ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 14:13
ގުޅިފަޅު
ގުޅިފަޅު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ބިންވެރިޔާ ސްކީމް
ގުޅިފަޅުގެ މަސައްކަތް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް
 
މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ

ގުޅިފަޅުގެ މަސައްކަތް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅިފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަމާޒު ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯއްދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާކަމުގައެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅިފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެ ވެސް މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވައި، އެތަންތަނުގައި ތަރައްޤީކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީޚުތައް ޙިއްޞާކުރައްވާފައެވެ.

އަދި މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވެސް އެމަނިކުފާނު ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައެވެ.

ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތް ވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް