މަދިރީގެ ޒަރިއްޔާއިން ވަރަށް ގިނަ ބަލިތައް ޖެހެއެވެ. ދޭތެރެދޭތެރެއިން މަދިރިން ޖެހޭ ބަލިތައް ރާއްޖޭގައި އިތުރުވަމުންދާތީ، ރައްކާތެރިވުމަށާއި ދުރާލައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ނަމަވެސް ރާއްޖެއިން 2016 ވަނަ އަހަރުގެ ތެރޭގައި ނައްތާލެވިފައިވާ މަދިރީގެ ޒަރިއްޔާއިން ޖެހޭ ފައިލޭރިއާ ފެނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޑިސެންބަރު މަހުގެ 1 އަދި 2 ވަނަ ދުވަހު ހދ.ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ފައިލޭރިއާގެ ކޭސްތަކެއް މިވަނީ ފެނިފައެވެ. މިއާއެކު މުޅި ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފައެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ.
މިބައްޔާއި ގުޅޭގޮތުން ޑރ.އުސާމާ ކްލިނިކްގެ މެޑިކަލް ޑައިރެކްޓަރ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ ފައިލޭރިއާއަކީ ވެސް ޑެންގީ ފެތުރޭ ގޮތަށް ފެތުރޭ ބައްޔެކެވެ. ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑިސް މަދިރި ހެފުމަށްފަހު މި މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން، އެމީހެއްގެ ގަޔަށް މިބަލީގެ ވައިރަސް އަރަނީއެވެ. ހަމައެގޮތަށް ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިގައި މަދިރި ހެފުމުން ލެއާއެކު މި ފަނިތައް މަދިރީގެ ހަށިގަނޑަށް ވަދެއެވެ. އަދި މަދިރީގެ ހަށިގަނޑުގައި ފަނި އާލާވެ، ބަލި ޖައްސާ ފަނި އުފެދި، ފައިލޭރިއާ ޖެހިފައިނުވާ މީހެއްގެ ގައިގައި މިމަދިރި ހެފުމުން އެމީހެއްގެ ހަންގަނޑު ތެރެއަށް ޖަރާސީމު ވަންނަނީއެވެ.
ޑރ.އުސާމާ ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވްވެ، ކުރީކޮޅު ބަލި ދެނެގަނެވެއްޖެނަމަ ރަނގަޅު ކުރެވޭނެ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ދުވަހުން ބަލި ދެނެގަނެވިއްޖެނަމަ ބަލި ރަނގަޅު ނުކުރެވޭނެ ކަމަށް ޑރ.އުސާމާ ވިދާޅުވިއެވެ. ޑރ.އުސާމާ ވިދާޅުވީ ފައިލޭރިއާއަކީ ދިގު މުއްދަތަކުން އަލާމާތްތައް ފެންނަ ބައްޔަކަށްވެފައި، ބަލީގެ ހާލަތު މާ ބޮޑަށް ގޯސްވެފައިވާނަމަ، ފައިދުޅަވެ ފަލަވެފައިވާނަމަ އެފަދަ މީހުންނަށް ބޭސް ދިން ނަމަވެސް ހަށިގަނޑުގައި ފަނި ހުންނާނެ ކަމަށެވެ. އަދި އެމީހުންގެ ދިފާއީ ނިޒާމު ބަލި ކަށިވި ނަމަވެސް ހާލަތު އިތުރަށް ގޯސްނުވާނެ ކަމަށް ޑރ.އުސާމާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.އުސާމާ ވިދާޅުވީ މިބައްޔަކީ ފުރާނައަށް ނުރައްކާތެރި ބައްޔެއް ނޫން ނަމަވެސް އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ އެމީހަކީ ނުކުޅެދޭ މީހަކަށްވާނެ ކަމަށެވެ. ސިއްހީ އެހެނިހެން ގިނަ މައްސަލަތައް ފެންނާނެ ކަމަށާއި، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ޑރ.އުސާމާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ.އުސާމާ އިލްތިމާސްކުރެއްވިއެވެ.
ފައިލޭރިއާގެ ސަބަބުން ބޮޑަށް އަސަރުކުރަނީ ލިމްފެޓިކް ސިސްޓަމެވެ. އެ ނިޒާމަކީ އިންފެކްޝަނުން ރައްކާތެރިކޮށްދީ، މުޅި ހަށިގަނޑުގައި ހުންނަ ދިޔާ އެއްޗެހި، ދުޅަހެޔޮ މިންވަރަކަށް ބަހައްޓައިދޭ ނިޒާމެވެ. ދިފާއީ ނިޒާމަކީ ލިމްފެޓިކް ސިސްޓަމްގެ އެއް ބައެވެ.
ފައިލޭރިއާ ޖެހުމަށްފަހު ވެސް އެތައް ދުވަހެއް ވަންދެން އެއްވެސް އާލާމާތެއް ނުފެނި ހުރެދާނެއެވެ. ގިނަ ދުވަސްތަކެއްވުމުން އަތްފައި، އަދި އެހެނިހެން ގުނަވަންތައް ދުޅަވެ، ހަންގަނޑު ބޯވެގެންދެއެވެ. އެންމެ ބޮޑަށް ފެންނަ އެއް އަލާމާތަކީ އެއްފައި އާދަޔާ ހިލާފަށް ދުޅަވެ ފަލަވުމެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިބަލިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރި ލޯޝަން ލުމާއި، އަދިވެސް މަދިރިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. ދިރިއުޅޭ ގެއަށް މަދިރިއަށް ނުވަދެވޭނެ ގޮތަށް ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ފަދަ ކަންކަން ކުރުމަށް އެދިފައިވެއެވެ.
މިބަލި ހުރިތޯ ދެނެގަތުމަށް ރެފިޑް ޓެސްޓު ކިޓަކުން ޓެސްޓު ހެދޭނެއެވެ. ފައިލޭރިއާއަށް ފަރުވާ ކުރުމަށް ބޭނުންކުރަނީ ތިން ވައްތަރެއްގެ ބޭހެކެވެ. އެއީ އައިވަމެކްޓިން، ޑައިތީލްކާބަމާޖިން އަދި އަލްބެންޑަޒޯލް އެވެ. މިބައްޔަށް ބޭސް ކެއުމުން ލޭގައި ހުންނަ ފަނިތައް ނާއްތާލެވޭނެއެވެ.
ރާއްޖެއަކީ ފައިލޭރިއާ ނެތް ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 19 ޖުލައި 2016 ގައެވެ. ނަމަވެސް މިހާރު ކުޅުދުއްފުށީގެ އިތުރުން މާލެ، ހުޅުމާލެ، ގުޅީފަޅުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ވަނީ ފެނިފައެވެ.