ޕޮގްބާ އަކީ އާދަޔާ ޚިލާފު ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަށް ކުރިމަތިވި ސަސްޕެންޝަނާއެކު ޔުވެންޓަސް އަށް އަސަރު ކުރި ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ އަލެގްރީ ބުނެފި އެވެ.
މަނާ ބޭސް ބޭނުން ކުރިކަން ސާބިތުވުމުން، ފުޓުބޯޅައިގެ އެންމެހައި ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް، ޕޮގްބާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ސަސްޕެންޑު ކުރުމަށް، އިޓަލީގެ އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ނިންމީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލެގްރީ ބުނީ، ފުޓުބޯޅަ އަށް ގެއްލުނީ އާދަޔާ ޚިލާފު ކުޅުންތެރިޔެއް ކަމަށާއި، އެއީ ފުޓުބޯޅަ އަށް ވެސް ކުރިމަތިވި ދެރައެއް ކަމަށެވެ. އަލެގްރީ ބުނީ އެ މައްސަލައިގައި ކަންތައް ހިނގައިދިޔަ ގޮތް ނުވަތަ އެކަމުގެ ޤަވާއިދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެކަން ދޫކޮށްލާނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ކަމަށާއި، އަމިއްލަ ޙައިޞިއްޔަތުން ވެސް ޕޮގްބާ އަށް ދިމާވި ކަންތަކާ ދެރަވާ ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ. އަދި މި ދަނޑިވަޅުގައި އޭނާ އާއި ޔުވެންޓަސްގެ އިސްވެރިން އަދި ކުޅުންތެރިން ވެސް ތިބީ ޕޮގްބާ އަށް ހިތްވަރު ދޭން ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ޕޮގްބާ ބުނެފައި ވަނީ، އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ. ކޮޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި މައްސަލަ އިސްތިއުނާފު ކުރާއިރު، މުޅި ދިރިއުޅުން ބިނާާ ކޮށްފައި އޮތީ ފުޓުބޯޅަ އަށް ކަމަށް ވެސް ޕޮގްބާ ވަނީ ބުނެފަ އެވެ.
ޕޮގްބާ އަކީ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު، ގާތް ގާތުގައި އަނިޔާގެ މައްސަލަތައް ދިމާވެ ކުރީގެ މޮޅު ކުޅުން އޭނާ އަށް ވަނީ ނުދެއްކިފަ އެވެ.