ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 20:26
އާއްމުން އޭސީސީއަށް އެއްވުން
އާއްމުން އޭސީސީއަށް އެއްވުން
ސޯޝަލް މީޑިއާ
ފްލެޓްގެ މައްސަލަ ނުނިމި ދިގުދެމިގެން ދިއުން
ފްލެޓްގެ މައްސަލައިގައި ޖަވާބެއްގެ އިންތިޒާރުގައި އަނެއްކާވެސް އޭސީސީއަށް - 7 ގަޑިއިރަށްފަހު ނެރެލީ ފުލުހުން ގެނެސްގެން
ރައީސް ވިދާޅުވި ގޮތަށް ފްލެޓެއް ނުދެވޭ
އޭސީސީން ވަނީ މަސައްކަތުގެ %95 ނިމުނު ކަމަށް، ކުރިން އާއްމުން ކައިރީގައި ބުނެފައި
އާއްމުން ނެރުނީ ފުލުހުން ގެނެސްގެން

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މައްސަލަ ނުނިމި ލަސްވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މީގެ ކުރިން ވެސް އެތައް ފަހަރަކު އާއްމުން ހިނގައްޖެއެވެ. ނިމިދިޔަ ހަފުތާގައި އޭސީސީން އާއްމުންނަށް ދިން ޖަވާބަކީ މަސައްކަތުގެ %95 ނިމިފައިވާ ކަމުގެ ވާހަކައެވެ. ބުރާސްފަތި ދުވަހު އަނެއްކާވެސް އާއްމުން އޭސީސީއަށް އެއްވީ ބާކީ %5 މަސައްކަތް ނިމޭނެ ވަގުތެއް ހޯދާށެވެ. ނަމަވެސް ލިބުނު ޖަވާބަކީ އަބަދުވެސް ލިބޭ ޖަވާބެވެ. މަސައްކަތް ވަރަށް އަވަސް ވާނެ ކަމުގެ ވާހަކައެވެ. އިތުރު ޖަވާބެއް ނުލިބެއެވެ.

10:30ހާއިރު އާއްމުން އޭސީސީއަށް ދިޔައީ މެސެޖުތަކެއް ލިޔެފައިވާ ގިނަ ގަނޑުތަކަކާއެކު، އެ މެސެޖު އޭސީސީއަށް ފޯރުކޮށްދިނުމަށެވެ. އެހެންނަމަވެސް އޭސީސީގެ މަސައްކަތަށް އުނދަގޫވާކަމަށް ބުނެ ފުލުހުންނަށް ގުޅުމުން، އެތަނަށް އައި ފުލުހުން އެންގީ އިހުތިޖާޖަށް އޭސީސީގައި ފުރުސަތު ނުލިބޭނެ ވާހަކައެވެ. އެހާހިސާބުން އާއްމުންގެ މެސެޖު ގަނޑުތައް އޮޅާލުމަށްފަހު ކޮތަޅަކަށްލާފައި އެއްކައިރީގައި ބަހައްޓަން ޖެހުނެވެ. އެކަމަކު އާއްމު މީހުންގެ ޝަކުވާއަކަށް އެ ހިސާބުން ވެސް ނިމުމެއް ނާދެއެވެ.

ރާއްޖެ އެމްވީއާ ވާހަކަދެއްކި އާއްމު މީހަކު ބުނީ، އޭސީސީގެ ރައީސާ ބައްދަލުކުރަން ތަކުރާރުކޮށް އެދުމުންވެސް އެ ފުރުސަތު ނުލިބުނު ކަމަށެވެ. އާއްމު ރައްޔިތުންނާ ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވަނީތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ހައުސިންގ މިނިސްޓްރީން ފްލެޓްތައް ދޭނީ އޭސީސީން ބަލާ މައްސަލަ ނިމުމުން ކަމަށް ބުނާއިރު، އެ މައްސަލަ ނުނިންމައި ދިގުދަންމަންވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދިއެވެ.

މި ވެގެންއުޅޭ ގޮތަކީ، ނިމިދިޔަ ހަފުތާގަ ބައްދަލުކުރިއިރު އޭސީސީގެ ރައީސް ވިދާޅުވީ %95 ނިމިއްޖެއޭ. މަސައްކަތްކުރި ނިސްބަތަށް ބަލާއިރު، 2 ދުވަސްތެރޭ ނިމެންވާނެއޭ. އެއީ އަޅުގަނޑުމެން ދެކޭ ގޮތަކީ. އަޅުގަނޑުމެންގެ ކުދިން މި ތިބީ ނުނިދާ. އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ނޭނގެ. ހަފުތާއެއް ފަހުން ޖަވާބެއް ހޯދަން މިއައީ. ޖަވާބެއް ނުދެއްވާ. އަބަދުވެސް "ވަރަށް އަވަސް" ނޫން ޖަވާބެއް ނުލިބޭ. މީ ވަރަށް ދެރަ ކަމެއް.
އާއްމުންގެ މީހެއް

އެހެން މީހަކު ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ބުނީ، އޭސީސީން މި މައްސަލަ ގަސްތުގައި ދިގުދަންމާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެކިފަރާތްތަކުން ސިޔާސީ ނުފޫޒު އެ މައްސަލައަށް ފޯރުވާ ކަމަށްވެސް އާއްމުން ތުހުމަތުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. %95 ނިމިފައިވާނަމަ ކޮންމެވެސް ބަޔަކަށް ފްލެޓް ދެވެންވާނެ ކަަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ހައުސިންގ މިނިސްޓްރީން ދޮގުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީއާ ވާހަކަދެއްކި އިތުރު މީހަކު ބުނީ، އޭސީސީގެ އަމަލުތައް ހުރި ގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި ޖަވާބެއް ނުހޯދައި، ގެއަށް ދާން ބޭނުންނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ހައްގުވެރިންގެ ހައްގެއް ނުހިފެހެއްޓޭނެ. %95 ނިމިފަ ބާކީ %5 ނުނިމިގެން އުޅެނީ ކީއްވެތޯ؟ މީ އޭސީސީގެ ރައީސް ވިދާޅުވި ގޮތް، ނިމިފަ އޮތް މިންވަރު ކަމަށް. ދޫކޮށްލާނެ ތާރީޚެއް ނުދެވެނީ ކީއްވެތޯ؟ ތަހުގީގަށް ހުރަސް އަޅާކަށް ނޫން މި އަންނަނީ. މި އަންނަނީ ފްލެޓް ލިސްޓަށް ހުރަސް އަޅާކަށް ވެސް ނޫން. މި އަންނަނީ ޖަވާބު ހޯދަން.
އާއްމުންގެ މީހެއް

އާއްމުން ތަކުރާރުކޮށް އެދިގެން ވެސް އޭސީސީގެ ރައީސާ ބުރާސްފަތި ދުވަހު ބައްދަލެއް ނުކުރެވެއެވެ. އަދި އެންމެފަހުން އޭސީސީގެ ރަސްމީ ގަޑިއަށްފަހު ވެސް ޖަވާބެއް ނުދެއްވާނަމަ އެތަން ދޫކޮށް ނުދާން އާއްމުން ނިންމިއެވެ. އެގޮތަށް ނިންމީ، ތަކުރާރުކޮށް ވާހަކަދައްކައިގެން ވެސް އޭސީސީން އެކަށީގެންވާ ޖަވާބެއް ނުދޭތީ ކަަމަށް އާއްމުން ބުނެފައިވެއެވެ. 7 ގަޑިއިރަށްފަހު އާއްމުން އޭސީސީން ނެރުނީ އެސްއޯ ފުލުހުން ގެނެސްގެންނެވެ. ދަމާކޫއްތާފައި އާއްމުން ނެރޭ ވީޑިއޯތައް މީސްމީޑިއާގައި އާއްމުވުމާއެކު އާއްމުންގެ ފާޑުކިޔުން ސަރުކާރާއި އޭސީސީއަށް ވަނީ އަމާޒުވެފައެވެ. ބައެއް އާއްމުން ވަނީ، މިއީ ނިމިދިޔަ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައެވެ.

އާއްމުން ދަނީ އޭސީސީން، ހައުސިންގ މިނިސްޓްރީން، އެކި ވުޒާރާތަކަށް އެކި ދުވަސްތައް މަތިން ޖަވާބެއް ހޯދުމަށް އެއްވަމުންނެވެ. ނަމަވެސް ޖަވާބެއް ނުލިބި އާއްމުން ވަނީ މާޔޫސްވެފައެވެ. ފްލެޓަށް ވާގޮތެއް ނޭނގި އެތައް ބަޔަކު ސުވާލެއްގެ ތެރެެއަށް ވެއްޓިފައިވާއިރު، މި މައްސަލަ ދިގުދަންމަމުން ދަނީ ސަރުކާރުގެ ނުފޫޒު އޭސީސީއަށް އޮތުމުން ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެއެވެ. އަދި މިއީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެެއެވެ.

- ކޮމެންޓް