މާލޭގެ ކުނީގެ މައްސަލައަކީ، ސިޓީ ކައުންސިލާ ހަވާލުވެވަޑައިގެންނެވި އިރުވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް، މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވެސް، ވެމްކޯއާ ވާހަކަ ދައްކަވައިގެން މަސައްކަތް ކުރައްވަން ފެއްޓެވި ކަމަށެވެ. އަދި މައްސަލަ ހައްލުވަންދެން ބަލައިގެން ނުތިބެ ސިޓީ ކައުންސިލަށް ވެސް ކުރެވުނު ކަމެއް ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންނެވި އިރު މާލެތެރެ އޮތީ ގޮނޑުވެފައި ކަމަށާއި، އެކަން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން ކަމަށެވެ. އަދި ވެށިފާރަވެރިންނާއި ފުލުހުންނާއި ގުޅިގެން ކުރަން ފެށި މަސައްކަތާއެކު ވަގުތީ ހައްލެއް ލިބުނު ނަމަވެސް، ދާއިމީ ހައްލެއް އަދިވެސް މިކަމަށް ނުލިބޭ ކަމަށާއި، ދާއިމީ ހައްލު ނުލިބޭ އެތަކެއް ސަބަބުތަކެއް އެބަހުރި ކަމަށެވެ.
180 ވަރަކަށް މީހުން ޖޫރިމަނާކުރެވިއްޖެ މިހާރު. މީގެ ތެރެއިން 85 ވަރަކަށް އިންސައްތަ މީހުންނަކީ ބިދޭސީން. ތަކުރާރުކޮށް ފުލުހުންނާއި އިމިގްރޭޝަންގައި އެދެމުންދަނީ ބިދޭސީން ކުނިއަޅާނަމަ ދޭންޖެހޭ އަދަބެއް ދިނުމަށް. މިހާބޮޑު އުނދަގުލެއް ރައްޔިތުންނަށް ކުރާ ބަޔަކު ޑީޕޯޓްވެސް ކުރެވެން ޖެހޭނެ. މިގޮތަށް މާލެއާއި ރާއްޖޭގެ އެތައް މިތަނުގައި ގަވާއިދާ ހިލާފަށް އުޅޭނެހާ ގޮތަކަށް އުޅެފައި ޖޫރިމަނާކޮށްލެވޭ ގޮތަކަށް އޮވެގެން ނުވާނެ، އެއަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގެނެސް، ގައުމުގެ މަސްލަހަތު ގެއްލުވާލާ، ގައުމު ހަޑިކޮށް، ގޮނޑުކޮށް އެކަން ކުރާނަމަ އެ އަދަބު ލިބެންޖެހޭނެ. އެކަންތައްވެސް ނުވޭ. ބޭރު މީހުން ގާނޫނާއި ގަވާއިދާ ހިލާފުވީމާ އަދަބު ލިބުމުގައި އެބަހުރި މައްސަލަތަކެއް.މާލެ ސިޓީގެ މޭޔަރު އާދަމް އަޒިމް
އާޒިމް ވިދާޅުވީ މާލޭގެ ޕާކިން ޒޯންތަކުގައި ވެސް ބިދޭސީން ފުނިޖެހިގެން ތިބޭ މައްސަލައިގެ ރިޕޯޓްތައް ވެސް ލިބޭ ކަމަށާއި، އެ މައްސަލަ އަމިއްލަފުޅަށް ވެސް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ގާނޫނު ތަންފީޒުކުރަން ތިބި އިދާރާތަކުން އެއްވެސް އުޒުރެއް ނުދައްކާ ގާނޫނު ތަންފީޒުކުރަމުންދާން ޖެހޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.