ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 18:05
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ތުއްތުކުއްޖެއްގެ ހަށިގަނޑު
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ތުއްތުކުއްޖެއްގެ ހަށިގަނޑު
އަނަދޮލޫ
ޣައްޒާ ހަނގުރާމައިގެ ނުރައްކާތެރިކަން
ޣައްޒާ ހަނގުރާމައިގައި މަރުވި ކުޑަކުދިންނާއި އަންހެނުންގެ އަދަދު، ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށްވުރެ ހަގުނަ އިތުރު
ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި 12،660 ކުޑަކުދިންނާއި 8،570 އަންހެނުން ޝަހީދުކޮށްލާފައިވޭ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި މަރުވީ 2،992 އަންހެނުންނާއި 579 ކުޑަކުދިން

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި މަރުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދު، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށްވުރެ ހަގުނަ އިތުރުވެފައި ވާއިރު، ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ އަނިޔާވެރިކަން ހާމަވެގެން ދެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އާންމުން މަރުވުމާއި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން މަރުވަމުންދާއިރު، ގާތްގަނޑަކަށް 2.3 މިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ އެންކްލޭވްއަށް ވައިގެ މަގުންނާއި އެއްގަމާއި ކަނޑުމަގުން އިސްރާއީލުން ދަނީ ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދެމުންނެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 66،000 ޓަނަށްވުރެ ގިނަ ގޮވާތަކެތި ބޭނުންކޮށްފައިވާއިރު، ޣައްޒާގައި އަކަކިލޯމީޓަރަކަށް އެވްރެޖްކޮށް 183 ޓަނުގެ ބަޑިބޭސް ބޭނުންކޮށްފައި ވެއެވެ.

މި ހަމަލާތަކުގައި ޣައްޒާ ހަލާކުވެފައިވާއިރު، ފަލަސްތީނުގެ 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 29،410 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 12،660 ކުޑަކުދިންނާއި 8،570 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން 69،465 މީހުން ޒަޚަމްވެފައިވާއިރު، ޒަޚަމްވި މީހުންގެ 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އަދިވެސް އެތައް ހާސް ބަޔަކު ވާކަމަށް ރިޕޯޓްކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުން ހިމާޔަތް ހޯދާ ހޮސްޕިޓަލްތަކަށާއި ތައުލީމީ މަރުކަޒުތަކަށްވެސް ހަމަލާދީ، މަދަނީ އުމްރާނީ ވަސީލަތްތައް ވެސް ދަނީ ހަލާކުކުރަމުންނެވެ.

އަނެއްކޮޅުން ހަމަލާތަކުން ސަލާމަތްވާން ދަތިވެފައިވާ ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ވަނީ، އެ ސަރަހައްދަށް އެހީ ގެނައުމަށް ތެލްއަވީވުން ހުރަސް އެޅުމުގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ.

އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.2 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައި ވާކަމުގެ އިންޒާރު އދ.ން ވަނީ ދީފައެވެ.

އދ.ން ބުނީ، އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ގައި ވާގޮތުން، ޣައްޒާގެ 378،000 މީހުންނަށް ފޭސް 5ގައި ބަނޑުހައިހޫނުކަން ކުރިމަތިވާކަމަށާއި ހަތަރުވަނަ ފިޔަވަހީގައި 939،000 މީހުންނަށް އިމަޖެންސީ ލެވެލްގެ ބަނޑުހައިހޫނުކަން ކުރިމަތިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން "ކްރިޓިކަލް"ގެ ގޮތުގައި ގިންތިކޮށްފައިވާ ކާބޯތަކެތީގެ ނުރައްކާތެރިކަން 15 އިންސައްތައަށްވުރެ މައްޗަށް ގޮސް، 16.2 އިންސައްތައަށް ވަނީ މިހާރު އަރައިފައެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ން ވަނީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމާއެކު ބެހުމުގެ ހުއްދަ ދޭ ޝަރުތުތައް ފުރިހަމަވަންދެން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ފުރާނަ ސަލާމަތްކޮށްދޭ ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ.

ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ)ން ވެސް ވަނީ، އިސްރާއީލުން ބަނޑުހައިހޫނުކަމާއި ފިނިކަމުގައި ތިބުމަށް މަޖުބޫރުކޮށްފައިވާ ޣައްޒާގެ އުތުރުގެ ފަލަސްތީނު ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގެ ބިރާ ކުރިމަތިވެފައި ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް މިހާރު މަޖުބޫރުވަނީ ރޮށިފިހާނެ ފުށް ހޯދުމަށް ޖަނަވާރުގެ ކާނާ މުގުރައިގެން ބޭނުން ކުރުމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އާންމުން މަރުވުން

ޔޫކްރެއިންގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް މޮނިޓަރިން މިޝަން (އެޗްއާރުއެމްއެމްޔޫ)ން ބުނިގޮތުގައި، 2022 ވަނަ އަހަރުގެ ކުރީކޮޅު އެ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 579 ކުޑަކުދިންނާއި 2،992 އަންހެނުން ހިމެނޭ ގޮތަށް އާންމުންގެ 10،378 މީހުން މަރުވެ، 19،632 މީހުން ވަނީ ޒަޚަމްވެފައެވެ.

އޭގެތެރޭން 8،095 މީހުން މަރުވެފައިވަނީ ޔޫކްރެއިންގެ ސަރަހައްދުން ކަމަށާއި، 2،283 މީހުން މަރުވެފައިވަނީ ގަވައިދާ ހިލާފަށް ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކުގައި ކަމަށް އެ އެޖެންސީން ބުނެއެވެ. އެޗްއާރްއެމްއެމްޔޫން ލަފާކުރާ ގޮތުގައި، އެ އަދަދު މިއަށްވުރެ ވެސް މަތިވެދާނެއެވެ.

އެ އެޖެންސީން ބުނާގޮތުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި މަރާލި އަންހެނުންނާއި ކުޑަކުދިންގެ އަދަދު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ އަހަރު ދުވަހުގެ ތެރޭގައި ޝަހީދުކޮށްލި އަންހެނުންނާއި ކުޑަކުދިންގެ އަދަދަށްވުރެ ހަގުނަ ވަނީ އިތުރުވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ފިލަންދާނެ އެއްވެސް ތަނެއް ނެތް

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެ ޔޫކްރެއިންގެ އެތައް މިލިއަން ރައްޔިތުންނެއް މި ހަމަލާތަކުގެ ސަބަބުން އެމީހުންގެ ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކުގައި ހިމާޔަތް ހޯދަން ވަނީ މަޖުބޫރުވެފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޔޫކްރެއިނަށް ތާއީދުކުރާ ޔޫރަޕުގެ ގައުމުތަކުން ވަނީ ޔޫކްރެއިންގެ އާންމުންނަށް މަރުހަބާ ކިޔާފައެވެ.

ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އެއްގަމާއި ވައިގެ އަދި ކަނޑުގެ ލޮކްޑައުންގެ ދަށުގައި އޮތް ޣައްޒާގައި ތިބި ފަލަސްތީނުގެ 2.3 މިލިއަން މީހުން ތިބީ ގާތްގަނޑަކަށް 360 އަކަކިލޯމީޓަރު (139 އަކަމޭލު)ގެ ސަރަހައްދެއްގައި ތާށިވެފައެވެ.

މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގައި ހިމާޔަތް ހޯދޭނެ ރައްކާތެރި ތަނެއް ނެތެވެ.

ޣައްޒާގެ އުތުރާއި މެދުތެރެއާއި ދެކުނުގައި ދިން ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ދަނީ 64 އަކަކިލޯމީޓަރުގެ ސަރަހައްދެއް ހިމެނޭ ރަފަހްގައި ހިމާޔަތް ހޯދަމުންނެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެ ކުރިން 280،000ގައި އޮތް ރަފަހްގެ އާބާދީ ފަސްގުނައަށްވުރެ އިތުރުވެފައި ވަނީ، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ހިޖުރަކުރުމުގެ ސަބަބުން ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އެ ކުޑަ ބިމުގައި ހިމާޔަތް ހޯދައިފައިވާތީއެވެ.

އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ރަފަހްގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ވަގުތީ ޓެންޓުތަކުގައެވެ.

އިސްރާއީލު ސަރުކާރުން ދަނީ ރަފަހަށް އެއްގަމު މަގުން ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދެމުންނެވެ.

ރަފަހަށް ހަމަލާދީފިނަމަ އެތަނުގައި ހިމާޔަތް ހޯދާ ފަލަސްތީނުގެ ރައްޔިތުންނަށް މިއަށްވުރެ ވެސް އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރަމުން ދާއިރު، އިސްރާއީލުގެ ސަބަބުން އެ ސަރަހައްދަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްކަމަށް، އެހީދޭ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.

ޔޫކްރެއިން ހަނގުރާމައާ ޣައްޒާ ހަނގުރާމަ އަޅާކިޔާއިރު، ޔޫކްރެއިނުގައި ހަނގުރާމަ ހިނގަމުންދާ މައިދާނާ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތުގެ ބިރުވެރިކަން ދައްކުވައިދޭ ފޮޓޯތަކަކީ ވެސް އެފަދަ އާދަޔާޚިލާފު ފޮޓޯތަކެކެވެ. އަދި ހަމަ އެހެންމެ ޣައްޒާއާއި ޔޫކްރެއިންގައި އަޅުކަން ކުރާ ތަންތަނަށް ދަނީ ގެއްލުން ދެމުންނެވެ.

އެހެންކަމުން ޔޫކްރެއިން ހަނގުރާމައާއި ޣައްޒާ ހަނގުރާމައަށް ފުންކޮށް ވިސްނާލާއިރު، ޔޫކްރެއިނުން މަރުވި މީހުންގެ ނިސްބަތާއި، ޣައްޒާގައި ޝަހީދުވި މުސްލިމުންގެ ނިސްބަތަކީ އަޅައިކިޔޭނެ މިންވަރެއް ނޫނެވެ. އަދި ލިބުނު ގެއްލުންތަކަށް ބަލާއިރުވެސް، އެ ދެ ހަނގުރާމަ އެއްވެސް ގޮތަކުން ހަމަހަމައެއް ނުކުރެވޭނެއެވެ.

- ކޮމެންޓް