ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 23:05
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓް
ވަން އޮންލައިން
ފްލެޓްތަކުގެ ކުލި ކުޑަކުރުން
ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި
ވިނަރެސް ފްލެޓުން މަހުންމަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދޭން ވަނީ ނިންމާފައި
ހުރިހާ ރަށެއްގައި އަޅާފައިހުރި ހައުސިންގ ޔުނިޓްތަކުގެ އަގުވެސް 3,333 ރުފިޔާއަށް ކުޑަ ކުރެއްވުމަށް ވަނީ ނިންމަވާފައި

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހިފައިވާ އަދަދުތަކަށް ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާފައިހުރި ރޯހައުސްތަކާއި ފްލެޓްތަކާއި ބޯހިޔާވަހިކުރުމުގެ އެކިއެކި ޔުނިޓުތަކުގެ ކުލި ކުޑަކުރަން ނިންމަވާފައިވާކަމަށެވެ. މިގޮތުން، މިހާރު އެތަންތަން ހުރީ އާންމުކޮށް 5,000 ރުފިޔާއަށް ކަން ފާހަގަކުރައްވައި، ހުރިހާ ރަށެއްގައި އަޅާފައިހުރި ހައުސިންގ ޔުނިޓްތަކުގެ އަގުވެސް 3,333 ރުފިޔާއަށް ކުޑަ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.

Advertisement

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ވެފައިވާ ވަޢުދުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ކަމަށާއި، މަހުންމަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހުޅުމާލެ 1 ގަ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމަށެވެ. އަދި ނުދެއްކި ހުރި ކުލި ބަހާލައިގެން ދެއްކޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓެއްގައި ނަން އޮވެއްޖެ ނަމަ އެ މީހަކަށް އެ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް