ކުލަބުތަކުން ފައިސާ ޚަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލު ހިއްސާ ކުރުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެންގުމާއެކު، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި އެވެ.
ސްޕޯޓްސް ކޮމިޝަނުން ވަނީ ވަކި ވަކިން ކުލަބުތަކަށް ސިޓީ ފޮނުވައިފަ އެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ފަރާތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިކޮށް، 2020 ވަނަ އަހަރުން ފެށިގެން ލިބިފައިވާ ފައިސާގެ މައުލޫމާތާއި، އެ ފައިސާ ޚަރަދު ކޮށްފައިވާ ގޮތުގެ މައުލޫމާތު އާދިއްތަ ދުވަހުގެ ކުރިން ހިއްސާ ކުރުމަށް ވަނީ އަންގައިފަ އެވެ.
އެކަމާ ގުޅިގެން ބުރު ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އަދި ގްރީން ސްޓްރީޓްސް އިން ވަނީ، ބުދަ ދުވަހު މެންހަޓަން ބިޒްނަސް ހޮޓަލުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ކުއްލި އަކަށް، އެ ފައިސާގެ ތަފުސީލު ހިއްސާ ކުރުމަށް ކޮމިޝަނަރު އެދިފައިވާތީ، ކޮމިޝަނަރުގެ މަޤްސަދާމެދު ވަނީ ސުވާލު ވެސް އުފައްދައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުރުގެ ޖެނަރަލް ސެކްރެޓަރީ އަރްޝަދު އަޝްރަފް ބުނީ، މިހާތަނަށް އައިއިރު ސްޕޯޓްސް ކޮމިޝަންގެ ޕޯޓަލް އަށް ވަދެވޭނެ އިންތިޒާމު އެ ކުލަބަށް ހަމަޖައްސައި ދީފައި ނުވާ ކަމަށެވެ. އެކަމަށް އެދި ކޮމިޝަންގައި ތަކުރާރުކޮށް އެދިފައިވާނެކަން ވެސް އަރުޝަދު ފާހަގަ ކުރި އެވެ. އޭގެ ފަހުން އައިޑެންޓިޓީ ކާޑެއް ހިއްސާ ކުރުމަށް ކޮމިޝަނުން އެދުމުން، އެކަން ވެސް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އައިއިރު، އެ އިންތިޒާމު ހަމަނުޖައްސާ ކަމަށް ބުންޏެވެ. އެހެންކަމުން، އެ ކުލަބަށް ޕޯޓަލްގެ އެކްސެސް ނުލިބޭތީ، އެހެން ކުލަބުތަކަށް ލިބެމުންދާ ސިޓީ، އެ ކުލަބަށް ލިބިފައިވާކަން ބުނަން ނޭންގޭ ކަމަށް ވެސް އަރުޝަދު ވަނީ ބުނެފަ އެވެ.
މިހެން ހުރި ކަންތައްތަކެއްގައި އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ޙާލަތަކަށް އެބަވޭ. މި ފުރުސަތުގައި ފާހަގަކޮށްލަން ވެލެންސިއާ، ވެލެންސިއާގެ ބައެއް ލިޔެ ކިޔުންތައް، އަޅުގަނޑުމެންނަށް ޚަބަރުތަކުން އެބަ ފެނޭ ވަރަށް އަވަސް މުއްދަތުތަކުގެ ތެރޭގައި ނިމިގެން، ބޭނުންވާ ފަރާތްތަކަކަށް އެ އެއްޗިސް ލިބެމުންދާކަން. އެހެން ނަމަވެސް، އަޅުގަނޑުމެން މި އުޅެނީ އެންމެ ޕޯޓަލެއްގެ އެކްސެސް ނުލިބިގެން. އަޅުގަނޑުމެންނަށް ބޭނުންވާ ބައެއް މައުލޫމާތު ވެސް ނުލިބޭ.އަރްޝަދު އަޝްރަފް / ބުރުގެ ޖެނަރަލް ސެކްރެޓަރީ
މީގެ އިތުރުން އަރުޝަދު ބުނީ، ނިންމަން ބޭނުންވާ ކަންކަން، މުއްދަތަކަށް ނިމިގެން، އެ ލިބެން ބޭނުންވާ ފަރާތްތަކަށް ލިބެމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އޮތްކަން ފާހަގަކޮށް އޭނާ ވަނީ، ކޮމިޝަނަރުގެ މަޤްސަދާމެދު ސުވާލު އުފައްދައިފަ އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ޖެނަރަލް ސެކެރެޓަރީ ސައީދު އަލީ ބުނީ، އެ ކުލަބުން މިހާރު ވެސް އަންނަނީ އަހަރީ ރިޕޯޓު ހުށަހަޅަން ތައްޔާރުވަމުން ކަމަށެވެ. އެގޮތުން އަންނަ މާޗު މަހުގެ 31 ގެ ކުރިން އަހަރީ ރިޕޯޓު ހުށަހަޅަން މަސައްކަތް ކުރާ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެ ރިޕޯޓުގައި ހިމެނޭ މާލީ ބައި އެކަނި، އާދިއްތަ ދުވަހުގެ ކުރިން ހިއްސާކުރަން އެދުމުން، އެކަމާ ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެކަމުން ފާހަގަވަނީ ކޮމިޝަނަރުގެ ނިޔަތް ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ސިފަ ކުރި ގޮތުގައި އެ ސިޓީ އަކީ، އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނަރު ފޮނުވާފައިވާ ސިޓީ އެކެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގްރީން ސްޓްރީޓްސްގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އުމޭޝް ވަނީ، އެ ކުލަބުގެ ހިންގާ ކޮމެޓީ ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ، ހިންގާ ކޮމެޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅިތާ ދެ އަހަރުވެގެން ދިޔަ އިރު ވެސް. ކޮމިޝަނުން އެކަން ކޮށްދީފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް ކުލަބުތަކުން ވަނީ ކޮމިޝަނަރާ ބައްދަލު ކުރަން ބުދަ ދުވަހު ކޮމިޝަނަރުގެ އޮފީހަށް ވެސް ގޮސްފަ އެވެ.