ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 14:02
އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން
އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން
ރާއްޖެއެމްވީ
ޝިފާންގެ މަރުގެ މައްސަލަ
ޝިފާންގެ ޤާތިލު ޝައިފަން މަރަން ކުރި ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
މި މައްސަލައަކީ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައެއް
ހުކުމް ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުންގެ އިއްތިފާޤުން

މ. ފެއަރީކޯނަރ އަލީ ޝިފާން މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލެ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ ޙުކުމް ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.

ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް މި މައްސަލައަކީ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލަ އެކެވެ. މި މައްސަލަ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހަށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ މި މައްސަލަ އެއްވެސް ޝައްކެއް، ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަކަށް ސާބިތުވާންޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުގައި ވަރަށް ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އަދި އޭގެ ތެރޭގައި ފާސިގު ހެކިވެރިއެއް ހުރިކަމަށްވެސް ޝައިފަންގެ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން ޑީއެންއޭ ރިޕޯޓަކީ މިފަދަ މައްސަލަތައް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކި، ނ، ރ، އަދ ބ ގެ ހެކިބަހުން، އަލީ ޝިފާނަށް ތޫނު އެއްޗަކުން ހަމަލާދިނުމުގައި ޝައިފަން ބައިވެރިވެފައިވާކަން އެނގޭ ކަމަށާއި، އަދި އެ ތިން ހެކިވެރިންގެ ހެކިބަހަށް ފޮރެންސިކް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓުން އިތުރަށް ކަށަވަރުވާ ކަމަށެވެ.

އަދި އަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު އަނިޔާތުގައި ގިނަ އަދަދެއްގެ ލޭ އޭނާގެ ހަށިގަނޑުން ބޭރުވުމުގެ ސަބަބުން ކަމަށް އޭނޭ މެޑިކަލް ރިޕޯޓުން އެނގެން އޮތް ކަމަށާއި، އެހެންކަމުން މި އަމަލާއި އަލީ ޝިފާން މަރުވި ސަބަބާ ގުޅިފައިވާތީ އަލީ ޝިފާން މަރާލުމުގައި ޝައިފަން ބައިވެރި ވެފައިވާކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، ހައިކޯޓުން ޝައިފަންގެ މައްޗަށް ކުރި، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން ޝައިފަން މެރުމަށް ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުގެ މަތިން ހައިކޯޓުން ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައަކީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށްވާތީ، މި މައްސަލަ ބައްލަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

މި މައްސަލައިގައި ހައިކޯޓުން އިއްވާފައިވާ ޙުކުމް ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މި މައްސަލައިގައި ތަފާތު ރައުޔެއް ނެެރުއްވާފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުއެވެ.

- ކޮމެންޓް