ކ. މާލެ
|
1 މާރޗް 2024 | ހުކުރު 18:22
އާޒިމް
އާޒިމް
ރާއްޖެއެމްވީ
މާލެ ސަރަހައްދު ރައްކާތެރިކުރުން
މާލެ ސަރަހައްދުގައި އަނދިރިކޮށް ހުރި ތަންތަން ދިއްލުމުގެ މަސައްކަތް ފަށައިފި
އަނދިރިކޮށް އޮންނަ ތަންތަނުގައި ކުށްކުރުމާއި، އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަންކަން ހިނގުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވޭ

މާލެ ސަރަހައްދުގައި އަނދިރިކޮށް ހުރި ހުރިހާތަނެއް ދިއްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މާލެ ހިތްފަސޭހަ އަދި ރައްކާތެރިތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އަނދިރިކޮށް ހުރި ހުރިހާތަނެއް ދިއްލުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ތަންތަނުގެ ތެރެއިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ދިއްލާ އަލިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ މާލެ ސަރަހައްދުގެ ތަންތަން ރަނގަޅަށް ދިއްލުމުގެ މަސައްކަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ގެނެސްދިނުމަށް ކުރާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް ނިމޭ އިރު އެއްވެސް ތަނެއް އަނދިރިކޮށް ނޮއޮންނާނެ ކަމަށް ވިދާޅުވިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެތިން ހަފްތާތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައވެެ.

މާލެ ވިލިމާލޭގެ އަދި ހުޅުމާލޭގަ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަނެއް ޕާކިން އާއި ސަހަރާތައް ވެސް ދިއްލާ އަލިކުރާނެ. މިހާރުވެސް މާލޭގަ އާޓިފިޝަލް ބީޗްގައި މަސައްކަތް ފެށިގެން ކުރިއަށް ދަނީ މަަސައްކަތް. މި މަސައްކަތް ނިމުމުން ނޮއޮންނާނެ އަނދިރިކޮށް އޮތް އެއްވެސް ތަނެއް.
މޭޔަރ އާޒިމް

އާޒިމް އެފަދައިން ވިދާޅުވެފައިވާއިރު މާލެ ސަރަހައްދުގެ އަނދިރިކޮށް އޮންނަ ތަންތަނުގައި ކުށްކުރުމާއި، އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަންކަން ހިނގުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް