އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމާ ގުޅޭ އަޑުއެހުމެއް ބާއްވައިފިއެވެ.
މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައެޅީއެވެ.
ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ މި އަޑުއެހުމަކީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ.
މި އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ޝާ އަލޮމް މިއާ މެރުމަށް ކޮށްފައިވާ ޙުކުމަކީ ސައްޙަ ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
މި އަޑުއެހުުމުގައި ފަނޑިޔާރުން ވަނީ ޝާ އަލޮމްގެ ވަކީލު ކޯޓަށް ހުށަހަޅާފައިވާ ސިޓީއަކާއި ގުޅިގެން ސުވާލު ކުރައްވާފައެވެ. އެގޮތުން ވަކީލު ވަނީ އޭނާއާ ޝާ އަލޮމްއާ ދެމެދު މައްސަލައާ ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.
އެކަމާ ނުރުހުން ފާޅު ކުރައްވައި ފަނޑިޔާރުން ވިދާޅުވީ، ވަކީލާ މުވައްކިލާ ދެމެދު މައްސަލައާ ގުޅިގެން ކުރެވޭ މަޝްވަރާތަކަކީ ހާމަކޮށްގެންވާނެ މައުލޫމާތެއް ނޫން ކަމަށާއި، އެކަން ވަކީލަށްވެސް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެއީ ވަކީލުގެ ސުލޫކީ މައްސަލައެއް ގޮތުގައިވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ޝާ އަލޮމް ބުނެފައިވަނީ އޭނާ މިހާރު ވަކީލަކު ބޭނުން ނުވާ ކަމަށާއި، އިތުރަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް، އޭނާގެ މައްޗަށް ޙުކުމް ކުރެއްވުމަށް އެދޭކަމަށެވެ. ވަކީލެއްގެ ފުރުސަތުވެސް އޭނާ އިތުރަށް ބޭނުންނުވާކަަމަށް އޭނާ ބުނެއެވެ.
ޝާ އަލޮމް ބުނީ، އޭނާ ތަހުގީގާއި ދަށު ކޯޓުގައި އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް އޭނާއަށް އެއްވެސް ލުޔެއް ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހޭކަމަށެވެ. އޭނާއަށް ލުޔެއް ދިނުމަށް މި އަޑުއެހުމުގައި އޭނާ އެދިފައިވެއެވެ. އަދި ދަށު ކޯޓުގެ ނިންމުމާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް ޝާ އަލޮމް ބުންޏެވެ.
އެހެންނަމަވެސް މި އަޑުއެހުމުގައި ފަހުން އަނެއްކާވެސް އޭނާ ވަނީ ދަށު ކޯޓުގެ ޙުކުމުގެ ސަބަބުން އޭނާގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެފައެވެ. އޭގެ ސަބަބެއްކަމަށް އޭނާ ބުނީ، އޭނާ ކުރި ކަންކަމާއި ނުކުރާ ކަންކަމަށްވެސް އިއުތިރާފުވުމުން، ލުޔެއް ނުލިބުންކަމަށެވެ.
ޝާ އަލޮމް ބުނީ، އޭނާއަށް އެނގޭ ގޮތުގައި އޭނާއަށް އިއްވާފައިވަނީ 99 އަހަރުގެ ޖަލު ޙުކުމެއްކަމަށެވެ. ނަމަވެސް އެގޮތަށް އޭނާއަށް ދަށު ކޯޓުގައި ތަރުޖަމާ ކޮށްދީފައިނުވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ އޭނާއަށް މަރަން ޙުކުމް ކޮށްފައިވާކަން އެނގޭތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ، އޭނާއަށް މަރަން ޙުކުމްކުރިކަން އެނގުނީ ޖަލަށް ދިޔަ ފަހުންކަމަށެވެ.
މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ މިއީ އިސްތިއުނާފީ މައްސަލައެއް ނޫންކަމާއި، މިއީ ދަށު ކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެއްކަން ހަނދާން ކޮށްދެއްވާފައެވެ.
އަދި އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ހަމައެކަނި އޭނާގެ އިއުތިރާފުން ނޫންކަމާއި، އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅިފައިވާކަން ވެސް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ވަކީލެއްގެ ފުރުސަތު ބޭނުން ނުވި ނަމަވެސް، އޭނާ ޝަރީއަތުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކައިގެން ނުވާނެކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
މި މައްސަަލައާ ގުޅިގެން އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.
މި މައްސަަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް ބުނީ، އޭނާގެ ދިފާއީ ވަކީލުވެސް ތަރުޖަމާނުވެސް އޭނާ ގާތުގައި ކުށަށް އިއުތިރާފުވުމަށް ލަފާ ދީފައިވާ ކަމަށެވެ. އެގޮތުން އޭނާ އެއްބަސްވުމުން، ޑީޕޯޓު ކޮށްދޭނެކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާކަމަށް ޝާ އަލޮމް ބުނެއެވެ.
އޭނާ ބުނާ ގޮތުގައި އެއީ އޭނާ ކުރި ކުށެއް ނޫނެވެ. އޭނާ ދައުވާއަށް އިންކާރު ކޮށްފައިވާއިރު، އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެއްވާފައެވެ
އެހެންނަަމަވެސް ދަށު ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށާއި، އެކަން ކުރީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށެވެ.
މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ވާރިސުންގެ ހެކިބަހާއި، ޝާ އަލޮމްގެ އިއުތިރާފަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 27 ފެބްރުއަރީ 2022ގައެވެ.
އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ވަނީ މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.
މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުން ކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.