ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 17:58
ކުރީގެ ރައީސް ޞާލިހް، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން
ކުރީގެ ރައީސް ޞާލިހް، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
އިންޑިޔާ މެދު ނަފްރަތު އުފެއްދުން
އިންޑީޔާއާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ސަރުކާރުގެ ވެރިން ދެއްކުން ރައީސް ޞާލިޙް ކުށްވެރި ކުރައްވައިފި
ރައީސް ޞާލިޙް އެފަދައިން ވިދާޅުވީ، ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިޔާ އާ ޒާތީ ގޮތުން ދިމާކުރުމާ ގުޅިގެން

އިންޑިޔާ އަދި އިންޑިޔާގެ ސަރުކާރާ ދެކޮޅަށް، ނަފްރަތު އުފެދޭ ފަދައިން މި ސަރުކާރުގެ ވެރިން ޚިޔާލު ފާޅުކުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓވިސްޓުން ވަނީ ރާއްޖެ އަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ފަށާފައެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެށްޓެވިއިރު، ބައެއް ނައިބު ވަޒީރުން ފެށްޓެވީ އިންޑިޔާގެ މީހުންނާ ޒާތީ ގޮތުން ދިމާކުރުމަށެވެ.

އެގޮތުން އެކަމަށް އިޝާރަތްކުރައްވައި، ކަންބޮޑުވުމާއެކު އެކަން ކުށްވެރިކުރައްވަމުން ކުރީގެ ރައީސް އަދި އެމަނިކުފާނުގެ ވެރިކަމުގައި އިންޑިޔާއާއެކު ވަރަށް ގާތްގުޅުމެއް ބޭއްވެވި ރައީސް ޞާލިޙް ވިދާޅުވީ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެފަދަ ނަފުރަތު އުފެދޭ ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އެގޮތުން އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު އަދި އިންޑިޔާ އަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރެއްވީ ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދުގެ އިތުރުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހަސަން ޒިހާނެވެ.

މި ބޭފުޅުންގެ އިތުރުން ވެސް، ޕީއެންސީގެ ސެނެޓު މެންބަރުންނާއި އެ ޕާޓީގެ އިސްބޭފުޅުން ވެސް އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދުރާ މޯދީއާ ޒާތީގޮތުން ދިމާކޮށް އިންޑިޔާއާ ބެހޭ ގޯސް ވާހަކަތަކެއް ވަނީ ދައްކަވާފައެވެ.

އެކަމާ އެކު އެކަން ކުށްވެރިކޮށް ސަރުކާރުން ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފައިވާއިރު، ކުރީގެ ރައީސުންނާއި ސަރުކާރުގެ އިސްވެރިން ދަނީ އެކަންތައް ކުށްވެރި ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް