ގިރާވަރުފަޅުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކުގެ ގޯތިތައް ފުށިދިއްގަރުފަޅު (ރަސްމާލެ) އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު މާލެ ރަށްވެހިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް، ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ރައްވެހިންގެ ޖަމްޢިއްޔާއިން ރައީސް މުއިއްޒަށް ސިޓީއެއް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ކޮންޓްރަކްޝަނުން ބޭއްވި ނިއުސްކޮންފަރެންސް އެއްގައި ގިރާވަރުފަޅާފައި ބެހޭގޮތުން މިނިސްޓަރ އަބްދުﷲ މުއްތަލިބު ފާޅުކުރެއްވި ޚިޔާލާއި ގުޅިގެންނެވެ.
މި މަހުގެ 12 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތޮލިބު ވިދާޅުވެފައިވަނީ ގިރާވަރުގެ ބައެއް ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.
މިނިސްޓަރ އަބްދުﷲ މުއްތަލިބު ފާޅުކުރެއްވި މި ޚިޔާލު ވަރަށް ބޮޑަށް ކުށްވެރިކޮށް މާލެ ރަށްވެހިންގެ ޖަމިއްޔާއިން ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުން އެކަން ކޮށްފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތަކަށް ކަމަށެވެ.
އެހެންކަމުން މި ތިން ބިން ފިޔަވައި އެހެން ތަނަކުން ގޯތި ބަދަލުކުރުމަކީ އެ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމުގައި ދެކޭ ކަމަށް ވެސް ޖަމިއްޔާގެ ސިޓީގައި ވެއެވެ.
މީގެއިތުރުން، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅާއި ހުޅުމާލެ ފޭސް 3 އިން ބިން ލިބިފައިވާ ފަރާތްތަކަށް މިހާތަނަށް ގޯތީގެ ރަޖިސްޓްރީ ލިބިފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ޖަމިއްޔާއިން ވަނީ ރައީސް މުއިއްޒާ ހިއްސާކޮށްފައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ ރަށްވެހިން ބިންވެރިޔާ ސްކީމަށް ފޯމުލީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތަކަށް. އެހެން ކަމުން އެ ތިން ބިން ފިޔަވާ އެހެން ތަނަކުން ގޯތި ބަދަލު ކުރުމަކީ އެ ފަރާތްތަކަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް މި ޖަމިއްޔާއިން ދެކެން.
ރައްވެހިންގެ ޖަމްޢިއްޔާ![]()
ކުރީގެ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމާފައި ވާއިރު، އޭގެތެރެއިން 1114 ގޯތި މިހާރުގެ ސަރުކާރުން ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. އެހެންކަމުން ގިރާވަރުން ދޫކުރަންޖެހޭ ގޯތީގެ އަދަދަކީ 4072 އެވެ.
ނަމަވެސް ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު، ގިރާވަރުން ދޫކުރެވެނީ 3462 ގޯތި ކަމަށާއި، ބާކީ 610 ގޯތި އެތަނުން ދެވޭނެ ގޮތެއް ނެތްކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ހާމަކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ގޯތި ދީފައި އޮތްތަނަކުން ގޯތި ދީ، އަދި ގޯތި ދީފައި އޮތްތަނަކުން އެމީހަކު ބުނި އުސްމިނެއްގައި އިމާރާތް ކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވަރަސް ގިނަ ފަހަރު ތަކުރާރު ކޮށް ވައުދުވެވަޑައިގެންފަ އެވެ.
މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މި ވައުދާ ސީދާ ހިލާފު ނިންމުމެއް ކަމަށް ރައްޔިތުން ދަނީ ފާހަގަކުރަމުންނެ އެވެ.