެ.

އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެކިކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަލާނގެ ރަޙުމަތްވަންތަކަމުގެ ތެރޭގައި، މުނާސަބު ގޮތެއްގައި އަންހެން ޖިންސު ހެއްދެވި ކަމަށެވެ. އެއީ އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަމާއި، ލޯތްބާއި، އޯގާވެރިކަން ލިބިގަތުމަށެވެ. ފިރިހެނަކު އަންހެނަކާ ކައިވެނި ކުރާނީ އެ އަންހެން މީހާ ދެކެވާ ލޯބިން ނުވަތަ ހިތުގައި އުފެދޭ ކުލުނެއްގެ ސަބަބުން، ނުވަތަ އެ އަންހެން މީހާގެ ފަރާތުން ދަރިންލިބުމަށް އެދިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިކަންކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތްތަކެއްވާ ކަމަށާއި، ކައިވެންޏަށް މާތް الله ނަންދެއްވާފައިވަނީ "ގަދަވެގެންވާ އުހުދު" މިފަދައިންނެވެ. އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫން ކަމަށެވެ.

ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމިލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ 2021ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، 2022ގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، 2023ގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމިލީ ކޯޓުގެ މައުލޫމާތުތަކުން ދައްކާ ކަމަށެވެ.

މި މައުލޫމާތުތަކުން އެނގޭގޮތުގައި އާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، އާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ހައްގުތައް ބަރާބަރަށް އަދާނުކުރުމާއި، ގަވާއިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް الله ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ މާނައީ: "އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ عَهْدُ ހިފާފައެވެ." އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޤްދަށް ރައްކާތެރިވާންވާނެއެވެ. އެކަކު އަނެކަކުގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެއެވެ. ކަންމިހެންއޮތްކަމުގައިވީނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިއުމަތަށް ފުރަގަސްދީ ކާފިރުވެ، ވަރި މިބަހަށް ފަރުވާ ކުޑަ ކުރަނީ ކީއްވެގެން ހެއްޔެވެ؟  ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދެއެވެ. ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ، ބުނެއެވެ. މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނެއެވެ. މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާ ކަމަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ހާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާ ކަމަށާއި، މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރާ ކަމަށެވެ. މިކަމުގެ ސަބަބުން އާއިލާތައް ބިކަވެ މައިންބަފައިންގެ ލޯބިން ދަރިން މަހްރޫމުވެއެވެ.

ޚުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލު ކުރާނީ އެދެމަފިރިން ކަމަށާއި، ނުވަތަ  ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ހައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެއެވެ. ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގާބޫލުނުކުރުމުގެ ފިކުރު - ހުތުބާ
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން - ހުތުބާ
އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ: ޚުތުބާ
އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
ފަލަސްތީން ވަނީ އިސްލާމީ އުންމަތުގެ ކަރާމާތައި ގުޅިފައި، ފަލަސްތީނަށްޓަކާ އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއް އެބަހުރި - ޚުތުބާ
ސިހުރު މުޅި މުޖުތަމައަށް ވަނީ އާއްމުވެފައި، ސިހުރުން ރައްކާތެރިވުމަށް އެދި ދުއާ ކުރޭ: ޚުތުބާ
ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލައިފި
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ