ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 18:14
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މާވަށުގެ ބިން ހިއްކުން
މާވަށުގެ ބިން 30 ހެކްޓަރަށް ހިއްކާނެ: ރައީސް މުއިއްޒު
 
މިސަރުކާރުގައި އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތައް ވަނީ ހުއްޓުވާފައި
 
50 މިލިޔަނުން ފެށިގެން މަތީގެ ޚަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނަން
 
މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލަ ހައްލުކޮށްދޭނަން

ލ. މާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ބުރާސްފަތި ދުވަހު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމުގައެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ 50 މިލިޔަނުން ފެށިގެން މަތީގެ ޚަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާ ކަމަށެވެ. އެގޮތުން އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށާއި އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށްގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތައް ވަނީ ފައިސާ ނެތް ކަމަށް ވިދާޅުވެ ހުއްޓުވާފައެވެ. ނަމަވެސް އެ މަޝްރޫއުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފަންޑު ހަމަޖެހިގެން ފަށާފައިވާ މަޝްރޫއެކެވެ. މިމައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކައިރިވުމާއި ގުޅިގެން ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި