އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމުގެ ސަބަބުން އެކަމާ ދެކޮޅަށް އދ.ގެ މެންބަރު ގިނަ ޤައުމުތަކުން އެކަމަށް ދެކޮޅަށް އަޑުއުފުލަމުންދާއިރު، އިސްރާއީލުގެ އަސްކަރީ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ދިފާއުގައި ހިންގާ އަމަލެއްގެ ގޮތުގައި ގާނޫނީ ގޮތުން ޖަސްޓިފައި ކުރެވިދާނެތޯ އދ.ގެ ސަލާމަތީ މަޖިލީހުގައި ދަނީ ބަހުސް ކުރެވެމުންނެވެ. މި މައްސަލައިގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، އެކި ފަރާތްތަކުން ގެންދަނީ އެމެރިކާއާއި އިސްރާއިލާ މެދު ދެކޮޅު ވިސްނުންތަކެއް ގެންގުޅެމުންނެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ޢަމަލުތަކަކީ އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ ދިފާޢުގެ އުޞޫލުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ބުނެއެވެ. އެ މީހުން ބުނަނީ 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާ ވަކިކުރުމާ ގުޅިގެން އިސްރާއީލުން ޣައްޒާ ކޮންޓްރޯލް ކުރަމުން ނުދާ ކަމަށާއި އެހެންކަމުން ހަމަލާތަކުން ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މިއާ ޚިލާފަށް، ޣައްޒާއާއި ހުޅަނގު އައްސޭރިވެސް އިސްރާއީލުން ކޮންޓްރޯލް ކުރަމުން އަންނަކަމަށް އދ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުން ދަނީ ބުނަމުންނެވެ. ބައިނަލްއަގްވާމީ ގާނޫނުތައް ބުނާ ގޮތުން ހިފާފައިވާ ބާރަކަށް އެ ބަޔަކު ދިރިއުޅޭ އާބާދީއާ ދެކޮޅަށް އަމިއްލަ ދިފާއުގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.
ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2004 ވަނަ އަހަރު ނެރުނު ތާރީޚީ ޙުކުމެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކުރަމުން ދިޔަ އިން ވަކިކުރާ ފާރު ރޭނުމުގެ މަސައްކަތް ޖަސްޓިފައި ކުރުމަށް އިސްރާއީލަށް އަމިއްލަ ދިފާޢުގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި މި ހުކުމަކީ ޣައްޒާއަށް ވެސް އަމަލުކުރުން ލާޒިމްކުރާ ހުކުމެއް ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލުގެ އަމިއްލަ ދިފާއުގައި ހަމަލާ ދެނީ ކަމަށް އެބުނާ ބުނުމަށް ފުށުއަރާ ކަމަށެވެ.
ޤާނޫނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ޣައްޒާގެ ވައިގެ ސަރަޙައްދާއި ގޮނޑުދޮށް އަދި އާބާދީ ރަޖިސްޓްރީކުރުން ފަދަ ޣައްޒާގެ އެކިކަންކަމުގެ ކޮންޓްރޯލް އިސްރާއީލުން ގެންދަނީ ދަމަހައްޓަމުންނެވެ. މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގައި ބަޔާންކޮށްފައިވާ އޮކިއުޕޭޝަންގެ މާނައާ އެއްގޮތް ވާ މާއްދާތަކެކެވެ. އެ ބާރުގެ ބޭނުން އިސްރާއީލުން ކުރަމުން ގެންދަނީ އެ މުއާހަދާއިން ބާރު ލިބިގެން ކަމަށް އެކިއެކި ފޯރަމްތަކުގައި އެމީހުން ބުނެއެވެ.
އަނެއްކޮޅުން ފަލަސްޠީނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އިތުރު ޤާނޫނީ ހިމާޔަތެއް ހޯދައިދިނުމަށްޓަކައި އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާ އަލުން މާނަކުރުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން ޤަބޫލުކުރާ ޔަހޫދީ ދައުލަތުގެ ޕްރެކްޓިސްއާއި އެއްގޮތްވާ ގޮތަށް އެ މާއްދާ އަލުން މާނަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މި މާނަ ކުރުމަކީ ގިނަ ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދާ މާނައެކެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ކުރެވެމުންދާ ބަހުސްގައި، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ގާނޫނީ ހައްގެއް އިސްރާއީލަށް ނޯންނާނެ ކަމަށް ގިނަ މެންބަރުން ދަނީ ހުށަހަޅަމުންނެވެ. މި ނިންމުންތައް ބިނާވެފައި ވަނީ ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުންނާއި ގާނޫނީ މާހިރުން ކަށަވަރުކޮށްދޭ ފަދައިން އިސްރާއީލަކީ އަދިވެސް ފަލަސްތީނަށް އަތްގަދަ ކޮށްފައިވާ ބާރެއްގެ ގޮތުގައި ދެކޭ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ބަހުސްތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ޖަޒުބާތީ އަދި ދެބަސްވުންބޮޑު ސިފައާއި އިސްރާއީލާއި ފަލަސްޠީނުގެ ހަމަނުޖެހުންތަކަށް އެ ޤާނޫނު ތަންފީޛުކުރާ މިންވަރު ހާމަވެގެންދެއެވެ. ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މާނައަށް ގިނަ ފަރާތްތަކަކުން ބާރުއަޅަމުންދާއިރު، މި ޤާނޫނީ ބަހުސް ދުރުރާސްތާއަކަށް ދެމިއޮތުމުގެ ފުރުޞަތު އެބައޮތެވެ.