ދިވެހިރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެންބަރު އާޒިމް ވިދާޅުވީ، ރައީސް ސާލިހާއި ރައީސް ނަޝީދު އަދިވެސް އެހައި ބޮޑަށް ރުޅިވެރިވެގެން އުޅުއްވާ ސަބަބާއި ގުޅޭގޮތުން ބައެއް މީހުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދިވެސް ދެބޭފުޅުން ވާހަކަފުޅު ދައްކަވާހެން ޔަގީންނުކުރެއްވޭ ކަމަށާއި އަދި ވާހަކަފުޅު ނުދައްކަވާ ސަބަބުވެސް ޔަގީންނުކުރެއްވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ދެބޭފުޅުންގެ ދެމެދުގައި އޮތް މި ނުތަނަވަސްކަމަކީ އާއިލީ މައްސަލައެއް ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ބެލެވޭކަމުގައެވެ.
ދެބޭފުޅުންގެ މައްސަލަތައް ހައްލުކޮށް، އެކުގައި އިށީންދެ ވަޑައިގެން މަޝްވަރާ މޭޒަށް ގެންނެވުމަށް މަސައްކަތްކުރެއްވި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށް މެންބަރު އާޒިމް ވިދާޅުއެވެ.
ހަގީގަތަށް ބުނާނަމަ މީގައި މިއުޅެނީ އާއިލީ މައްސަލައެއް އަޅުގަނޑަށް ފެންނަނީ. އަޅުގަނޑު މިވާހަކަ ދެއްކީމަ ބައެއް ބޭފުޅުންނަށް މިވާހަކަ އެހައި ހިތްގައިމު ނުވެދާނެ. އަޅުގަނޑަށް ފެންނަ އެއްޗެއް ރީތިކޮށް މިދަންނަވަނީ. އާއިލާއެއްގެ ތެރޭގައި މައްސަލަ ޖެހުނީމަ އެއީ ވަރަށް ދުވަސް ނަގާ ކަމެއް އެކަމެއް ރަނގަޅުވާން. ތަންކޮޅެއް ދުރު މީހެއް ވެއްޖެއްޔާ ދެން އަވަހަށް ރަނގަޅުކޮށްލެވޭ އެއީ އެހައި ގަބޫލުނުކުރާ ވަރުގެ ކަންކަން އޭގެ ތެރޭގައި އަޅުގަނޑަށް ނޭނގޭ ކޮން ކަމެއްކަމެއް ހިނގާފައި ހުރީ. ބައެއް ކަންކަން ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ވެސް އެނގޭ. ހިނގާފައި ހުރި ކަންކަމަށް ބަލައިގެން މިއުޅެނީ ނުވެގެން ކަމަށް އަޅުގަނޑު ދެކެނީ. އެހައި އެތެރެއިން އެހައި ގާތްކޮށް އެއް އާއިލާގެ ގޮތުގައި އުޅެފައިހުރީމަ ކަމަށް އަޅުގަނޑަށް އިހުސާސް ވަނީ ނުވެގެން މިއުޅެނީ.މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މެންބަރު އާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ދެބޭފުޅުން އެކުގައި މަސައްކަތް ކުރެވޭނެ ހާލަތެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ކުރިމަގަަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މިސަރުކާރަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިހާރު ވެސް 200އެއްހައި ގާނޫނު ހަދާ ވާހަކަ މިސަރުކާރުން ދައްކަމުންދާ ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހުރިހާ މައުލޫމާތެއް އަދި ރައްޔިތުންނަށް ނުދައްކާނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. ނަމަވެސް މައުލޫމާތު ހާމަނުކޮށް، ނޫސްވެރިންނަށް ދަތިކޮށް ކަންކަން ސިއްރުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. އަދިވެސް ކުރިއަށް މިއޮތްތާގައި މަސައްކަތް ކުރާނަން އެކުގައި މަސައްކަތް ކުރެވޭތޯ. އެއީ މިރާއްޖޭގެ ކުރިމަގަށް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް އިނގޭތޯ. އަޅުގަނޑުމެންގެ ހިތުގައި އެބަހުރި ހިތްހަމަނުޖެހޭ ކަންކަން އިނގޭތޯ. މިސާލަކަށް އަޅުގަނޑު އެމްޑީޕީން ކަނޑާލި ކަނޑާލުމަކީ ޖެހިގެން އަންނަ ދުވަހު މިސާލަކަށް އެމްޑީޕީ ހިންގަން ތިބި މީހުން ކައިރީގައި އިށީންދެގެން އިނުމުގެ ބޭނުމެއް ނެތޭ. ނަމަވެސް އެދުވަހު ވެސް ފެނުނު ހަމަ މިސަރުކާރުން ބައްލަވަން ތިއްބަވާ އެބަ ވިދާޅުވޭ 200 ވަރަކަށް ގާނޫނު ހަދަން އޮތް ވާހަކަ.މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
އާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށާއި، މިހާރު ވެސް އުޅެނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތް ނެތިގެން ކަމަށެވެ. އަދި މިސަރުކާރުގެ ކަންކަން ދާ ގޮތުން މިހާރު ފެނިގެންދަނީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.