Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 07:04
އިންތިޚާބީ މަރުކަޒު
އިންތިޚާބީ މަރުކަޒު
ރާއްޖެއެމްވީ
އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން
ދާއިރާގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން ސޮއިކުރެވޭނީ އަމިއްލަ ގޮތުން ވާދަކުރާ އެއް ކެންޑިޑޭޓަކަށް
އަމިއްލަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބީ ދާއިރާގެ މަދުވެގެން 50 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާއީދު ކުރުމުގެ ގޮތުން، އެ ދާއިރާއެއްގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންނަށް ސޮއި ކުރެވޭނީ އެ ދާއިރާއަކަށް ކުރިމަތިލާ އެންމެ ކެންޑިޑޭޓަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރާ މީހަކު ނަމަ ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށެވެ.

އެކަމާއި ގުޅިގެން ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެކަކު ސޮއިކޮށްފައިވާނަމަ، އިލެކްޝަންސް ކޮމިޝަނުން ސައްހަ ސޮއިކަމަށް ބަލަނީ ފުރަތަމަ ހުށަހެޅި ހުށަހެޅުމަށްކަމަށެވެ. އަދި އަމިއްލަ ކެންޑިޑޭޓުން ލޯގޯ ހުށަހަޅާއިރުވެސް ދެ ލޯގޯއެއް އެއްގޮތް ވެއްޖެނަމަ، ފާސްކޮށްދޭނީ ފުރަތަމަ ހުށަހެޅި ފަރާތުގެ ލޯގޯކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement

އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން ސޮއި ހަމަކުރުމުގަޔާއި ލޯގޯ ހުށަހެޅުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް ހަބީބު ވަނީ އެދިވަޑައިގަންނަވާފައެވެ.

އަންނަ މަރޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް