ކުރިއަށް އޮތް 20 އަހަރަށް ބަހާލައިގެން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފޭސްގެ މަޝްރޫއު އިފްތިތާހްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދު އިގްތިސާދީ ހަބަކަށް ހެދުމާއެކު، ބޮޑެތި ބަދަލުތަކެއް ހިމެނޭ މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ. އެގޮތުން މި މަޝްރޫއު އިފްތިތާހްކުރީ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައިއެވެ.
މުޅި މި މަޝްރޫއަށް ބަލާއިރު، މި މަޝްރޫއުއަކީ މަލްޓި-ބިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި މި މަޝްރޫއުގެ ތަރައްގީގެ މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތުގެ ތެރެއިން ވީއައިއޭ އިތުރަށް ބޮޑުކުރުމާއެކު، ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި މިހާރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ ރައްކާ ކުރުމަށް ހާއްސަކޮށްފައިވާ ކ. ފުނަދޫއަށް ބަދަލުތަކެއް ގެނެސް، އެ ރަށް އިގްތިސާދީ ޙާއްސަ ސަރަހަދެއް ގޮތުގައި ކަނޑައަޅަން ވަނީ ނިންމާފައެވެ. އެގޮތުން އެތަނުގައި ހުރި ތެޔޮ ޓޭންކުތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، އެ ރަށުގައި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ގާއިމްކުރާނެއެވެ.
އެގޮތުން އެ ރަށަށް ދިޔުމަށް އެއާޕޯޓުން ޙާއްސަ ބުރިޖެއް އަޅައި، ރޭލުގެ ނިޒާމުން ގުޅުވާލަން ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އެއާޕޯޓަށް އަންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި:
- 35،000 އަކަމީޓަރުގެ ބޮޑު، ގަޑިއަކު 2،000 ޕަސެންޖަރުންނަށް ޚިދުމަތްދެވޭ، އެތެރޭގެ އުދުހުންތަކަށް ޚާއްސަ ޒަމާނީ ގިމަތައެއް ގާއިމްކުރުން، އެ ގިމަތައިގައި 8 ގޭޓު ހުންނާނެ
- ޖެޓުތަކަށް ޚާއްސަކޮށް ޖެޓު ގިމަތައެއް ގާއިމްކުރުން
- ސީޕްލޭންގެ ޚިދުމަތް ހުޅުމާލެ ކައިރީ އޮންނަ ފުރަނަފުށި (ޝެރަޓަން މޯލްޑިވްސް ރިސޯޓަށް) ބަދަލުކޮށް އެރަށް ވެސް ރޭލުގެ ނިޒާމުން ގުޅުވާމުން
- އެއާޕޯޓުގެ ކާގޯ ޓާމިނަލް ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް އިތުރުކުރުން
- ފިއުލް ފާމްގެ ކެޕޭސިޓީ 100 މިލިއަން ލީޓަރަށް އިތުރުކުރުން
މި މަޝްރޫއުގެ ތެރެއިން، ފުރަނަފުށްޓަށް ސީޕްލޭން ޓާމިނަލް ބަދަލުކުރުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ސީޕްލޭންތައް ޖައްސާ ބައި ހިއްކާ، އެއާޕޯޓުގެ ބިން އިތުރުކުރެވޭނެއެވެ. އެގޮތުން އެ ބިމުގައި އެއާޕޯޓުގެ ފްލައިޓް ޕާކިން އިތުުރުކުރެވުމާއެކު، އެއްފަހަރާ އެއާޕޯޓުގައި 73 ފްލައިޓަށް ޕާކުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.