ކ. މާލެ
|
1 މެއި 2024 | ބުދަ 10:09
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ޓޯނީ ކްރޫސް
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ޓޯނީ ކްރޫސް
ރޮއިޓާސް
ރެއާލް މެޑްރިޑު
ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!
 
އަންޗެލޮޓީ ބުނީ، ކްރޫސް އަކީ އެންމެ ރަނގަޅު ވަގުތުގައި، އެންމެ ރަނގަޅު ޕާސް ވައްޓާލާ ކުޅުންތެރިޔެއް ކަމަށް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ޓޯނީ ކްރޫސް ދައްކަމުން އަންނަ ކުޅުމާމެދު ބުނާާނެ އެއްޗެއް ވެސް ނޭނގުނު ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންްސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި، ކްރޫސް ދެއްކި ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކްރޫސް ވަނީ ކުޅެފަ އެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އަންޗެލޮޓީ ބުނީ، ކްރޫސްއާ ގުޅޭ ގޮތުން އޭނާ އަށް ބުނާނެ އެއްޗެއް ވެސް ނޭންގުނު ކަމަށާއި، އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ކޮންމެ މެޗެއްގައި ވެސް ކްރޫސް އަންނަނީ އޭނާގެ ހުނަރު ދައްކަމުންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ބަޔާނާ ދެކޮޅަށް ވެސް ކްރޫސް ދެއްކީ ހައިރާންވާ ވަރުގެ ކުޅުމެއް ކަމަށެވެ.

ރެއާލަށް ކްރޫސް އަކީ އަދިވެސް ވަރަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ކްރޫސް އަކީ އެންމެ ރަނގަޅު ވަގުތުގައި، އެންމެ ރަނގަޅު ޕާސް ވައްޓާލާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާގެ ޕާސްއަކީ ހުރިހާ ކުޅުންތެރިންނަށް ދޭ އެއްޗެއް ނޫންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އޭނާ ބޯޅަ ވައްޓާލާނީ އެންމެ ބޭނުންވާ ކުޅުންތެރިޔާ އަށް ކަަމަށެވެ. ރެއާލުން މެޗުގައި ފުރަތަމަ ލަނޑު ޖެހީ ކްރޫސް ދިން ޕާހަކުންނެވެ. އަންޗެލޮޓީ ބުނީ، ކްރޫސް ދިން ބޯޅަ އަށް ވިނީޝިއުސް ޖޫނިއާ ވެސް ހުރީ ވަރަށް ބޮޑަށް ސަމާލުވެގެން ކަަމަށާއި، އޭނާގެ ޙަރަކާތް ވެސް އެހާ ފުރިހަމަ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ދެން ރެއާލުން ތައްޔާރު ވާނީ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ކަމަށާއި، އެ މެޗު ފަސޭހަ ވާނެ ކަމަށް ބަަލައިގެން ނުތިބޭނެ ކަމަށެވެ. އެ މެޗަށް ވެސް އެންމެ ފުރިހަމަ އަށް ތައްޔާރުވާނެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލްގެ އަމާޒަކީ މޮޅުވުން ކަމަށެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މެއި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް