ކ. މާލެ
|
13 މާރޗް 2024 | ބުދަ 11:47
އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގެ ސަބަބުން، ގައްޒާގައި ވަނީ އިންސާނީ ކާރިޘާއެއް އުފެދިފައި
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
"ޣައްޒާގައި އަންހެނަކު ނެތް... ކުށަކީ ކޮބާ؟"
ޣައްޒާގެ ޢާބާދީގެ ބޮޑު ބައެއް މިހަރު ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައި، ޤަތުލުޢާންމުގައި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު، 1.7 މިލިއަނަށް އަރާ ކަމަށް އަންދާޒާ ކުރެވޭ

މިދިޔަ ބުރާސްފަތި ދުވަހަކީ އޮފީސްތަކަށް އެކަނި ބަލައިލި ކަމުގައި ވީ ނަމަވެސް އެތައް ސަޔަކާއި ކޭމެއް އޮތް ދުވަހެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ހަރުލާފައި އޮތް "މާހެފުން" ތަކެވެ. ހަފުތާ ބަންދުގައި ބައްދަލު ކުރާ އަންހެނުންގެ ދުވަހުގެ އުފާފާޅު ކުރުންތަކެވެ. ސަކަރާތާއި މަޖަލުގައި ވަގުތުތައް ހޭދަ ކުރިއިރު، ތިބާގެ އަޚުންތަކަކާއި އެތައް އުޚުތުންނެއް އިންތިހާ ދަތި ޙާލުގައި ދުވަސްތައް ގުނަމުންދާ ކަން ހަނދާން ހުރީ ކާކު ހެއްޔެވެ؟

ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ 5 މަސްވީ ޤަތުލުޢާންމުގެ ތެރޭގައި ގެދޮރު ގެއްލި، ދެކުނުގެ ރަފަޙުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ އުޚުތުންނާ މެދު، މިފަދަ ދުވަހެއްގައި ވިސްނާ ފިކުރު ކުރުން މުހިންމެވެ. އެތައް އުޚުތުންނެއް ތިބީ ހުވަފަތްވެފައެވެ. ދިރި ދުނިޔޭގައި ހުއްޓާ ދަރިން ކަފުންކޮށްފައެވެ. އިންތިހާ ބަނޑުހައި ހޫނުކަމެވެ. އިންސާނަކަށް ވީތީ ލިބިދޭ ޙައްޤުތަކުން މަހްރޫމުވެފައި ވާ ޙާލު، ހައިވާނު ޖަނަވާރުތަކަށް ވުރެ ނިކަމެތި ވެފައެވެ. ރަފަޙުގުގެ ވަގުތީ ކޭމްޕުތަކުގައި ހިޔާވަހިކަން ހޯދަމުން އަންނަ އަންހެނުން ބުނި ގޮތުގައި، ޣައްޒާއަކަށް އަންހެނުންގެ ދުވަހެއް ނާދެއެވެ.

މަގުމަތިވެފައި އިން އުއްމު މަޙްމޫދު ޒަޤޫތު ސިފަކޮށްދިން ގޮތުގައި ޣައްޒާގައި މިހާރު 'އަންހެނެކޭ' އޭ ކިޔާނެ "އެއްޗެއް" ނެތެވެ. ދިރިއުޅުން ހަފުސްވެ، އެފުށް މިފުށަށް ޖަހާލި ކަމުގެ ޝަކުވާ ކުރިއެވެ.

ބާކީ އަންހެނަކު ނެތް. އެމީހުންނަށް ޙައްޤުތަކެއް ނެތް އަދި މުސްތަޤްބަލެއްވެސް ނެތް. އެމީހުން ވަނީ ގެދޮރު ނެތް ބަޔަކަށް ހަދާފަ. އެމީހުންނަށް ޢަމާޒުކޮށް ޙަމަލާތައް ދީފަ. އެމީހުންގެ ދަރިން ވަނީ ގެއްލިފަ. އެ ގެތަކަށް ވަނީ ބޮން ގޮއްވާލާފަ. މިއީ ނައްތާލުމުގެ ހަނގުރާމައެއް. މިއީ ހަމައެކަނި ހަނގުރާމައެއް ނޫން. މިއީ އިންސާނުން - ނެތި ގޮސްފަ ތިބި ބައެއް. ހުރިހާ ޖީލެއް ނެތިކޮށްފި. ކޮންމެ ޖީލެއްވެސް ބޮޑުވެގެން އަންނައިރަށް ނެތިކޮށްލަނީ. އެއީ އިންސާނުންނެއް ނޫންތަ؟ އިންތިހާ ހިތު ލޯބިދީގެން ގެންގުޅެމުން ދާ ދަރިން މަރަނީ، ކީއްކޮށްގެން؟ ކުށަކީ ކޮބާ؟ ކޮން ކަމެއް ކުރީ؟ މިއީ އަންހެނުން. އެމީހުން ތިބީ ވަރުބަލިވެފައި، އެމީހުން ދަރިން ތަރުބިއްޔަތުކޮށްފި، އެމީހުންނަކީ ނަފުސުގެ ދިފާޢުގައި ތެދުވާ ބައެއް. އެއީ ޟަޢީފު ބައެކެވެ. ރަނގަޅު ދިރިއުޅުމެއް ނެތް މިތާކު. ކެތްތެރިކަން ކޮޅުންލައިފި. އެއް ދުވަހުން، ދެ ދުވަހުން، މަހަކުން، ދެމަހުން ގޮސް ފަސް މަސް ހަމަސް މި ވަނީ މި ޙާލެއްގަ އުޅޭތާ. ބަލިމަޑުކަން ފެތުރިފަ. ބަނޑުގެ މައްސަލަތައް. ފަރުވާއެއް ނެތް. ބޯނެ ފެންފޮދެއްވެސް ނުލިބޭ އަހަރެމެންނަކަށް. އަންހެނުން ގެއްލި ހިނގައްޖެ. އަންހެނެކޭ ކިޔާނެ އެއްޗެއް ނެތް. ހުރިހާ ގޮތަކުންވެސް އަހަރެމެންނަށް އޮތީ ތަކުލީފު. އިންތިހާ ފަޤީރުކަމާއި ހިތާމައާއި ކެކުޅުން. އަހަރެމެންގެ ކުށަކީ ކޮބާ؟
އުއްމު ޒަޤޫތު؛ ޣައްޒާގައި ގެދޮރުގެއްލިފައި އިން އަންހެނެއް

ޣައްޒާގެ ޢާބާދީގެ ބޮޑު ބައެއް މިހަރު ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައެވެ. ޤަތުލުޢާންމުގައި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު، 1.7 މިލިއަނަށް އަރާ ކަމަށް އަންދާޒާ ކުރެވެއެވެ. ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ދުވަސްތައް ގުނަމުން ދާ އެތައް ބަޔަކީ، ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ހިޔާވަހިކަން ބަދަލު ކުރަން މަޖުބޫރުވެފައި ވާ މީހުންކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

އީމާން ޒަޤޫތު ބުނި ގޮތުގައި އޭނާގެ ބަލި ދަރިންނަށް ދޭނެ ބޭސްކޮޅެއްވެސް އޭނާއަކަށް ހޯދައި ނުދެވެއެވެ. ބޭނުންވާހާވެސް ކަމަކީ، ޢާންމު ދިރިއުޅުމަކަށް އަނބުރާ ދެވޭ ގޮތް ވުން ކަމަށްވެސް އީމާން ބުންޏެވެ.

މަރޗް 8 ގަ މިތާކު ނެތް އަންހެނުންގެ ދުވަހެއް. އަހަރެމެން އެ ދުވަސް ފާހަގައެއް ނުކުރަން. އެއީ، އަހަރެމެންގެ ތެރޭގަ އަންހެނުން ނެތީމަ. އަންހެނުން ނެތި ކޮށްފި. އެއީ ޚިދުމަތްތެރިން. ކަންކަން ކުރާ މީހުން. އަންހެނުންގެ ދުވަސް އަންނަނީ ޣައްޒާއިން ބޭރަށް. ފަލަސްޠީނުންވެސް ބޭރަށް. ފަލަސްޠީނަކު، ޚާއްޞަކޮށް ޣައްޒާގަ ނޯވޭ އަންހެނުންގެ ދުވަހެއް. އަންހެނުންގެ ޝަޚްސެއް މިތާކު ނެތް މިހާރު. އޮކްޓޯބަރ 7 ކުރިން، ޣައްޒާގެ އަންހެނުންނަކީވެސް ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުނު ބައެއް. އުފަލުގަ އުޅުނު ބައެއް. ހުރިހާ އެއްޗެއް ލިބި، ފުދިގެން އުޅުނު ބައެއް. އޮކްޓޯބަރ 7 އަށް ފަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. ބާކީ އަންހެނަކު ނެތް މިތާ... އަހަރެންގެ ގެދޮރެއް ނެތް. ހުރިހާ ދަރިންވެސް އުޅެނީ ބަލިވެ. އަހަރެންވެސް. ދޭނެ ބޭސްކޮޅެއް ނުފެނޭ. ބޭހަށް ސަލާންޖަހަން ޖެހެނީ. މެހިތަކާ ހެދި، ސާފުކޮށްހަދާލަން މި އުޅެނީ. އުންމީދަކީ އަމިއްލަ ގެދޮރަށް އަނބުރާ ދެވުން. ކުރީގެ ދިރިއުޅުމަށް ދެވުން. ހެނދުނު ހޭލައިގެން ދަރިންގެ ސްކޫލު ފިލާވަޅުތައް ހަދަން އެހީވެދީ، އެކުދިންނަށް ކާންބޯންދީ، ޢާންމު ދިރިއުޅުމަކަށް ދެވޭ ގޮތް ވުން.
އީމާން ޒަޤުތު؛ ޣައްޒާގައި ގެދޮރުގެއްލިފައި އިން އަންހެނެއް

ގެދޮރު ގެއްލި ރަފަޙަށް ޖަމާވެފައި ވާ މީހުންގެ ޢަދަދު، ގާތްގަނޑަކަށް 1.5 މިލިއަނަށް އަރައެވެ. ގިނައީ އުތުރުގެ ސަރަޙައްދުތައް ދޫކޮށް ދެކުނަށް ބަދަލުވި މީހުންނެވެ. ނިރުބަވެރި ޔަހޫދީން ކުރި ޢަމުރާ އެއްގޮތަށެވެ. އެވަރުން ނުވެގެން، ރަފަޙަށްވެސް ޔަހޫދީން ޙަމަލާ ދެއެވެ. މިދިޔަ 5 މަސްދުވަހުގެ ހަނދާންތަކުން، ޣައްޒާގެ ރަށްވެހިންގެ ލޯތަށް ވަނީ ތެންމާލާފައެވެ.

އަހަރެމެންގެ ތެރޭގަ ބަލިތައް އެބަ އުޅޭ، ފަރުވާއެއް ނުދެވޭ. ބޭހެއް ނެތް. މި ޙާލުގަ ދިރިއުޅެން، އަހަރެމެން ކީއް ކުރީ؟ ކީއް ކޮށްގެން މި ޙާލުގަ މި އުޅެން ޖެހެނީ؟ ޙަޔާތުން އަހަރެއް ގެއްލިއްޖެ. އަހަންނަށް ކޯންޗެއް މި ހަނގުރާމައިން ލިބުނީ؟ އަހަރެމެންނަށް ކޯންޗެއް ލިބުނީ؟ އަހަރެމެން މުޅިން ހަފުސްވެއްޖެ. ޢާއިލާތައް ނެތި ހިނގައްޖެއް. މި ޙާލު ޖައްސަން، އަހަރެމެން ކުރީ؟ އަހަރެމެންނަށްވެސް ގެދޮރަށް ދެވެން ޖެހޭނެ މިހާރު... ކޮބާ އަހަރެމެންގެ ކުށަކީ؟
ޝަހަދު ޝަރާފް؛ ޣައްޒާގައި ގެދޮރުގެއްލިފައި އިން އަންހެނެއް

އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގެ ސަބަބުން، ގައްޒާގައި ވަނީ އިންސާނީ ކާރިޘާއެއް އުފެދިފައެވެ. ކާބޯތަކެއްޗާއި ފެނާއި ބޭސް ލިބުމުގެ ދަތިކަން އޮތީ އޭގެ އެންމެ އިންތިހާއަށެވެ. ޤަތުލުޢާންމު ފެށި ގޮތަށް ފަށާ، ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ހަކަތައާއި ތެޔޮ އެތެރެ ކުރެވެން އޮތް ފުރުޞަތު އިޒްރޭލުން ބަންދު ކުރިއެވެ. ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުވެގެން ގޮސް، އެހީގެ ބައެއް ޤާފިލާތަށް ޣައްޒާއަށް ވަނުމަށް އިޒްރޭލުން ފުރުޞަތު ދިނެއް ކަމަކު، ޙަމަލާ މަޑުޖައްސާނުލާ ކަމަށްޓަކައި، އެހީގެ މިޝަންތައް ކުރިއަށް ގެންދިއުމަކީވެސް ތަކުލީފެކެވެ. ޣައްޒާއަށް ދުވާހެއްގެ މައްޗަށް 500 އެތައް ޓްރަކެއްގެ އެހީ ބޭނުންވި ނަމަވެސް، އިޒްރޭލުން ހުއްދަ ދެނީ 150 އަކަށް ޓްރަކަށެވެ.

މިދިޔަ އޮކްޓޯބަރ މަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު، 31000 އާ ގާތް ކުރެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ދޭ ޙަމަލާތަކުގައި ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުގައިވެސް އެތައް ބައެއްގެ ހަށިގަނޑުތައް ވާނެ ކަމަށް، ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މިބިންމަތިން ފޮހެލާން ވަޢުދުވާ ކަމަށް ބުނެ އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން މަރުވެދިޔަ މީހުންނާއި، ޒަޚަމްވީ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

- ކޮމެންޓް