ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 17:39
ހައްޖުވެރިންތަކެއް
ހައްޖުވެރިންތަކެއް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ޓްވިޓަރ
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ
ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް
މި ނިންމުމާއެކު އާއްމު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ
ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބް ވިދާޅުވީ، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޭގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.

ޝަހީބް ވިދާޅުވީ މި ނިންމެވުމާއެކު، އާއްމު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

ހައްޖަށް ގެންދިއުމަށް ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގަ ރަޖިސްޓްރީވެފަ ތިބި ތިބުމަށް ރިޔާއަތްކޮށް، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާ، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކާ ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕްރޭޝަން ލިމިޓެޑްއަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި. އެނގިވަޑައިގަންނަވާނެ ހައްޖު ކޯޓާގެ ގޮތުގައި އާއްމު ގޮތެއްގަ މިލިބެނީ ކޮންމެ އަހަރަކު ވެސް 1000 ކޯޓާ. އެެހެންވީމަ މިއަދަދު ސީދާ ހައްޖު ކޯޕަރޭޝަނަށް ދެއްވާގޮތަށް މިހާރު މި ވަނީ ނިންމަވާފަ. މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް މިކަމުގަ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް މަޝްވަރާ ކުރެއްވިގެންދިޔަ.
ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބް

އާއްމުކޮށް ރާއްޖެއަށް ސައޫދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާއެވެ. ސައޫދީ ސަރުކާރުން ކޯޓާ އިތުރުކޮށްދެނީވެސް އެ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ. މިސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ކޯޓާ އިތުރުވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމެވިއިރު، މީގެ ކުރިން އަމަލުކުރަމުން އައީ ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމަށްފަހު، ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ. ނަމަވެސް އަމިއްލަ ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފައިވާ މިންވަރަށްވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިނުދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ސަރުކާރުގެ މިނިންމުމާއެކު، ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން މީހުން ހައްޖަށް ގެންދިއުން ނިމުމަކަށް އަންނާނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ހިލޭ ހައްޖު ޕްރޮގްރާމްގެ ދަށުން ފުރަތަމަ ސަރުކާރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ތިބި، އުމުރުން 70 އަހަރުން ދަށުގެ ފަގީރުންނެވެ. އެގޮތުން ފުރަތަމަ ތިން އަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 50 އަހަރާ 69 އަހަރާ ދެމެދުގެ ފަގީރުން ކަމަށާއި، ފަހު ދެ އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 45 އަހަރާ 69 އަހަރާ ދެމެދުގެ ފަގީރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ދެވޭ ޕެކޭޖްގެ ތެރެއިން އެތެރޭގެ ދަތުރުފަތުރާއި މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ ހުރުމާއި ކެއުން ދޭނެކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރު 50 މީހުން ހިލޭ ހައްޖަށް ފޮނުވުމަށެވެ.

- ކޮމެންޓް