ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 09:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޕްރިމިއަރ ލީގު
ޔުނައިޓެޑު އަތުން މޮޅުވެ ޗެލްސީ ހަތަރު ވަނަ އަށް
މޮޅާއެކު ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތީ އެ ޓީމު ކުޅެފައިވާ 37 މެޗުން 66 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޗެލްސީން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހެރީ މެގުއާ ވަނީ ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ ލަނޑު ޖެހި ވަގުތު އޭނާ އޮފްސައިޑުގައި ހުރުމުންނެވެ.

އޭގެ ފަހުން ޔުނައިޓެޑުގެ އޭރިޔާ ބޭރުން ޗެލްސީގެ ރީސް ޖޭމްސް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ޔުނައިޓެޑުގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

އޭގެ ފަހުން ޗެލްސީގެ ކޯލް ޕާމާ ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ގޯލު ކީޕަރު އަންދްރޭ އޮނާނާގެ އަތުގައި ޖެހި ރީބައުންސަށް އައި ވަގުތު، އެންޒޯ ފެނާންޑޭޒް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޔުނައިޓެޑުގެ އޭރިޔާ ކައިރިން ޖޭމްސް ހހުރަސްކޮށްދިން ބޯޅަ، ބޮލުން ގޯލަށް ވައްދާލައިގެން ޗެލްސީ އަށް އެ ލަނޑު ޖަަހައިދިނީ މާކް ކުކުރޭލާ އެވެ.

މޮޅާއެކު ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތީ އެ ޓީމު ކުޅެފައިވާ 37 މެޗުން 66 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ލިބެނީ 66 ޕޮއިންޓެވެ. އެހެންކަމުން ލީގުގެ ގަދަ ހަތަރެއްގައި ހިމެނި، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބަ އޮތެވެ.

ޗެލްސީ އަތުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑު އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 39 ޕޮޮއިންޓާ އެކު 16 ވަނައިގަ އެވެ. މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ ނަތީޖާ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ލީގުގައި ޔުނައިޓެޑު ވަނީ 18 މެޗަކުން ބަލިވެފަ އެވެ. އެހެން ނަމަވެސް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ. އެއީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެންނެވެ. އެ މުބާރާތުގެ ފައިނަލްގައި ޔުނައިޓެޑު ނިކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ.

- ކޮމެންޓް