އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޔުނައިޓެޑުންނެވެ. ނަމަވެސް އާސެނަލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ޔުނައިޓެޑަށް ކުރި ހޯދައިދިނީ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އެވެ. އެއީ އާސެނަލްގެ އޭރިޔާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އޭގެ ފަހުން މެޗުގައި ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރާނެ ފުރުސަތު ޔުނައިޓެޑަށް ލިބުނުއިރު، އާސެނަލް އަށް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އާސެނަލް އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. އެއީ ޔުނައިޓެޑުގެ އޭރިޔާ ތެރެއިން ޔޫރިއަން ޓިމްބާ ތަނަވަސްކޮށްދިން ބޯޅަ، އެއް ފަހަރުން ގޯލަށް ވައްދާލައިގެން ޑެކްލަން ރައިސް ޖެހި ލަނޑުންނެވެ.
މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު އާސެނަލް ދެ ވަނައިގައި އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 28 މެޗުން 55 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް ލިވަޕޫލް އާއި އާސެނަލާ ދެމެދު އޮތީ 15 ޕޮއިންޓުގެ ލީޑެކެވެ.
އާސެނަލް އަތުން ހޯދި ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ، 28 މެޗުން 34 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.