Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 23:49
ދަރުބާރުގޭގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒު
ދަރުބާރުގޭގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒު
އަމްނާ އިމާދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ރީ ރަޖިސްޓްރޭޝަނަށް މިހާތަނަށް 7350 މީހުން ހުށަހަޅައިފި
6465 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވޭ
ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 7350 މީހުން ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ. ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް 7350 މީހުން ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 6465 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާކަމަށެވެ. އަދި 885 ހުށަހެޅުމެއް ބަލައިނުގަންނަކަމަށް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)ން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414)  އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.

Advertisement

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށްށެވެ. އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. 2024 ފެބުރުވަރީ 07 ވާ ބުދަ ދުވަހު ހަވީރު 04:00 ނިޔަލަށެވެ.

އީސީން ބުނެފައިވާ ގޮތުގައި 284327 މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް