މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނު ވުޖޫދުވުމާއެކު ޝަރީއަތަށް ނުގޮސް ފަސޭހައިން ބަދަލު ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝުނާނާ ވިދާޅުވީ ނުރައްކާތެރި ހާލަތްތައް މަސައްކަތުގެ މާހައުލުގައި ހިނގާއިރު އާއިލާއަށް ނުވަތަ ގެއްލުން ލިބުނު މަސައްކަތު މީހާއަށް ގިނަ ފަހަރަށް ބަދަލު ނުލިބޭ ކަމަށެވެ. އަދި ބަދަލު ހޯދަން ބަލާއިރު އެކަމަށް އެތައް އަހަރުތަކެއް ހޭދަވެގެންދާ ކަމަށެވެ.
އެހެންނަމަވެސް މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނު ވުޖޫދުވުމާއެކު މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި ގުޅޭގޮތުން ޝުނާނާ ވިދާޅުވީ އެ ޤާނޫނު ސަބަބުން ސިނާއަތުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށާއި އެ ބިލާ ގުޅިގެން ވަޒީފާ ދޭ ފަރާތްތާއި މަޝްވަރާކޮށްގެން ކަންތައްތައް ހައްލުވެގެންދާނެ ކަމަށެވެ.
ޤާނޫނުގެ ދޭ ފަރާތުން އެގްރީމަންޓާއި ހިލާފުވެއްޖެނަމަ ޓްރައިބިއުނަލްއަށް ދިޔުމުގެ ކުރިން ފަސޭހައިން މައްސަލަ ހައްލު ކުރެވޭނެ ނިޒާމެއްވާކަން ފާހަގަކުރައްވާ ޝުނާނާ ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސަށް 40 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅިދާނެ ކަމަށެވެ. އަދި 40 ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް މައްސަލަ ނިންމަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 18 ގައެވެ.
މި ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގެ އުސޫލުތައް ހިމެނެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި ގެއްލުންތަކުން މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް އަނިޔާއެއްވުމުގެ ސަަބަބުން ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ފުރާނަގޮސްފިނަމަ، ހަރަދާއި ގެއްލުމުގެ ބަދަލު ނަގާނެ ގޮތްތައް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުމާއި ރައްކާތެރިކަމާ ގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލާވަލުމުގައި އިދާރާތަކަށް ލަފާ ދިނުންފަދަ މުހިންމުކަންކަން ބިލުގައި އެކުލަވާލާފައިވެއެވެ.