ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 22:57
ހަމަލާދިން ސަރަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ -- ފޮޓޯ: އިންޑިއާޓުޑޭ
ހަމަލާދިން ސަރަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ -- ފޮޓޯ: އިންޑިއާޓުޑޭ
ސަލްމާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
ސަލްމާން ޚާނަށް މަރުގެ އިންޒާރު 2022ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވަނީ ލިބިފައެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެ ގެލެކްސީ އެޕާޓްމަންޓަށް ގޮތް ނޭނގޭ ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ޢިމާރާތުގެ ބޭރަށް ޙަމަލާ ދީފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

ބަޑީގެ މި ޙަމަލާއާ ގުޅިގެން ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓު ހުރި ސަރަހައްދުގައި ފުލުހުންގެ ކްރައިމް ބްރާންޗުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބަޑީގެ ހަމަލާތައް އަމާޒުވެފައި ވަނީ މުމްބާއީގެ ބަންޑްރާގައި ހުރި ސަލްމާނު ދިރިއުޅޭ ގެ ގެލެކްސީ އެޕާޓްމަންޓުގެ ބޭރުގެ ފާރުތަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ސައިންޓިސްޓުން ހިމެނޭ ޓީމެއް ހަރަކާތްތެރިވަމުން ދަނީ އެކަމާ ގުޅުންހުރި ހެކިހޯދުމުގެ މަސައްކަތުގައި ކަމަށާއި، ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުމްބާއީ ޕޮލިސް ކޮމިޝަނަރު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

ކްރައިމް ބްރާންޗުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ފަސް ބުރަކަށް ވައިގެތެރެއަށާއި އެޕާޓްމަންޓުގެ ފާރަށް ބަޑީގެ ވަޒަންތައް ފޮނުވާލައިފައިވާ ކަމަށެވެ.

އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ކޮލިޓީ ދަށްވުމުން ހަމަލާދިން މީހުން ދަތުރުކުރި ސައިކަލުގެ ރަޖިސްޓްރޭޝަން ނަމްބަރު ސާފުނުވާ ކަމަށްވެސް ކްރައިމް ބްރާންޗްގެ އޮފިޝަލަކު ވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

2022ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ސަލްމާން ޚާނަށް އަށްވަނީ މަރުގެ އިންޒާރު ލިބިފައެވެ.

މި އިންޒާރުތަކާ ގުޅިގެން ސަލްމާން ވަނީ އޭނާވެސް ހިމެނޭހެން އާއިލާގެ ބައެއް މެމްބަރުންގެ ސެކިއުރިޓީ ފެންވަރު ވަރުގަދަކޮށް ބްލެޓް ޕްރޫފް ކާރުގައި ދަތުރުކުރަން ފަށާފައެވެ. މީގެ އިތުރުން އަމިއްލަ ހަށި ރައްކަލަށް ޚާއްސަ ހުއްދައެއްގެ ދަށުން އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަވެސް ފުލުހުން ވަނީ ސަލްމާން ޚާންއަށް ދީފައެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީ، ހާއްސަކޮށް ބޮލީވުޑްގެ ފަންނާނުންނާއި، ހައި ޕްރޮފައިލް އެކްޓަރުންނާއި ބަތަލާއިންނަށް އަމާޒުކޮށް އިންޒާރުތަކާއި ހަމަލާތައް ދިނުމަކީ އިންޑިއާގައި އާއްމުކަމެކެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ކުށްކުރާ ގޭންގުތަކާއި، ސަޕޯޓަރުން ވެސް ބައެއް ފަހަރު މިފަދަ ކަންކަމުގެ ފަހަތުގައި ތިބެއެވެ.

- ކޮމެންޓް