Advertisement
ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 11:56
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
އެމްޑީޕީ
ރައީސް މުއިއްޒުގެ ވައުދުފުޅުތައް
ރައީސް މުއިއްޒުގެ ސަރުކާރުން ޗާގޯސް ހޯދަންޖެހޭނެ: ފައްޔާޒު
ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށްބުނެ ބޮޑު ފިތުނައެއް އުފައްދާފައިވޭ
މި ސަރުކާރުން 900ށް ވުރެ ގިނަ މުވައްޒަފުން މިހާރު ވެސް ވަޒީފާތަކުން ވަކިކޮށްފައިވޭ
މިސަރުކާރުން ކަންކަން ކުރަމުންދަނީ ރައްޔިތުންނަށް އެކަމުގެ ދެރަ ނިކަމެތިކަން ލިބޭ ގޮތަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗާގޯސް ހޯދަންޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

"ފެހި ތަނަވަސް މާލެ" ކެމްޕޭންގެ ތެރެއިން މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޮގުމައްޗަށް ދޮގުހަދަމުން ކަމަށާއި، މިހާރު އެ ދޮގުތައް ފަޅާއަރަމުންދާ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅާކީ ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަންފަށާފައިވާ ހުރި ކަންކަމަށް ކޮންމެވެސް ކަމެއް އިތުރުކުރުމަށްފަހު ވެވަޑައިގެންނެވި ވައުދުފުޅުތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement

ދޮގުތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށްބުނެ ބޮޑު ފިތުނައެއް އުފައްދާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މި ސަރުކާރުން ޗާގޯސް ހޯދަންޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއާއެކު ހާހުން ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ކޮބައިތޯ ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ދޮގުގެ މައްޗަށް ދޮގު ހަދަމުން އައިސް މިއަދި ހުރިހާ ދޮގެއް އެދަނީ ފަޅާއަރަމުން. ރިޔާސީ އިންތިޚާބުގައި ވީ ވައުދެއް ވެއްޖެއްޔާމުން ވީ ރައީސް ސާލިހުގެ ސަރުކާރުގައި ކުރައްވަން ފައްޓަވާފައި ހުރި ކަމަކަށް ކޮންމެވެސް އެއްޗެއް އިތުރު ކުރީ. ދެންވީ ހުރިހާ ވައުދަކީ ރޯ ބުހުތާނު ދޮގުކަން ފެނިގެންދަނީ. ކޮބައިތޯ އެތައް ހާސް އިންޑިއާ ސިފައިންތައް. ކޮބާ ޗާގޯސް. ޗާގޯސްއަކީ ކުރީގައި އަޅުގަނޑުމެން ދަންނަވެސް ތަނެއް ނޫން. އަޑު ވެސް އަހާތަނެއް ނޫން. އެކަމަކު ބޮޑު ފިތުނައަކާ ދޮގުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލީއޭ ކިޔައިގެން ދޮގުހަދައިގެން ދެއްކި ވާހަކަ ކޮބައިތޯ. ޗާގޯސް. ޗާގޯސް ހޯދަން ޖެހޭނެ. މިސަރުކާރު ޗާގޯސް ދިވެހިރާއްޖޭގެ މިލްކިއްޔާތަކަށް ހަދަންޖެހޭނީ. އެވައުދުގެ މަތީގައި އެބޭފުޅުން ވެރިކަމަށް އައިސްފައި ތިބީ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ 900ށް ވުރެ ގިނަ މުވައްޒަފުން މިހާރު ވެސް ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށެވެ. އަދި ކުދި ރަށްތަކުގެ އިގްތިސާދަށް ގެއްލުން ލިބޭ ގޮތަށް ގިނަ ކަންކަން ކުރަމުންދާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސިޔާސީ ވަޒީފާ ޖުމްލަ 700ށް ވުރެ އިތުރު ނުކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް 70 ޑެޕިއުޓީ މިނިސްޓަރުން އައްޔަކޮށްފައިވާ ކަމަށާއި، ސްޓޭޓް މިނިސްޓަރުންގެ ފައިނަލް އަދަދު އަދި ހާމަނުވާ ކަމަށެވެ. ޑޮކްޓަރު ފެންވަރުންގެ ގާބިލް ބޭފުޅުން މަގާމުތަކަށް އައްޔަންކުރާނެ ކަމަށް އުންމީދުކުރި ނަމަވެސް ބައެއް މަގާމުތަކަށް އައްޔަކޮށްފައިވަނީ ސިޔާސީ އުރައްޕަތެއް އަދި ހިންގުމުގެ ގާބިލްކަން ނެތް އާއިލީ ބޭފުޅުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މާލޭގެ ތަރައްގީއާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދަނީ ރައްޔިތުންނަށް އެކަމުގެ ދެރަ ނިކަމެތިކަން ލިބޭ ގޮތަށް ކަމަށެވެ. ދުރުރާސްތާ ޕްލޭންއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރީ ސަރުކާރުން ފެށި ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް ކަންކަން ކުރާ މަންޒަރު ނުފެންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުޅުމާލެ، ގުޅީފަޅު، ގިރާވަރު، އުތުރުތިލަފަޅު ތަރައްގީކުރުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ފުށިދިއްގަރުފަޅު ތަަރައްގީ ކުރުމަށް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުން ވެސް މާލެއަށް އައުން މަޖުބޫރުވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އެއްކޮށް ލާމަރުކަޒީ ނިޒާމުގެ ބޭނުން ކެނޑޭ ގޮތަށް ކަންކަންކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ނޭދެވޭ ކަންކަން ކުރިއަށް ނުދިނުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުތައް އެމްޑީޕީން ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވައި، މުޅި ރާއްޖޭގެ މުސްތަގުބަލު ޑިމަކްރެޓިކް ވެއްޓެއްގައި އަނިޔާވެރިކަމުން ދުރުކޮށް ހިފެހެއްޓުމަށް އެމްޑީޕީގެ ފޯރިއާއި ޖޯޝުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް