ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ފުށިދިއްގަރު ފަޅު ހިއްކުމާއި މެދު ސަރުކާރުން ބުނަނީ އެކަމަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށެވެ. ރަސްމާލޭގެ ނަމުގައި ތަރައްޤީކުރާ އެ ރަށް ހިއްކަން 10.7 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ހަރަދުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މީޑިއާ އަށް ވިދާޅުވެފައެވެ. އެގޮތުން މުއްތަލިބް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމަށް އެންމެ މަދުވެގެންވެސް 500 އާއި 700 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދުވާނެކަމަށެވެ.
ސަރުކާރުން ބުނާ ގޮތުން ފުށިދިއްގަރު ފަޅުގެ ފުންމިނާއި ވެލި ބޭނުންވާނެ އަދަދާއި ވެލި ނަގަންޖެހޭ ދުރުމިނަށް ބަލާއިރު މަޝްރޫއުގެ ހަރަދު ބޮޑުވަނީ އެވެ.
ނަމަވެސް މި މަޝްރޫޢު މިއަށް ވުރެ މާ ކުޑަ ޚަރަދަކުން ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީގެ މޭޔަރކަމަށް ވެސް ވާދަކުރައްވާ އާޒިމް ވިދާޅުވީ 5 ބިލިއަން ރުފިޔާ އިން ފުށި ދިއްގަރު ހިއްކޭނެ ކަމަށެވެ. އެހެންކަމުން ބާކީ ފައިސާ އަކީ ގެއްލޭ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަ މި ދައްކަނީ އެނގިގެން. އެމްޓީސީސީގައި މަސައްކަތް ކުރީ ހިސާބުތައް ޖަހަން އެނގިގެން އެމްޓީސީސީގައި ހުރި ވަސީލަތްތަކާއި އެކު އެކަން ކުރެވޭނެ 5 ބިލިއަނަށް. އެހެންވީމަ ބާކީ 5 ބިލިއަން އަކީ ގެއްލޭ ފައިސާ. އިސްރާފު ކުރަން އެބަ އުޅޭ. އެހެން ބަޔަކުން ބުނަން އުޅޭ ނަމަ ޖީބަށް ލާން އެބަ އުޅޭއާޒިމް
އާޒިމް އަކީ އެމްޓީސީސީ ފައިދާވާ ކުންފުންޏަކަށް ހަދާދެއްވި ބޭފުޅެކެވެ. އެމްޓީސީސީ އިން އެ މަސައްކަތް 5 ބިލިއަނަށް ކުރެވޭނެކަމަށް ބުނާނަމަ ދެން އިތުރަށް ޚިސާބުތައް ޖަހައިގެން ކުރައްވަން އެ އުޅުއްވާ ކަމަކީ ކޮބާތޯއެވެ؟ ކުޑަ ޚަރަދަކުން ކުރެވެން އޮތް ކަމެއް އެއަށް ވުރެ ބޮޑަށް ޚަރަދުކޮށްގެން ކުރަން ބޭނުންވާންވީ ކީއްވެގެންތޯއެވެ؟ މީގެ ކުރިން ވެސް ނު އަގުގައި މަޝްރޫޢުތައް ހިންގެވިކަމުގެ ތުހުމަތު މި ސަރުކާރުގެ އިސް ބޭފުޅުންނަށް ވަނީ ކުރެވިފައެވެ.
ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރު ގެ ބިން ދިގު މުއްދަތަށް ދީގެންނެވެ. އެގޮތުން ހުޅުމާޅެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާ ކަމަށާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.