ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 14:03
މޮރީނިއޯ އާއި ރޯމާގެ ބައެއް ކުޅުންތެރިން
މޮރީނިއޯ އާއި ރޯމާގެ ބައެއް ކުޅުންތެރިން
ގޫގުލް
މޮރީނިއޯ
ރޯމާގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
މޮރީނިއޯ ވަކިކުރީ ނަތީޖާތައް ދަށްވުމުން

އިޓަލީގެ ރޯމާގެ ކޯޗުކަމުން މަޝްހޫރު ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

2021 ވަނަ އަހަރު ރޯމާގެ ކޯޗުކަމާ ހަވާލުވި މޮރީނިއޯ މަގާމުން ވަކިކުރީ މި ސީޒަނުގެ ނަތީޖާތައް ގޯސްވުމުންނެވެ.

ރޯމާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޮރީނިއޯ އާއި އޭނާއާއެކު މަސައްކަތްކުރި ކޯޗިން ސްޓާފުން ކުލަބުން ވަކިވާނެ ކަމަށެވެ.

"އަހަރުމެން ޝުކުރު އަދާކުރަން މޮރީނިއޯ އަށް އޭނާ ކޯޗުކަމާ ހަވާލުވި ދުވަހުން ފެށިގެން ކޮށްދީފައިވާ މަސައްކަތްތަކަށް. އޭނާއާއެކު އަހަރުމެންގެ އުފާވެރި ހަނދާންތަކެއް އެބަހުރި. މިވަގުތު ކުލަބުން ދެކޭ ގޮތުގައި ރޯމާ ކުރިއަށް ދިއުމަށް ބަދަލުތަކެއް ބޭނުންވެއްޖެ. އަހަރުމެން އެދެނީ މޮރީނިއޯ އާއި އޭނާގެ އެސިސްޓެންޓުންނަށް ކުރިމަގުގައި ކާމިޔާބު ލިބުން،" ރޯމާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ސީޒަން ދެބައިވިއިރު ރޯމާ އޮތީ އިޓާލިއަން ލީގުގައި 29 ޕޮއިންޓާއެކު ނުވަވަނާގަ އެވެ. މިއީ އެއްވަނާގައިވާ އިންޓަމިލާނަށްވުރެ 22 ޕޮއިންޓް މަދު އަދަދެކެވެ. މިހެންވެ އިޓާލިއަން ލީގުގައި އިއްޔެ ރޭ އޭސީމިލާނާ ދެކޮޅަށް ރޯމާ ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ މޮރީނިއޯ އާއި ކުޅުންތެރިންނަށް މަލާމާތްކޮށްފަ އެވެ.

މޮރީނިއޯ ވަނީ ރޯމާ އަށް ކޯޗުކޮށްދިން ފުރަތަމަ ސީޒަނުގައި ޔޫއޭފާ ކޮންފަރެންސް ލީގުގެ ތަށި ހޯދައިފަ އެވެ. އަދި ޖެހިގެން އައި އަހަރު އޭނާ ވަނީ ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ސީޒަނުގައި ނަތީޖާ ދަށްވިއިރު މޮރީނިއޯ ވަނީ ޔޫރަޕުގައި ހިފަހައްޓާލެވޭނީ މޮޅު ކުޅުންތެރިން ތިބެގެން ކަމަށް ބުނެ ވަރަށް ބޮޑަށް ވަކާލާތުކޮށްފަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ މި ސީޒަނަށް ފަހު ކޮންޓްރެންޓް ހަމަވުމުން ވެސް ރޯމާގެ ކޯޗުކަމުގައި ދެމިހުރުމަށް ބޭނުންވާ ކަމަށް ބުނެފައިވަނިކޮށެވެ. އަދި މިދިޔަ މަހު އޭނާ އަށް ބްރެޒިލްގެ ގައުމީ ކޯޗުގެ މަގާމު ވެސް ހުށަހެޅި އެވެ. އެ ވަޒީފާ ގަބޫލުނުކުރީ ވެސް ރޯމާގައި ހުރުމަށް ބޭނުންވުމުންނެވެ.

މަގާމުން ވަކިކުރުމާމެދު މޮރީނިއޯ އަދި ވަކި އެއްޗެއް ނުބުނެ އެވެ. އޭނާ އަކީ އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗެކެވެ. އަދި ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ތަށިތަކެއް ހޯދައިދިނެވެ. އަދި ޗެލްސީގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް އޭނާ އެވެ.

ގިނަ މީޑިއާތަކުން ބުނަނީ މޮރީނިއޯ ފެނުން ދެން އެންމެ ގާތީ ސައޫދީ އަރަބިއާގެ ލީގުން ކަމަށެވެ. އޭނާ ވެސް ވަނީ މީގެ ކުރިން މިއީ ކޮންމެ ވެސް ދުވަހަކުން ވެދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

- ކޮމެންޓް