ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 16:43
ޣައްޒާގައި އެއްގަމު މަސް ވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުން ބުނިގޮތުގައި، ރަނގަޅަށް ހެދިބޮޑުނުވާ ނަޢަމްސޫފީގެ މަސް ވިއްކަންވެސް މިއަދު ވަނީ މަޖުބޫރުވެފައި
ފަލަސްޠީން - އިސްރާއީލް ހަނގުރާމަ
ޣައްޒާ ބަނޑަށްޖެހި ޅަ ނަޢަމްސޫފީގެ މަސް ކާން މަޖުބޫރުވިއިރު، މިނިވަންކަމާއި ޑިމޮކްރަސީގެ ބާރު ކޮބާ؟
ޑަބްލިއުއެފްޕީން ބުނާގޮތުގައި، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 2 ބައިކުޅަ 1 ބައި މީހުން މިހާރު ތިބީ ބަނޑަށް
އެއްގަމު މަހުގެ އަގު ވަނީ 4.4 އެމެރިކާ ޑޮލަރުން، 7.6 އެމެރިކާ ޑޮލަރަށް އުފުލިފައި

ޔަހޫދީ އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާގެ ލާއިންސާނީ ގަތުލުއާންމުގެ ޝިކާރައަކަށް ހަދާފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިން މިއަދު ދިރިއުޅެމުންދާ ހާލަކީ، ދުނިޔޭގެ އެހެން ހިސާބެއްގައި ހުރި މީހަކަށް ވަޒަންވެސް ކޮށްލެވޭނެ ޙާލެއް ނޫނެވެ. ލިބޭ ޚަބަރުތަކާއި، ފެންނަ މަންޒަރުތަކުން އެންމެ ހަރު ހިލަ ހިތުގެ ވެރިންގެ ލޮލުންވެސް ކަރު ހިލުވާލާއިރު، ޣައްޒާގެ ވަޒަންވެރިންގެ ހިތަށް ކުރާނެ އަސަރު ޚިޔާލަށްވެސް ގެންނަން ދައްޗެވެ.

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ރަށްވެހިން މަޚްރޫމުކޮށްފައި ވާއިރު، މިއިން ދުވަހަކު ގަތުލުއާންމު ހުއްޓާނުލާނެކަމަށް ނިރުބަވެރި ޔަހޫދީން ދަނީ ކެނޑިނޭޅި ބުނަމުންނެވެ. ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލަންކަމަށް ބުނެ ދެމުންދާ ޢުދުވާނީ ހަމަލަތަކާ ހިސާބުން އަނިޔާގެ ވާހަކަ ނިންމާލެވޭކަށްނެތެވެ. މުޅި ޣައްޒާ މިއަދު އޮތީ ބަނޑަށްޖެހިފައެވެ. އެކަށީގެންވާ ގޮތެއްގައި ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްއިރު، ޣައްޒާގެ ރަށްވެހިންނަށް މިއަދު މަޖުބޫރުވެފައިވަނީ އަތުޖެހުނު ކޮންމެ އެއްޗެއް ކާށެވެ. ތަޣައްޔަރު ވެފައިވާ ފެން ބުއިން ނޫން ގޮތެއްވެސް ނެތެވެ.

ޣައްޒާގައި އެއްގަމު މަސް ވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުން ބުނިގޮތުގައި، ބަނޑަށްޖެހިފައިވާ އާބާދީއަކުން ކުރަމުންދާ ޑިމާންޑުގެ ޕްރެޝަރު ބޮޑުވެ، ރަނގަޅަށް ހެދިބޮޑުނުވާ ނަޢަމްސޫފީގެ މަސް ވިއްކަންވެސް މިއަދު ވަނީ މަޖުބޫރުވެފައެވެ. މުޅި ޣައްޒާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ޣައްޒާގެ ސަރަޙައްދީ އިން ހުރަސްކޮށް ކާބޯތަކެތީގެ ސަޕްލައި އިމްޕޯޓްކުރުމާ ދެކޮޅަށްވެސް ޔަހޫދީން ވަނީ ފިޔަވަޅު އަޅާފައެވެ.

އަހަރެމެން މިއަދު ޣައްޒާގަ ދިރިމިއުޅެނީ ވަރަށް ދަތި ހާލެއްގަ. ފެނާ، ކާބޯތަކެއްޗަށް ބަލާއިރު ދިރިއުޅުން ވަރަށް ދަތިކޮށް މިއޮތީ. ބޮޑު މުޞީބާތަކަށް ވެފަ މިއޮތީ. މިއަދު އަހަރެމެން މި ކަތިލި ނަޢަމްސޫފިގެ ބަރުދަން އުޅޭނީ ގާތްގަނޑަކަށް 150 ކިލޯއާ 200 ކިލޯއާ ދެމެދުގަ. އިހަށް އެހެންނެއް ނޫން. ގަތުލުއާންމުގެ ކުރިން އަހަރެމެން ކަތިލާ ނަޢަމްސޫފިގެ ބަރުދަން އުޅެނީ 450 ކިލޯ، ނޫނީ 500 ކިލޯގަ. ބޮޑު ތަފާތެއް. އަހަރެމެން މިކަހަލަ ނަޢަމްސޫފި ގެންނަނީ ވަކި މޫސުންތަކަކަށް. 450 ކިލޯ ނޫނީ 500 ކިލޯ ހަމަވަންދެން އަހަރެމެން އެއަށް ކާންދީ، ބޯންދީ ބަލަހައްޓަން. ކަތިލަނީ ޢީދުކަހަލަ ދުވަސްތަކުގަ. އެކަމަކު މިހާރު، މި ކަހަލަ ނަޢަމްސޫފި މި ކަތިލަނީ، އިތުރު ބާވަތެއްގެ ނަޢަމްސޫފި އިމްޕޯޓް ކުރާނެ ހުއްދަ ނުދޭތީ.
މުޙައްމަދު އަލް-ޣަލްބާން؛ ނަޢަމްސޫފީގެ ވިޔަފާރިކުރާ މީހެއް

ވޯރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ބުނާގޮތުގައި، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 2 ބައިކުޅަ 1 ބައި މީހުން މިހާރު ތިބީ ބަނޑަށެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު ނިރުބަވެރި އިޒްރޭލުން ގަތުލުއާންމު ފެށިފަހުން، ޣައްޒާއަށް އެތެރެކުރެވިފައިވަނީ، ބޭނުން ޖެހިފައި އޮތް މިންވަރުގެ އެންމެ 7 ޕަސެންޓް ކާބޯތަކެތި ކަމަށްވެސް ޑަބްލިއުއެފްޕީގެ ރެކޯޑްތަކުން ދައްކައެވެ.

އަހަރެމެން އަތުގަ ހުރި ހުރިހާ ނަޢަމްސޫފީގެ ޖަނަވާރުތައް ހަމަ މުޅިންހެން ހުސްވެއްޖެ. ބާކީ މިއޮތީ ތިން-ހަތަރު ޅަ ބަކަރިއެއް. ކުރިންހެނެއްނޫން. އަހަރެމެން އޭރު އިމްޕޯޓް ކޮށްލަން 700 ނޫނީ 800 ޖަނަވާރު، މަހެއްގެ މައްޗަށް. ބަރުދަންވެސް ހުރި އެއްޗެހި އެއީ. އަހަރެމެންގެ ޑިމާންޑަކީ، ނަޢަމްސޫފި އިމްޕޯޓް ކުރަން ހުއްދަ ދިނުން. ހިލޭ ސާބަހަށް ކެއްކުންތައް ކައްކާ ތަންތަނުން ދަނީ، ސައިޒުން ބޮޑެތި ނަޢަމްސޫފި ހޯދަން އޯޑަރުދެމުން. އަހަރެމެންނަކަށް އެ ހޯދައެއް ނުދެވޭ.
މުޙައްމަދު އަލް-ޣަލްބާން؛ ނަޢަމްސޫފީގެ ވިޔަފާރިކުރާ މީހެއް

ޣައްޒާގައި އެއްގަމު މަސް ވިއްކުމުގެ ވިޔަފާރީގައި އުޅޭ މުޙައްމަދު އަލް-ޣަލްބާން ބުނިގޮތުގައި، އެއްގަމު މަހުގެ އަގު ވަނީ 16 ޝަކްލްސް (4.4 އެމެރިކާ ޑޮލަރު)ން 28 ޝެކްސްލް (7.6 އެމެރިކާ ޑޮލަރު)ށް އުފުލިފައެވެ. މި ދައްކަނީ އެންމެ ކިލޯއެއްގެ ވާހަކައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްގަމު މަހުގެ ކިލޯއެއް އެ ޖެހެނީ 116.66 ރުފިޔާއަށެވެ. ގަތުލުއާންމު ފެށުމުގެ ކުރިންވެސް އިންތިހާ ފަގީރު، ނިކަމެތި ހާލެއްގައި ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާގެ ކޮންމެ ކޮންމެ މީހެއްގެ އަތުގައި އެފަދަ ތަނަވަސްކަމެއް ނުވެސް ނެތެވެ.

ކުރިން ނަޢަމްސޫފިތައް ބެލެހެއްޓި ގޮތަކަށް އެކަންވެސް ނުކުރެވޭ މިހާރަކު. އަގުތައް އެހާ ބޮޑު. މި ނަޢަމްސޫފިތަކަށް ކާންދޭ އެއްޗެހީގެ އަގު ފިސާރި ބޮޑުވެއްޖެ. ކުރިންހެނެއްނޫން. ކުރިން ވިއްކި އަގުތަކެއްގަ ނޫން އަހަރެމެންވެސް މި ވިއްކަނީ. މި ކަހަލަ 'ޑަޗް' އޭ މިކިޔާ ވައްތަރުގެ މަސް ކިލޯއެއް ކުރިން ވިއްކާ އުޅުނީ 16 ޝެކްލްސްއާ 18 ޝެކްލްސްއާ ދެމެދު އަގެއްގަ. މިއަދު މި ވިއްކަނީ، 25 ޝެކްލްސްއާ 27 ޝެކްލްސްއާ ދެމެދު އަގުތަކެއްގަ. ބައެއް ފަހަރު 28 ޝެކްލްސްއަށްވެސް އެބަ ވިއްކަން.
މުޙައްމަދު އަލް-ޣަލްބާން؛ ނަޢަމްސޫފީގެ ވިޔަފާރިކުރާ މީހެއް

ދިރިއުޅުން ހަފުސްކުރަމުން ޔަހޫދީން އެ ދަނީ، އެއެއް މިއެއް ބެލުމެއް ނެތިއެވެ. އިމާރާތެއްގެ ވަކި އެޕާރޓްމަންޓެއް ސުންނާފަތި ކޮށްލުމުގެ ޤާބިލުކަން ނުވަތަ 'ސަރޖިކަލް ސްޓްރައިކް' އެއް ދިނުމުގެ ޤާބިލުކަން ލިބިފައި އޮތް އަސްކަރިއްޔާއަކުން، ޢިމާރާތްތައް ހުރި ގޮތަށް ބިމާ ހަމަކުރަމުންދަނީ އެތަންތަނުގައި ތިބި މީހުންނާވެސް އެކީގައެވެ. ރައްކާތެރިކަމެއް ހޯދަން ގެދޮރު ދޫކޮށް އެތައް ހާސް ބަޔަކު ނުކުންނަނީ ހުސްއަތާއެވެ. އަތުގައި އޮންނަހައިވެސް އެއްޗަކީ ލައިގެން ހުރި ހެދުމެވެ.

ޣައްޒާގެ އާބަދީގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ މިއަދު ގެދޮރު ގެއްލިފައިވާ މީހުންނެވެ. އދ.ގެ އޮފިޝަލުން ވަނީ ޣައްޒާގައި އިންސާނީ ކާރިސާއެއް ފެށިދާނެކަމުގެ އިންޒާރު ދީފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރުކުރަމުން ދިޔަގޮތަށް، ޣައްޒާގައި މިހާރު ދަނީ އެކި ކަހަލަ ބަލިމަޑުކަންވެސް ފެތުރެމުންނެވެ. ނަމަވެސް ޞިއްޙީ ނިޒާމު އިނދަޖައްސާލާފައި އޮތުމުގެ ސަބަބުން، ބަލި މީހަކަށް އެކަށީގެންވާ ފަރުވާއެއް ދެވޭކަށްވެސް ޣައްޒާގައި މިއަދު ފުރުސަތެއްނެތެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ގޮވަމުންދާއިރު، ޔަހޫދީ ޢުދުވާންތަކުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 20000ށްވުރެ މައްޗަށް ވަނީ އަރާފައެވެ. ޢުދުވާންތަކުގައި މަރުވި މީހުންގެ ލިސްޓަށް ލަނީ، އެއީ ކާކުކަން ދެނެގަނެވޭ ހިސާބުންނެވެ. އެންމެ ވަރުގަދަ ޢަސްކަރީ ބާރުވެރިކަން ބޭނުންކޮށްގެން އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލަތަކުގައި ފުރާނަ ގެއްލިދިޔަ ބައެއް މީހުންނަކީ ކޮން ބައެއްކަން އަދިވެސް ދެނެއެއްނުގަނެވެއެވެ. ބައެއް މީހުންގެ ހަށިގަނޑު ކުދިކުދިވެފައިވާލެއް ބޮޑު ކަމުން، ގައިގެ މަސްކޮޅެއް ފިޔަވާ އިތުރު އެއްޗެއް ނެތެވެ.

އިޒްރޭލުގެ ޢުދުވާންތަކުގައި ބައި ލައްކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާއިރު، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ 70 ޕަސެންޓަށްވުރެ ބޮޑު ހިއްސާއެއްގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ޢަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރައި، ވަރުގަދަ ހަނގުރާމައެއް ފެށިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބައިނަލްއަޤުވާމީ ދުނިޔެއާއި ރަޝިއާ ވަކިކޮށް، އެކަހެރިކޮށްލި ގޮތަށް، ޔަހޫދީ އިޒްރޭލާމެދު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ޢަމަލު ނުކުރެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބީ އެމެރިކާގެ އަޅުން ހެއްޔެވެ؟ އެހެންވީއިރު ޑިމޮކްރަސީއާއި މިނިވަންކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

- ކޮމެންޓް