ކެއްސާތީ ދިން ބޭހެއްގެ ސަބަބުން 68 ކުޑަކުދިން މަރުވި މައްސަލަ އެއްގައި އުޒްބަކިސްތާންގައި 23 މީހުން ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. މިމީހުންގެ މައްޗަށް ސާބިތުވެފައިވާ ޖަރީމާތަކުގެ ތެރޭގައި މިންގަނޑަށް ނުފެތޭ ނުވަތަ ކައުންޓަފީޓް ބޭސް ވިއްކުމާ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާ ، ކަންކަމަށް އަޅާނުލާ ދޫކޮށްލުމާ، ރިޝްވަތު ހިފުމާ ދިނުން އަދި ޓެކްސް އަށް މަކަރުހެދުން ހިމެނެއެވެ.
މި 23 މީހުން ނަށް އިއްވާފައިވަނީ އެކި މުއްދަތުގެ ހުކުމެވެ. މިގޮތުން ދެއަހަރާ 20 އަހަރާ ދެމެދުގެ މުއްދަތު ތަކަކަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
މީގެ ހަމަސް ކުރިން މިޝަރީއަތް ފެށުނު އިރު މިފަދަ ނުރަގަޅު ބޭހުގެ ސަބަބުން މަރުވި ކުދިންގެ އަދަދު ކަމަށް ރިޕޯޓް ކޮށްފައިވަނީ 65 ނަމަވެސް މިދިޔަމަހު އިތުރު ތިން ކުދިން މަރުވެފައިވާކަން ޕްރޮސެކިއުޓަރުން ވަނީ ފާހަގަ ކޮށްފައެވެ.
މައްސަލަ ޖެހިފައިވާ ބޭސް އުފައްދާފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ "މެރިއޮން ބަޔޯޓެކް" އިންނެވެ. އަދި ޑިސްޓްރިބިއުޓް ކޮށްފައިވަނީ އުޒްބަކިސްތާންގެ "ކުރަމެކްސް މެޑިކަލް" އިންނެވެ.
ޖަލަށް ލުމަށް ހުކުމް ކުރި 23 މީހުންގެ ތެރެއިން 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ކުރަމެކްސް މެޑިކަލްގެ އެގްޒެކެޓިވް ޑިރެކްޓަރ އެކެވެ.
އިމްޕޯޓް ކުރެވޭބޭސް ޓެސްޓްނުކޮށް ލައިސަންސް ދިން ކުރީގެ ބައެއް އޮފިޝަލުންނަށްވެސް ދިގު ޖަލު ހުކުމްތައް އިއްވާފައި ވެއެވެ.
ކެއްސާތީ ދޭ ބޭހުން އުޒްބަކިސްތާންގައި ކުދިން މަރުވަމުންދާ މައްސަލަ މިދިޔަ ޖެނުއަރީ މަހު ޑަބްލިއު އެޗްއޯ އިންވެސް ވަނީ ފާހަގަ ކޮށްފައެވެ. ޑަބްލިއު އެޗްއޯ އިން ބުނެފައިވާ ގޮތުގައި މިދެބޭހަކީ "އެމްބްރޮނޯލް" އަދި "ޑޮކް ވަން މެކްސް" އެވެ. މިދެބޭހުގަވެސް ވަރަށް މަތީ މިންވަރަކަށް "ކޮންޓެމިނަންޓްސް" ނުވަތަ ހުންނަންނުޖެހޭ ބާވަތްތަކުން ތަޤައްޔަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.
މެރިއޮން ބައޯޓެކް މިކަން ދޮގު ކުރެއެވެ. ނަމަވެސް އިންޑިޔާގެ ހެލްތު މިނިސްޓްރީ މެދުވެރިވެގެން މިދެބޭސް އުފެއްދުން ވަނީ ހުއްޓުވާފައެވެ. އަދި ކުންފުނީގެ ލައިސަންސް ވަނީ ސަސްޕެންޑް ކޮށް އަދި ފަހުން ބާތިލު ކޮށްފައެވެ.
ތަޤައްޔަރުވެފައިވާ ބޭސް ބުއިމުގެ ސަބަބުން މަރުވި 68 ކުދިންގެ ކޮންމެ އާއިލާއަކަށް 80ހާސް ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށްވެސް ކޯޓުން ހުކުމް ކޮށްފައިވެއެވެ. އަދި ބޭސް ބުއިމުގެ ސަބަބުން ނުކުޅެދޭ ހާލަތަށް ދިޔަ ހަތަރު ކުދިންނަށްވެސް މިއަދަދަށް ފައިސާ ދިނުމަށް ހުކުމް ކޮށްފައި ވެއެވެ.
ގެމްބިއާ އާ އެހެންވެސް ބައެއް ފަގީރު ގައުމުތަކުގައިވެސްއިންޑިޔާގެ ކޮފްސިރަޕް ދީގެން ކުދިންތަކެއް މަރުވި މައްސަލަ ތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.