ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއާ ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަމުންނެވެ. ގާސިމް ކުރައްވާފައިވާ ސުވާލުގައިވަނީ ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތަކީ 2023 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ބިޑިން މަރުހަލާ ނިމިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި މި ޕްރޮޖެކްޓް ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނީ ކިހާހިސާބަކުތޯ އަދި މަސައްކަތް ނިމި ޢިމާރާތް ބޭނުންކުރަން ފެށޭނީ ކޮން ތާރީޚަކުތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަކީ 2023 ވަނަ އަހަރުގެ ޕީއެސްއައިޕީގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އެ އިމާރާތުގައި 11 ކްލާސްރޫމާއި، ސްޓާފްރޫމަކާއި، ކޮމްޕިއުޓަރ ލެބެއް، ލައިބްރަރީ އަދި ސައިންސް ލެބެއް ހިމެނިފައިވާ ކަމަށެވެ. މި މަޝްރޫޢު ހިމެނެނީ 2023 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ފަށާ މަސައްކަތްތަކުގެ ތެރޭގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫޢު ފެށުމަށް 27 އޮގަސްޓް 2023ގައި ޓެންޑަރ ބޯޑަށް މިނިސްޓްރީގެ ފަރާތުން އެ ޕްރޮޖެކްޓް ފޮނުވާފައިވާ ކަމަށެވެ. އަދި ޓެންޑަރ ބޯޑުން 21 ސެޕްޓެމްބަރު 2023ގައި އެ މަޝްރޫޢު ބިޑިން މަރުހަލާ އަށް އިއުލާންކޮށް، ބިޑިން މަރުހަލާ ކުރިއަށް ގެންގޮސް 28 ޖެނުއަރީ 202ގައި ބީލަން ލިބިފައިވާ ކަމަށް ޓެންޑަރ ބޯޑުން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މައުލޫމާތަށް ބަލާއިރު ބީލަމަށް ލިބިފައިވާ މައުލޫމާތުތައް އިވަކުއޭޓްކުރާ ކަމަށް އެ ބޯޑުން އަންގާފައިވާ ކަަމަށާއި އެ މަރުހަލާ ނިމުމުން އެވޯޑްކުރާ ފަރާތަކާއެކު ސޮއިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.