އިންސާނަކަށް ދުނިޔެމަތީގައި ޖެހޭނެ އެންމެ ހިތްދަތި ހާލު ޖެހިފައި ތިބި އެއް ބަޔަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ ރަށްވެހިންނެވެ. އިންސާނީ ކަރާމާތާއި އަބުރާއި ޢިއްޒަތް، ޚުދުމުޚުތާރު އިޒްރޭލުގެ ނިރުބަވެރި ހަމަލާތަކުގައި ވެއްޔާމޮޑެ ކަފުންކޮށްފިއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޣައްޒާގެ މުޅި އާބާދީހެން، އުފަން ފަސްގަނޑުގައި ރެފިއުޖީންނަށްވެ ބަނޑަށްޖެހިފައި ވާއިރު، ބައެއް އާއިލާތަކުން މިއަދު ދިރިއުޅެމުންދަނީ ޖަނަވާރުން ގެންގުޅެން ހަދާފައިވާ ތަންތަނުގައެވެ. ކައިއުޅެނީވެސް ޖަނަވާރުތަކަށް ހަދާފައި ހުންނަ އެއްޗެއްސެވެ.
ބަނޑުހައި ހޫނުކަމުގައި 4 މަސްދުވަސް ހޭދަކޮށްފައި ވާއިރު، މިއިން ދުވަހަކުވެސް ގަތުލުއާންމު ހުއްޓާލާނެކަމުގެ އިޝާރާތެއް ނުލިބެއެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް މަޙުރޫމުކޮށްފައި އޮތް ޣައްޒާގެ ރަށްވެހިންނަށް މިއިން ދުވަހަކުވެސް ބަނޑުފުރާނަ މުއްތިކޮށްލެވޭ ވަރަށް ކާއެތިކޮޅެއް ލިބިދާނެކަމުގެ އުންމީދު ވަނީ ފަނޑުވެފައެވެ.
އިޒްރޭލުގެ ގަތުލުއާންމު ފެށުމާއެކުހެން ހަމަލާތައް އެންމެ ވަރުގަދަކުރި އުތުރުގެ ސަރަހައްދުތަކުގެ ގިނަ މީހުން މިއަދު ކަނީ ޖަނަވާރުތަކާއި ނަޢަމްސޫފި ކެއުމަށް ހަދާފައިހުރި ތަކެއްޗެވެ. ހައިކަން ފިލުވާލުމަށްޓަކައި، ޖަނަވާރު ކާން ޚާއްޞަކޮށްފައި ހުންނަ ތަކެއްޗަށް ފުށްކޮޅެއް އަޅާލައިގެން ފުއްދާލަނީއެވެ. ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ އިތުރު ފިއްތުންތަކާ ހެދި އެ ސިޓީއަށް ބޭނުންވާ އެންމެ ޒަރޫރީ މުދާވެސް އޮންނަނީ އެތެރެކުރެވޭ ގޮތް ނުވެފައެވެ. ނަތީޖާއަކަށްވީ، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުމެވެ. ކާބޯތަކެތީގެ އަގުވެސް އިސްތިސްނާއެއް ނުވެއެވެ.
ޣައްޒާގެ ގަބުރުސްތާނުތައް ފުރި، ހެދޭނެ އިތުރު ގޮތެއް ނެތުމުން، ކޮންމެ ދުވަހަކުވެސް މަރުވަމުންދާ އެތައް ބަޔަކު އެއް ވަޅުގަނޑެއްގައި ވަޅުލާއިރު، އޭގެ ތެރޭގައި ބަނޑަށްޖެހިގެން މަރުވި މީހުން ހިމެނެއެވެ. 21 ވަނަ ޤަރުނުގައި ބަޔަކު ބަނޑަށް ޖެހިގެން މަރުވާއިރު، އެއީވެސް ނަސްލު ދޮވެލަން ހިންގާ ގަތުލުއާންމެކޭ ބުނެލަން ކެރުނު "ލީޑަރެއް" ކޮބައިތޯއެވެ؟
ޣައްޒާއަށް ކާބޯތަކެތި ލިބުން، އޭގެ އެންމެ އިންތިހާއަށް ދަތިވެފައި ވާއިރު، ބަނޑަށް އެއްޗެއް ނުލައި އެތައް ދުވަހެއް ހޭދަކުރާ ގިނަ ބަޔަކު މިއަދު އެ ސިޓީގައި އެބަތިއްބެވެ.
ޣައްޒާގެ އެންމެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި ގޮވާން މުގުރާ ތަނެއް ހިންގާ ޞާލިޙު ބަޔީދު ކިޔައިދިން ގޮތުގައި، ގޮދަން ކަނޑައި، މުގުރަން އޭނާ ގާތަށް އަންނަ މީހުންގެ އަދަދު، ދުވަހަކަށްވުރެ ދުވަހެއް ދަނީ މަދުވަމުންނެވެ. ޚިދުމަތް ހޯދަން އަންނަ ގިނަ މީހުން ގެންނަނީ މީގެ ކުރިން ޖަނަވާރުތަކާއި ނަޢަމްސޫތްޕަށް ކާންދީ އުޅުނު ތަކެތި ކަންވެސް ޞާލިޙު ފާހަގަކުރިއެވެ.
ކަސްޓަމަރުން ގެންނަ ކޮންމެ އެއްޗެއްވެސް އަހަރެމެން ކަނޑާ، މުގުރައިދެން. މި ފަހަކަށް އައިސް ވަރަށް ގިނަ މީހުން އެބައާދޭ ބޮޑެތި ބަސްތާއާ ކޮތަޅު ހިފައިގެން. ދެން މަ އަހައިފިން ތީ ކޯޗެއްހޭ. އެމީހުން ބުނީ އެއީ ދޫނި ކާ އެއްޗެއްސޭ.ޞާލިޙު ބަޔީދު؛ ގޮވާން މުގުރުމުގެ ޚިދުމަތް ދޭ މީހެއް
ޣައްޒާއަށް ބޭނުންވާ އިންސާނިއްޔަތުކަމުގެ ސަޕްލައި ހުއްޓުވާފައި ނުވާނެކަމަށް ޔަހޫދީ އިޒްރޭލުން ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް، ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޣައްޒާއަށް ފޯރާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ބާޒާރުން މިހާރު ލިބެންހުރީ ގޮވާމުގެ ވަރަށް މަދު މިންވަރެއް. އަގު އެހާ ބޮޑު. ގަތުލުއާންމު ފެށިތާ ކައިރީގަ ބާރުލީ ކިލޯއެއް ލިބޭނެ 8 ޝެލްކްއަށް. މިހާރު، ބާރުލީ ކިލޯއެއްގެ އޮތީ 25 ޝެކްލްއަށް އުފުލިފަ.ޞާލިޙު ބަޔީދު؛ ގޮވާން މުގުރުމުގެ ޚިދުމަތް ދޭ މީހެއް
5 ވަނަ މަހަކަށް ހަނގުރާމަ ދިގުލައިގެން ދާއިރު، ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ފޯރާފައިވަނީ އެހީގެ ކުޑަ މިންވަރެކެވެ. އެއާއެކު ކާބޯތަކެތީގެ އަގު އުފުލި، އާންމު މީހަކަށް ފުށްފަދަ ޒަރޫރީ ބާވަތްތައް ގަތުމުގެ ތަނަވަސްކަން ވެސް ވަނީ ނުލިބިފައެވެ.
އަހަރެމެން މިހާރު ކައި މި އުޅެނީ ނަޢަމްސޫތްޕަށް ހަދާފަ ހުރި އެއްޗެހި. މީގެ ކުރިން މީހަކު ނުކާނެ އެ އެއްޗެއްސެއް. ބައެއް ފަހަރު، ކާއިރު، އޭގަ ވެލިވެސް ހުރޭ. އެކަމަކު، އަހަރެމެންނަކަށް އެހެން ގޮތެއް ނެތް. ވިއްކަން ހުރި އެއްޗެއް ކާންތާ ޖެހޭނީ.އަބޫ އައިމަން ޙައްދާދު؛ ޣައްޒާގެ ރަށްވެއްސެއް
ކާބޯތަކެތީގެ ދަތިކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައި ވާއިރު، ޣައްޒާ ސިޓީގެ ގިނަ ބައެއްގެ ކިބައިން މިހާރު ވަނީ މެލްނިއުޓްރިޝަންގެ އަސަރުތައް ފެންނަން ފަށާފައެވެ. އެތައް ބަޔަކު ދަނީ އެ ވޭން ތަޙައްމަލު ކުރަމުންނެވެ. ބަނޑުހައިހޫނުކަމާއި އިންތިހާ ފަގީރުކަމުގެ ވަޅުގަނޑަކަށް މުޅި ޣައްޒާ ނުވެއްޓި އޮތީ ހަމަ ކިރިޔާއެވެ.