ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 13:14
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް
ރާއްޖެއެމްވީ
ކޭޕާކް ފްލެޓުތައް
ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
އެޕާޓްމަންޓު ގަތުމަށް 2،100،000 (ދެމިލިއަން އެއްލައްކަ ރުފިޔާ) އާއި ވިހިހާސް ޑޮލަރު އޭނާ ދެއްކި
ސިވިލް ކޯޓުން ވަނީ ރަފީއުއްދީން ނަސީމަށް 2،911،000 ރުފިޔާއާއި، ވިހިހާސް އެމެރިކާ ޑޮލަރު ދިނުމަށް ޙުކުމްކޮށްފައި
އެ ފައިސާ 24 ޑިސެމްބަރު 2023 ގެ ކުރިން ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ އަންގާފައި

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު، ކޭޕާކް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އަމިއްލަ ފަރާތަކުން ވެފައިވާ އެއްބަސްވުމެމަކާ އެ ކުންފުނިން ޚިލާފުވެފައިވާތީ، އެފަރާތަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހަމްބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރަފީއުއްދީން ނަސީމް ނަމަކަށް ކިޔާ މީހަކު ވަނީ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު، ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެޕާޓްމަންޓު ގަތުމަށް 2،100،000 (ދެމިލިއަން އެއްލައްކަ ރުފިޔާ) އާއި، ވިހިހާސް އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ.

އެހެންނަމަވެސް، އެ އެއްބަސްވުމާ ހަމްބޯ ކުންފުނީގެ ފަރާތުން ވަނީ ޚިލާފުވެފައެވެ. އެގޮތުން އެޕާޓްމަންޓު ނިންމައި ޙަވާލުކުރާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ހިނގާ ދިޔައިރުވެސް އެޕާޓްމަންޓު ޙަވާލުކޮށްފައެއް ނުވެއެވެ.

ވުމާއެކު، ދައުވާކުރާ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ އެއްބަސްވުން ޝަރީއަތް މެދުވެރިކޮށް ބާތިލުކުރުމަށާއި، އެޕާޓްމަންޓު ގަތުމަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށެވެ.

އަދި މިކަމާއި ގުޅިގެން އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ޤާނޫނީ ފީގެ ގޮތުގައި ޚަރަދުކޮށްފައިވާ 75،000 ރުފިޔާ ހޯދުމަށްވެސް މައްސަލައިގައި އެދިފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ރަފީއުއްދީން ނަސީމަށް 2،911،000 ރުފިޔާއާއި، ވިހިހާސް އެމެރިކާ ޑޮލަރު ދިނުމަށް ޙުކުމްކޮށްފައެވެ. އެގޮތުން އެ ފައިސާ 24 ޑިސެމްބަރު 2023 ގެ ކުރިން ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ އަންގާފައެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފެންމަތިވެފައިވާއިރު، މި މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓުމަންޓު، ބަލައި ފާސްކޮށް އެގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ.

Advertisement

މަންޑޭއަކީ އެ ކުންފުނީގެ ދިވެހި ހިއްސާދާރެވެ. މި މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގު ކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ. އެގޮތުން ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ތަހުގީގު ކުރަމުންނެވެ. 

އަދި މިމައްސަލާގައި މަންޑޭއަށް ދައުވާކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުން ދާކަމަށްވެސް 22 އޮކްޓޯބަރު 2023 ވީ އާދިއްތަ ދުވަހު ފުލުހުން ބުނެފައިވެއެވެ.

ކޭޕާކުން ފްލެޓު ގަތުމަށް ފައިސާ ދެއްކި އެތައް ބައެއްގެ ޝަކުވާ ފެންމަތިވުމާއެކު ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން ތަރައްޤީ ކުރަމުންދާ "ކޭޕާކް" ރެސިޑެންސް ގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއްނެތި ވިއްކާފައިވާ ކަމަށެވެ.

އަދި ވިއްކުމުގެ މުޢާމަލާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ ކުންފުނީގެ ހިންގުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް ނައްތާލެވިފައިވާތ،ީ ކުންފުނީގެ ފަރާތުން ކުރީގައިވެސް އިޢުލާނުކޮށްފައިވާ ގޮތަށް މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައ،ި ކޯޓާ އިތުރުކޮށް ލޭބަރުން ގެނައުމަށް ކުންފުނީގެ ފަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެކަންކަން ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް