Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 18:36
އިންތިޚާބާބެހޭ މަރުކަޒު
އިންތިޚާބާބެހޭ މަރުކަޒު
އަމްނާ އިމާދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އަދި ހުށަހެޅީ ދެ ފޯމު
އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:00ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައި

މަރޗް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އަދި މިހާތަނަށް ހުށަހަޅާފައިވަނީ ދެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް އީސީން ހުޅުވާލީ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށެވެ. އީސީގެ ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިތާ 4 ދުވަސްވެފައިވާއިރު މިހާތަނަށް އީސީއަށް ލިބިފައިވަނީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުންކަމަށެވެ.

މި ދެ ހުށަހެޅުންވެސް ބަލައިގަނެ، އެ ދެފަރާތަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޖަވާބު ދެއްވާފައިކަމަށް ހަބީބު ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރެއެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:00ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހުކުރު ދުވަހު އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންދުރުފަހު2:00ން ހަވީރު4:00އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި، ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ.

އަދިއުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމަކީވެސް ޝަރުތެކެވެ.

Advertisement

ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެ މީހުންވެސް އީސީން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހުންނާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހުން އޭގެ ތެރޭގައި ހިމެނެއެވެ.

އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހުންނަށްވެސް ވާދައެއް ނުކުރެވެއެވެ.

ހަމައެއާއެކު ފަނޑިޔާރުންނަށްވެސް ވާދައެއް ނުކުރެއްވޭނެއެވެ.

ކޮމިޝަނުން އިތުރަށް ބުނީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެ ކަމަށެވެ. ކޮމިޝަނުން ވަނީ އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓްގެ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭކަމަށް ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޯދުމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރައިމަރީ ބާއްވާފައިވާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ހޮނިހިރު ދުވަހު ޕްރައިމަރީ ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް