Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 12:25
ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 12.10.2025
ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 12.10.2025
ރާއްޖެ އެމްވީ
ބޯހިޔާވަހިކަން
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ވެލި ބޭނުންކޮށްގެން ހިންގުނު ބިން ހިއްކުމުގެ މަޝްރޫޢު
ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުމަކީ މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ހިންގާ މަޝްރޫޢު އެއް
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަަ

މި ސަރުކާރަށް ގޮތެއް އިޚްތިޔާރު ކުރަން ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ ކަމަށް ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަދާހަމަ އާ މެދު ވާހަކަަދައްކަވާފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ގުޅީފަޅު ކޮންޓްރެކްޓަރާއި އެއްގޮތަށް ހިއްކާ ނިންމާފައިވާ ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. ގިރާވަރު ފަޅު ކޮންޓްރެކްޓް ކުރި ގޮތާއި އެއްގޮތަށް ބޮޑު ބައި މަސައްކަތް ނިންމި ކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ނުގެންދިއުން އޮތީ މި ސަރުކާރުގެ އަތްމަތީގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ކޮންޓްރެކްޓާއި ފައިނޭންސް ވެސް ހަމަޖެހިފަިއވާނެ ކަމަށް އަަސްލަމް ވިދާޅުވިއެވެ.

"ގުޅީފަޅުގެ އެއީ ލޯނެއް. އެހެންވީމަ ތަންކޮޅެއް އުނދަނގޫ ވާނެ އެ މަސައްކަތް ހުއްޓާލަން. ގިރާވަރުފަޅުގައި އެއީ ލޯނެއް ނޫން. އަޅުގަނޑު ދަންނަވާނީ ސަރުކާރުން މަސައްކަތް ކުރި ނަމަ އެ މަސައްކަތް ނިމޭނެ އޭ. މި ސަރުކާރަށް އޮޕްޝަން އެއް އޮތް ނަމަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ހުއްޓާލާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ގޯތީގެ މަސައްކަތްތައް ކުރީ ރަނގަަޅަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ކުރާ ތުހުމަތުތަކަށް ވެސް ރައްދު ދެއްވާފައެވެ. ނިމިދިޔަ ވެރިކަމުގައި ގެދޮރުވެރިކަމުގެ މަސައްކަތް ކުރި ފަންނީ މުވައްޒަފުން ގޯހެއް ހަދާފައި އޮވެދާނެ ކަަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެ ފަަދަ ކަމެއް ހިނގާފައިވާ ކަމަށް މި ސަރުކާރަށް ޤަބޫލު ކުރެވޭ ނަމަ އެކަން ބަލަން ވީ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެ ބޭފުޅުން އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ދެ ފުށް ފެންނަ ގޮތަށް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ސަރުކާރުން ދައްކާ ވާހަކަތަކަކީ ވަކި ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް ދައްކާ ވާހަކަތައް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލެއްވިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައި ވަނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫ ކުރިއަށް ގެންގޮސްފައި ވަނީ ޔޫރަޕުގެ ބޭންކުތަކަކުން ނަގާފައިވާ ލޯނެއްގެ އެހީގައެވެ. އަދި ސަރުކާރުގެ ބަޖެޓުން ވެސް ހަރަދުކުރާ ގޮތަށް އެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން އެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ވެލި ބޭނުންކޮށްގެން ހިންގުނު ބިން ހިއްކުމުގެ މަޝްރޫޢުކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަައެވެ. އެ މަސައްކަތަކީ މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް 2022 ވަނަ އަހަރު އޭރުގެ ރައީސް ޞާލިޙް އިއުލާން ކުރެއްވި މަޝްރޫޢުގެ ތެރެއިން ބައެކެވެ. ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް 2000 ގޯތި ދިނުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް