އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި މެންޗެސްޓަރ ޔުނައިޓެޑުގެ ބައެއް ކުޅުންތެރިން އަލުން އަނބުރާ ޓީމާ ގުޅުމަކީ އޮތް ހިތްހަމަ ޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އޭނާ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ކުރިން ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށް ނިކުމެފައި ވަނީ، ކަސެމީރޯ، ލިސަންދްރޯ މާޓިނޭޒް އަދި ލޫކް ޝޯ އެވެ.
އޭނާ ބުނީ އެ ތިން ކުޅުންތެރިން ވެސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށާއި، އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި އެ ކުޅުންތެރިން ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށާއި، ކުޅުންތެރިން ވެސް މަސައްކަތް ކުރަނީ އެ އަޒުމުގައި ކަމަށެވެ. ނަމަވެސް، މިހާތަނަށް އެހެން ބައެއް ކުޅުންތެރިން އަދިވެސް ޓީމާ ދުރުގައި ތިބިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އަދިވެސް އަނިޔާ އިން މުޅިން ރަނގަޅު ނުވާ ކަަމަށާއި، ނަމަވެސް ވަރަށް އަވަހަށް އޭނާ ވެސް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ، ޓޮޓެންހަމް މެޗަކީ ޔުނައިޓެޑަށް ވަރަށް މުހިންމު މެޗެއް ކަަމަށެވެ. ޚާއްސަކޮށް އެ މެޗު ކުޅެން ޖެހެނީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކަަމަށްވެފައި، މޮޅުވޫން ނޫން އެހެން އެއްވެސް ގޮތެއް ބޭނުންނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެކަން ފާހަގަކޮށް އޭނާ ބުނީ، ޓޮޓެންހަމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުން ކަމަށެވެ.
ޓޮޓެންހަމާ ދެކޮޅަށް ނިކުންނައިރު، ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 20 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 39 ޕޮއިންޓާއެކު އެވެ. މި ދެ ޓީމު ބައްދަލު ކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ 21:30 ގައެވެ.