ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގު ވެރިކަން ކުރާ ޕީއެންސީން ވެއްދި މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްކަމަށް ބުނެ އެ މައްސަލަ ފައިލްކޮށްފިއެވެ.
ތޯރިގުގެ ނަމުގައި ޕީއެންސީން ވަގު ފޯމެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ފުލުހުން ބަލައި އެ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ވާގޮތުން، އެ ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އަދި އެކަން ފުލުހުންގެ މުއައްސަސާއިން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ، ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ 5000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަންގާފައި ވާތީ އާއި އެ މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޕީއެންސީން ހުށަހެޅި ފޯމުގައި ޖަހާފައިވާ އިނގިލީގެ ނިޝާނާއި ތޯރިގުގެ އިނގިލީގެ ނިޝާނާއި ދިމާ ނުވާކަމަށެވެ. އަދި އެ ފޯމުގައިވާ އިނގިލީގެ ނިޝާން ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާ ނުވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީއެންއާރު ތެރޭގައި ޕީއެންސީ އަށް މެމްބަރުން ވެއްދުމަށް ފޯމު ފުރައި، ފޮޓޯތައް ޖަހައި އަދި އެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.
އެ ފޮޓޯ ތަކުގައި މިނިސްޓަރު އިޙުސާންގެ އިތުރުން، ހޯމް މިނިސްޓްރީގެ އެހެން ސިޔާސީ ވެރިން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު ވެސް އިންނެވި އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރު އިޙުސާން އަށް އަމާޒުވީއިރު، ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ގޮވާލާފައި އެވެ.