މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމުގައި މާލެ ސިޓީ ކައުންސިލްގެ ބަހެއް ހިމެނޭ ގޮތަށް ކަންކަން ކުރުމަށް ގޮވާލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް އަވަހަށް ސިޓީފުޅެއް ފޮނުއްވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާއްމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ކުރައްވާ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ގުޅީފަޅު ހިއްކުން ހުއްޓާލުމަކީ ގޯސްކޮށް ހިނގާފައިވާ ކަމެއް ކަމަށެވެ. މާލޭގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުން ދަނީ ވަރަށް ދެރަ ނިކަމެތި ހާލުގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރާއި ހުރިހާ އިދާރާތަކުން ވެސް މަސައްކަތްކޮށްދޭން ވާނީ އެކަން ހައްލުކުރެވޭނެ ގޮތެއް ހޯދަން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެއީ ނާތަހުޒީބު ކަމެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލޭގައިދިރިއުޅޭ 8000 އެއްހާ ދަފްތަރު ރައްޔިތުން ވެސް އެބަ ތިބި ކަމަށާއި އެ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ވިސްނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ގުޅީފަޅާއި، ގިރާވަރު އަދި އުތުރުތިލަފަޅު ވެސް ހިއްކަން ޖެހޭ ކަމަށާއި މާލޭގައި ހުރެފައި ބްރިޖަކުން ދެވޭ ހިސާބުގައި ހުރި ތަންތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން މުހިންމު ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އެ ނޫން ގޮތަކަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަކީ ޤަބޫލުކުރައްވާ ގޮތެއް ނޫން ކަަމަށް އާޒިމް ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރގެ ހައިސިއްޔަތުން ފްލެޓާއި ގޯތި ދޭއިރު މާލެސިޓީ ކައުންސިލްގެ ބަހެއް ހިމެނުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މޭޔަރކަމުގެ މަޤާމުގެ ހުވާކުރެއްވި ދުވަހު ވެސް މާލޭގެ އިހުތިސާސް އަށް ގުޅީފަޅާއި، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ހުޅުމާލެ ފޭސް 3 މާލޭގެ އިހުތިސާސް ތެރެއަށް ވައްދަވާދެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ. ކައުންސިލުން މަޝްވަރާކޮށްގެން މާލެގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އިތުރަށް ކުރެވެން ހުރިކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން އާޒިމް ވަނީ ދެއްވާފައެވެ.