ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 22:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ތިލަފުށީގައި ޕޯޓު ތަރައްގީކުރަން ނިންމުން
ގުޅީފަޅުގައި ތަރައްގީކުރުމަށް ނިންމި ޕޯޓު، ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި
އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދޭ
ގުޅީފަޅުގައި ޕޯޓު ތަރައްގީކުރުމަކީ އެކަށީގެންވާ ކަމެއް ނޫން

ގުޅީފަޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕޯޓު ތިލަފުއްޓަން ބަދަލުކުރަން ނިންމާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.

Advertisement

އެގޮތުން މިހާރު ގުޅީފަޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި، އަދި ގުޅީފަޅުގައި ޕޯޓު ތަރައްގީކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ތިލަފުށީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކުރާނީ އިންޓަނޭޝަނަލް، ފުރިހަމަ ކޮމަރޝަލް ޕޯޓެއް. އެތަނަށް ގެނެވޭ ޑިވެލޮޕްމެންޓަކީވެސް އިރާދަކުރެއްވިއްޔާ މިއެއާޕޯޓު ޑިވަލޮޕްމެންޓާ ގުޅި ލާމެހިގެންދާއިރު އަޅުގަނޑުމެން މި ތަސައްވުރުކުރާ ގޮތަށް، ރައްޔިތުން އެންމެ އެދޭ ގޮތަށް ގާއިމްކުރެވިގެންދާ، އިގްތިސާދީގޮތުން ހުޅުވިގެންދާ ދޮރާއްޓެއް. އަދި ތިލަފުށީގަ ހިއްކޭ މި ބިމުގެ ތެރޭން، އަދި އެއާ ގުޅިފަވާ ބިންތައް، އެސަރަހައްދުގަ ހިއްކޭ އެހެން ބިންތަކުގެ ބޭނުންކޮށްގެން ރެސިޑެންޝަލް ޕަރޕަސްއަށް މަސައްކަތްތައް ކުރާނެ. ރައްޔިތުންނަށް ގެދޮރުވެރިކަމާ ބޯހިޔާވަހިކަމާ ބޭނުންވާ ހުރިހާ ކަމެއް ކަނޑައަޅާފަ، އިތުރަށް ހިއްކާ ބިމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އައު ކުންފުނި، އެއީ މިދެންނެވި ފްރީ ޒޯން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮންޕެނީ. އަންނަ ހަފުތާގެ ކުރީކޮޅު ގާއިމްކުރެވޭނެ. އެ ކޮމްޕެނީގެ ދަށުން ކުރެވޭ މަސައްކަތަށް 100 ވަރަކަށް ހެކްޓަރުގެ ބިން މިދެންނެވި ސަރަހައްދުން އަޅުގަނޑުމެން ކަނޑައަޅާނަން.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، އެސަރަހައްދު ކަނޑައެޅިގެންދަނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ބާވަތެއް ލިބޭ، ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތި އުފައްދާ، ރީ-އެކްސްޕޯޓް ކުރެވޭ ޚާއްސަ ސަރަހައްދަކަށް ކަމަށެވެ.

ގުޅީފަޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕޯޓު ތިލަފުއްޓަން ބަދަލުކުރަން ނިންމާފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިންޓަރނޭޝަނަލް ޕޯޓު ގުޅީފަޅުގައި ތަރައްގީކުރުމަށް ނިންމައި، ބައެއް މަސައްކަތްތައް ކޮށްފައިވެއެވެ. ކުރީ ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި ޝާހިދު އަލީ ވިދާޅުވީ، ގުޅީފަޅުގެ ޕޯޓު ތަރައްގީކުރެވިއްޖެނަމަ ފުރިހަމަ ސްޓެންޑަޑެއްގައި، ހުރިހާ ވަސީލަތްތަކާއެކު ގާއިމްކުރެވުމުން، ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް 12 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ބޯޓުތައް ޓަރން އެރައުންޑު ކުރެވޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ މުޅި ރާއްޖެއަށްވެސް، އަދި މާލެއަށްވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ލޯކަލް ހާބަރުތަކަށް ދިމާވާ ކޮންޖެޝަންސް ކަމަށެވެ. ޕޯޓް ތަރައްގީވެގެން ދިއުމާއެކު، ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަމަށާއި، ތިލަފުށްޓަށް ބަލާނަމަ އިންޓަނޭޝަނަލް ޕޯޓު ހަދައި، ދެން ލޯކަލް ޕޯޓު ހަދާނެ ޖާގައެއްވެސް ނޯންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް