އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު، ޣައްޒާގެ ހަނގުރާމަވެރި ގްރޫޕް، ހަމާސުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކެއްގައި އެގައުމުގެ 1،200 މީހުން މަރުވެ، އިތުރު މީހުންނަށް އަނިޔާވުމާއެކު، އިސްރާއީލުން ވަނީ މުޅި ޣައްޒާ ބަންދުކޮށް، ހަމާސާ ދެކޮޅަށް އިއުލާނުކޮށްފައެވެ. ޣައްޒާއަށް ތެލާއި ފެން، އަދި އެހެނިހެން ޒަރޫރީ ތަކެތި ވެއްދުން މަނާކޮށް، އިސްރާއީލުން ވަނީ މުޅި ޣައްޒާއަށް ހަމަލާދޭން ފަށާފައެވެ. ވައިގެ މަގުން ދޭން ފެށި ހަމަލާތައް ވަރުގަދަކޮށް، ފުޅާކޮށް، އިސްރާއީލު ސިފައިން ވަނީ ބަރު ހަތިޔާރާއެކު ޣައްޒާއަށް އަރައި އެއްގަމު މަގުންވެސް ހަމަލާތައް ދޭންފަށާފައެވެ.
ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށް، އާންމުން ދިރިއުޅެމުންދިޔަ ރެފިއުޖީ ކޭޕްމުތަކަށާއި ހޮސްޕިޓަލްތަކަށް އިސްރާއީލުން ވަނީ ހަމަލާތައް ދީފައެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދިޔަ މީހުންނަށް އެ ސަރަހައްދު ދޫކޮށް، ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދާން މަޖުބޫރުކުރިއެވެ. އާންމުން ދިރިއުޅެމުންދިޔަ އިމާރާތްތަކަށް އަމާޒުކޮށް ދެމުންދިޔަ ހަމަލާތަކުގައި އަނިޔާލިބުނު މީހުންނަށް ފަރުވާދެމުންދިޔަ ސިއްހީ ފެސިލިޓީތަކާއި ހޮސްޕިޓަލްތަކަށްވެސް އިސްރާއީލުން ހަމަލާތައް އަމާޒުކުރަން ފެށިއެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އައްޝިފާ ހޮސްޕިޓަލުގައި 7،000ށްވުރެ ގިނަ މީހުން ތިއްބައި އިސްރާއީލުގެ އަސްކަރިއްޔާއިން އެ އިމާރާތް ވަށާލައި، އެތަން ހިސޯރުކޮށް، މުޅި ހޮސްޕިޓަލް ހުސްކުރަން އަމުރުކުރިއެވެ. ހޮސްޕިޓަލުގެ އަޑީގައި ހަމާސް ޖަމާއަތުގެ ހެޑްކުއާޓަރެއް ހުރިކަމަށް ބުނެފައެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ކުދި ބޮޑު އެންމެންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ އެހީތެރިންގެ އިތުރުން، ގެދޮރު ގެއްލުމާ ގުޅިގެން ހޮސްޕިޓަލުގައި ބޯހިޔާވަހިކަން ހޯދަމުންދިޔަ މީހުން ބިރުދައްކައި އެތަނުން ނެރުނެވެ.
އައްޝިފާ ހޮސްޕިޓަލުގެ އިތުރުންވެސް ޣައްޒާގެ އުތުރުގައި ހުރި އެހެނިހެން ހޮސްޕިޓަލްތަކުގައި ތިބި މީހުންނަށް އެ ތަންތައް ދޫކޮށް ދިއުމަށް ހަމަ އެފަދަ އިންޒާރުތަކާއި ހަމަލާތައް ވަނީ ދީފައެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދިޔަ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޣައްޒާގެ ދެކުނަށް ފޮނުވާލުމަށްފަހު، ދެކުނުގެ ވަކި ވަކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދީ އެސަރަހައްދުތައް ދޫކޮށް ދިއުމަށް އިންޒާރުދޭންވެސް ފެށިއެވެ.
ހުއްޓުމެއްނެތި 48 ދުވަސް ވަންދެން ޣައްޒާއަށް އެކި ވަރުގެ ހަމަލާތައްދީ، މުޅި ޣައްޒާއަކީ ފުނޑުފުނޑުވެފައިވާ އިމާރާތްތަކުން ފުރިފައިވާ ބިމަކަމަށް ހެދިއެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެމީހުންގެ އަތުން ނިގުޅައިގަނުމަށްފަހުއެވެ. ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާއިން އެމީހުން މަހުރޫމުކުރުމަށްފަހުއެވެ. 48 ދުވަހުގެ ތެރޭގައި ޣައްޒާގެ 2.3 މިލިއަނުގެ އާބާދީގެ ތެރެއިން 15،000ށްވުރެ ގިނަ މީހުން އިސްރާއީލު އަސްކަރިއްޔާއިން ވަނީ މަރާލާފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
އިސްރާއީލުން ޣައްޒާގައި މިގޮތަށް ހަރަކާތްތެރިވަމުން ދިޔައިރު، އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، އެމީހުންގެ ހަރަކާތްތައް ވަނީ ފަލަސްތީންގެ ހުޅަނގު އައްސޭރީގައިވެސް އިތުރުކޮށްފައެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ފުރަތަމަ ދެ ހަފުތާތެރޭގައި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 5،200ން 10،000ން މައްޗަށް އަރާފައެވެ. އެގޮތުން، އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިއާ އިރުމަތީ ގުދުސުން 3،290 މީހުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން، އިސްރާއީލުގައި މަސައްކަތްކުރަމުން ދަނިކޮށް ހައްޔަރުކުރި ޣައްޒާގެ 4،000 މަސައްކަތްތެރިންވެސް ހިމެނެއެވެ. އެމީހުން ބަންދުގައި ބޭތިއްބުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
އިސްރާއީލުން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސަށް އަތް ގަދަކުރަން ފެށިތާ 56 ވެފައިވާއިރު، އެގައުމުގެ އަސްކަރިއްޔާއިން ރޭގަނޑުގެ ވަގުތު ފަލަސްތީނުގެ ގެތަކަށް ވަދެ ރެއިޑްތައް ހިންގުމަކީ އާދައިކަމަކަށް ވަނީ މިހާރުވެފައެވެ. ކޮންމެ ރެއަކުހެން މިފަދަ ރެއިޑްތައް ކުރިއަށްދާއިރު، އެންމެ އަމާންކޮށްދާ ރޭރޭވެސް 15-20އާ ދެމެދުގެ އަދަދެއްގެ މީހުން ހައްޔަރުކުރެއެވެ. މިރެއިޑްތަކުގައި ދޭ ހަމަލާތަކުގައި ފަލަސްތީނުގެ މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުރިއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައްވެސް ލިބެއެވެ.
ޣައްޒާއަށް ހަމަލާތައް ދެމުން، ހުޅަނގު އައްސޭރީގައި މިފަދަ ރެއިޑްތައް އިސްރާއީލުން ދިޔައީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. 48 ދުވަހަށްފަހު، ހަތަރު ދުވަހުގެ މުއްދަތަކަށް ހަމާލަދިނުން ހުއްޓާލި ނަމަވެސް، ހުޅަނގު އައްސޭރީގައި ހިންގަމުންދިޔަ ހަރަކާތްތައް ހުއްޓާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނުނީ، އެސަރަހައްދުގައި ހިންގާ ރެއިޑްތައް އިތުރުކޮށް ވަރުގަދަ ކުރަން ފެށިތަނެވެ.
އިސްރާއީލުން އެއްބަސްވެފައިވަނީ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު، ހަމާސުން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލުން ރަހީނުކުރި މީހުންގެ ބަދަލުގައި، އިސްރާއީލްގެ ޖަލުތަކުގައި ތިބި މީހުން މިނިވަންކުރުމަށެވެ. އެގޮތުން ހަތަރު ދުވަހުގެ ތެރޭގައި ހަމާސުން ވަނީ އެމީހުން ރަހީނުކުރި 69 މީހުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި އިސްރާއީލުގެ 51 މީހުންނާއި އެހެން ގައުމުތަކުގެ 18 މީހުން ހިމެނެއެވެ. މީގެ ބަދަލުގައި އިސްރާއިލުން ވަނީ އެމީހުންގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 150 މީހުން މިނިވަންކޮށްފައެވެ. އެއީ 117 ކުޑަކުދިންނާއި 33 އަންހެނުން މިނިވަންކޮށްފައެވެ.
ހަމަ މިމުއްދަތުގެ ތެރޭގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސުން 133 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައެވެ.
މިހާރުވެސް މިނިވަން ކުރަމުންދާ މީހުންގެ އަދަދާ އެއްވަރަށް މީހުން ހައްޔަރުކުރަމުންދާއިރު، މިނިވަންކުރާ މީހުން އަލުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ. މީގެ ކުރިންވެސް މީހުން މިނިވަންކުރުމަށްފަހު، އެމީހުން މިނިވަންކުރާތާ ދެވަސްކޮޅެއް، ނުވަތަ ހަފުތާތަކެއް ނުވަތަ މަސްތަކެއް ފަހުން ނުވަތަ އަހަރުތަކެއް ފަހުންވެސް އެމީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. މީގެ ކުރިން، 2011 ވަނަ އަހަރު، ހަމާސާ އިސްރާއީލާ ދެމެދު ވެވުނު، އެއްބަސްވުމެއްގެ ދަށުން މިނިވަންވި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަލުން ހައްޔަރުކޮށް، އެމީހުންނަށް އަލުން ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމަށް ވަނީ މަޖުބޫރުކޮށްފައެވެ.
މިހާރު މި މިނިވަންކުރަމުންދާ މީހުންވެސް އަލުން ހައްޔަރު ނުކުރާނެކަމުގެ ޔަގީންކަމެއް އިސްރާއީލުން ދީފައެއްނެތެވެ. މިކަމުގެ ޔަގީންކަަން ނެތްއިރު، މިހާރު ހައްޔަރުކުރަމުންދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީވެސް މީގެ ކުރިން ހައްޔަރުކުރުމަށްފަހު މިނިވަންކޮށްފައިވާ މީހުންނެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބާ ތަންތަނުގެ ހާލަތުވަނީ އިތުރަށް ގޯސްވާން ފަށައިފައެވެ. ބަންދުގައި ބައިތިއްބައިގެން ފަލަސްތީނު ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް އިތުރުވެފައިވާއިރު، ބަންދުގައި ތިބި، ފަލަސްތީނު ހަ މީހަކު ވަނީ މަރުވެސްވެފައެވެ.
އިސްރާއީލުގެ ޖަލުތަކުން މިނިވަންވި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ އެމީހުންނަށް ޖަލުގައި ލިބުނު އަނިޔާތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އިސްރާއީލް ސިފައިން، ފަލަސްތީންގެ މީހުން ހައްޔަރުކޮށް، ބަނދެ، ކަނު ބަނދެ އަދި ބަރަހަނާކޮށް، އެމީހުންގެ ގައިމައްޗަށް އަރައި، އެމީހުންނަށް އަނިޔާކޮށް، ފުރައްސާރަކުރާ ގިނަ ވީޑިއޯތަކެއްވެސް މިފާއިތުވި ހަފުތާތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އިސްރާއީލުގެ ޖަލުތަކު ދެމުންދާ އަނިޔާތައް އިތުރުވެފައިވާއިރު، ބަންދުގައި ތިބި މީހުންނަށް ބޭސްފަރުވާ ދިނުންވެސް، އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް މެދުކަނޑާލިއެވެ. އަދި ބަންދުގައި ތިބޭ މީހުންނަށް އެމީހުންގެ އާއިލާއާއި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ހުއްޓުވާފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް މީގެ ކުރިން، އެމީހުން ތިބޭ ގޮޅިތަކުން ބޭރުގައި، ޖަލުތަކުގެ ގޯތިތެރޭގައި ދުވާލަކު ތިން ގަޑިއިރާ ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ތިބުމުގެ ފުރުސަތު ދިޔައީ ދެމުންނެވެ. ނަމަވެސް، މިހާރު އެވަގުތުވެސް ދުވާލަކު އެންމެ ގަޑިއިރަކަށް ކުޑަކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަލުގެ ގޮޅިތަކުގައި އެކަށީގެން ނުވާ އަދަދަކަށް މީހުން ބައިތިއްބާފައި ވާކަންވެސް ފާހަަގަކުރަން ޖެހެއެވެ.
އިސްރާއީލުގެ ޖަލުތައް ހިންގާ މީހުން ވަނީ، ޖަލުތަކުން ކަރަންޓާއި ހޫނުފެން ކަނޑާލައި، ގޮޅިތައް ބަލައިފާސްކޮށް، ޓީވީ، ރޭޑިއޯ، އަދި ކެއްކުމަށް ބޭނުންކުރާ ސާމާނު ހިމެނޭގޮތުން ކަރަންޓުގެ ހުރިހާ އާލާތްތަކެއް ނަގައި، ބަންދުގައި ތިބި މީހުން ކާބޯތަކެއްޗާއި ދަތްއުނގުޅާބޭސް ފަދަ ޒަރޫރީ އެހެނިހެން އެއްޗެހި ގަތުމަށް ބޭނުންކުރާ ކެންޓީނުވެސް ބަންދުކޮށްފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހަރަކާތްތެރިވަމުންދާހާ ދުވަހަކު، ނުހައްގުން ފަލަސްތީނު ރައްޔިތުން ހައްޔަރުކުރާ ކުރުމަށް ބަދަލު އަންނާނެ ތަނެއް ނުފެނެއެވެ. ފަލަސްތީނު ހައްޔަރުކޮށް، ހިސޯރުކުރުމުގެ މަރުކަޒީ ސިޔާސަތެއް އިސްރާއީލުން ގެންގުޅެއެވެ. މިއީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންނަށް ތެދުވުމުގެ ފުރުސަތު ނުދިނުމަށް އެމީހުން ގެންގުޅޭ ސިޔާސަތެކެވެ.