ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 15:09
ޣައްޒާގައި ތާށިވެފައި ތިބި މީހުން ރަފާހް ބޯޑަރު ހުރަސް ކުރަނީ
ޣައްޒާގައި ތާށިވެފައި ތިބި މީހުން ރަފާހް ބޯޑަރު ހުރަސް ކުރަނީ
ރޮއިޓާސް
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
މުޅި ޣައްޒާ، ކާބޯތަކެއްޗަށް ޖެހިއްޖެ!
އެހީގެ ކާގޯއަށް ބަލާއިރު އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ކުރިން ދުވާލަކު 400 އާއި 500 އާއި ދެމެދުގެ ޢަދަދަކަށް ޓްރަކް ދަތުރު ކުރި އިރު، މިވަގުތު ވަންނަނީ 40 އާއި 50 ޓްރަކް
މިހާރު އެ ޢަދަދު، 100 ޕަސެންޓަށް އަރާފައިވޭ
ކުރިން ޣައްޒާގެ އާބާދީ އޮތް ޙާލަތަށް ބަލާއިރު، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައި ވާ ނިސްބަތް އުޅުނީ 33 ޕަސެންޓްގައި

ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޢުދުވާނީ ޖަރީމާތަކަށް އެތައް އަހަރެއް ވެ، ޣައްޒާގައި ހިންގަމުންދާ ހުޅަނގަށް ނުފެންނަ ޤަތުލުޢާންމު، މަސްދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާ އިރު، ކުޑަ ނަމަވެސް ދުލެއް ދީފާނެ ކަމުގެ އަލިމަގެއް އަދި ފެންނާކަށް ނެތެވެ. ހުރިހާ ތަކުލީފަކާއި ވޭނެއް އުފުލައި، ހުރިހާ ހިތްދަތިކަމަކާއި ހިތާމައެއް ބަރުދާސްތު ކުރަންް ޖެހިފައި ވަނީ ޢާންމު ރައްޔިތުންނަށެވެ. ކުޑައެއް ބޮޑެއް އިސްތިސްނާވުމެއް ނެތިއެވެ.

އިޒްރޭލުން މި ފަހުގެ ޤަތުލުޢާންމު ފެށުމުގެ ކުރިންވެސް ޣައްޒާއަކީ މުޅި ދުނިޔެ އިއްތިފާޤުވި ގޮތުގައި، މި ބިންމަތީގައި އޮތް އެންމެ ބޮޑު ޖަލެވެ. ކުށެއް ނެތް ބަޔަކު ބަންދުކޮށްގެން ގަނަތަޅުވަމުން ދިޔަ ޤައިދުޚާނާއެކެވެ. އިންތިހާ ފަޤީރުކަން އޭގެވެސް އެންމެ އިންތިހާއަށް ފެތުރިފައި އޮތް ތަނެކެވެ. ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާގެ 2.3 މިލިއަން މީހުން މިއަދު ތިބީ ކާބޯތަކެއްޗަށް ޖެހިފައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު، އިޒްރޭލުން ޤަތުލުޢާންމު ފެށިފަހުން، ޣައްޒާއަށް އެތެރެ ކޮށްފައި ވަނީ އެ ސިޓީއަށް ބޭނުންވެފައި އޮތް އިންސާނީ އެހީގެ މިންވަރާ އަޅާ ބަލާއިރު، އިންތިހާ ކުޑަ އިންސައްތައެކެވެ. ކެނޑިނޭޅި، އެއްގަމާއި ވައިގެ މަގުން ޙަމަލާތައް ދެމުން ދާއިރު، ޣައްޒާގެ އާބާދީއަށް ބޭނުންވާ ޛަރޫރީ އެހީގެ ސާމާނުތައް ފޯރުކޮށްދިނުމަށްވެސް ބައިނަލްއަޤުވާމީ ޖަމިއްޔާތައް މިއަދު އޮތީ ނުކުޅެދިފައެވެ. ޣައްޒާގެ އާބާދީއަށް ކޮންމެހެން ބޭނުން ޖެހިފައި ވާ ސަމާނު، އެކަށީގެން ވާ މިންވަރަކަށް އެ ސިޓީއަށް އެތެރެ ކޮށްދެވެމުން ނުދާކަމަށް، މުޅި ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމާ ޙަވާލުވެ އޮތް އދއިންވެސް މިއަދު ޢިއުތިރާފުވެއެވެ.

ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫޢު (ޑަބްލިއުއެފްޕީ)ގެ ޑައިރެކްޓަރ އޮފް އެމަރޖެންސީޒް، ކިޔުންގް-ނާން ޕަރކް ފާހަގަ ކުރެއްވި ގޮތުގައި، އޮކްޓޯބަރ 7 ވަނަ ދުވަހުގެ ކުރިން ޣައްޒާގެ އާބާދީ އޮތް ޙާލަތަށް ބަލާއިރު، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައި ވާ ނިސްބަތް އުޅުނީ 33 ޕަސެންޓްގައެވެ. ނަމަވެސް، މިހާރު އެ ޢަދަދު، 100 ޕަސެންޓަށް އަރާފައި ވާ ކަމަށް ކިޔުންގް-ނާން ވިދާޅުވިއެވެ.

ކިޔުންގް-ނާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޣައްޒާގެ 1.1 މިލިއަން މީހުންނާ ހަމައަށް އެހީ ފޯރުކޮށްދިނުމަށްޓަކައި، ޑަބްލިއުއެފްޕީއަށް 112 މިލިއަން ޑޮލަރު ބޭނުންވެއެވެ. އެ މީހުންނަކީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މަޙްރޫމުވެ، މެލްނިއުޓްރިޝަންގެ ނުރައްކަލަށް ހުށަހެޅިފައި ވާ މީހުން ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެހެން ބޭނުން ޖެހިފައި ތިބި މީހުންނަށް އެހީ ފޯރު ކޮށްދިނުމުގެ އިތުރަށް، ޢާންމު އުސޫލުން ޣައްޒާއަށް ފޯރު ކޮށްދެމުން ގެންދާ އެހީތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުން މުހިންމު ކަމަށް ޑަބްލިއުއެފްޕީގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން އެންމެ ފަހުގެ ޤަތުލުޢާންމު ފެށިފަހުން، މިޞްރާއި ޣައްޒާ ގުޅާލާ ރަފަހަ ހުރަސްކޮށް، ޣައްޒާއަށް އިންސާނީ އެހީ ވައްދަން ހުއްދަ ދީގެން އެކަން ކުރަން ފެށީ އޮކްޓޯބަރު 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޣައްޒާއަށް އެތެރެ ކުރެވުނު އެހީގެ ކާގޯއަށް ބަލާއިރު، ރަފަހު ހުރަސްކޮށް ޣައްޒާއަށް ފޯރު ކޮށްދެވިފައި ވަނީ، ޤަތުލުއާންމުގެ ކުރިން ބޭނުން ޖެހިފައި އޮތް މިންވަރުގެ އެންމެ 19 ޕަސެންޓް އެހީއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ދުވާލަކު 400 އާއި 500 އާއި ދެމެދުގެ ޢަދަދަކަށް ޓްރަކް ދަތުރު ކުރާނެ ޣައްޒާއަށް. އެއިން، މިވަގުތު ވަންނަނީ 40 އާއި 50 ޓްރަކް. މާނަ ހުރި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދެންޏާ، ދުވާލަކު 100 ޓްރަކް ވައްދަން އެބަ ޖެހޭ. ހަމައެކަނި ޑަބްލިޔުއެފްޕީގެ ކާބޯތަކެތީގެ އެހީއަށް އެކަނިވެސް.
ކިޔުންގް-ނާން ޕަރކް؛ ޑަބްލިއުއެފްޕީގެ ޑައިރެކްޓަރ އޮފް އެމަރޖެންސީޒް

ކިޔުންގް-ނާން ވިދާޅުވި ގޮތުގައި، ޣައްޒާގައި މަސައްކަތް ކުރަމުންދާ އދގެ މުވައްޒަފުން ކައިބޮއެ ހަދާނެ ތަކެތިވެސް އެކަށީގެންވާ މިންވަރަކަށް މިއަދު ޣައްޒާގައި ނެތެވެ. ޑަބްލިއުއެފްޕީއިން މީގެ ކުރިން ދިޔައީ ޣައްޒާގެ 23 ބޭކަރީއަކާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތެލާއި ހަކަތަ ނުލިބުމާއި، އެނޫންވެސް ޛަރޫރީ ސާމާނުތައް ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން، މިއަދު މަސައްކަތް ކުރިޔަށް ދަނީ، އެތަނުން އެންމެ ބޭކަރީއެއްގައެވެ.

10 ދުވަސް ވަންދެން ކިޔުގައި ހުރެ، ހުސް އަތާ ގެޔަށް ދާން މަޖުބޫރު ވި މީހުން އެބަ ތިއްބެވެ. ގެޔަށް ދާ މަގުމަތީގައި، ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދުވެސް ވަކި މަދެއް ނޫނެވެ. އިޒްރޭލުގެ ޤަތުލުޢާންމު ފެށިފަހުން މިހާތަނަށް، 15000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަ ކުދިންވެސް ހިމެނެއެވެ.

- ކޮމެންޓް