ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 13:27
އައިއޭސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އައިއޭސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުން
ފަލަސްތީނަށް އެހީވުމަށް އައިއޭސީން ހުޅުވި ފަންޑަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ
13،023.00 ޑޮލަރު ލިބިފައިވޭ
އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ރައްޔިތުން ދޭ އެހީ އަދި ދޭ އެއްބާރުލުން ފާހަގަކޮށްފައިވޭ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އައިއޭސީން ބުނީ ޣައްޒާ އެމެރޖެންސީ ރިލީފް 2023 ފަންޑަށް މިހާތަނަށް ލިބިފައިވަނީ ތޭވީސް މިލިއަން ނުވަ ލައްކަ އައްޑިހަ ހަތްހާސް އެއްސަތޭކަ އަށް ރުފިޔާ ކަމަށެވެ. އަދި ތޭރަހާސް ތޭވީސް ޑޮލަރު ލިބިފައިވާ ކަމަށެވެ.

އައިއޭސީން ވަނީ އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ރައްޔިތުން ދޭ އެހީ އަދި ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ފަލަސްތީނަށް ގިނަ ހަމަލާތައް ދެމުންނެވެ. މި ފާއިތުވެދިޔަ ދެދުވަހުގައި ބޮންއެޅުމާއެކު ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާތަނަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ އާއްމުން ޝަހީދުވެފައިވާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މާލޭގެ އިތުރުން އަތޮޅުތެރޭގައި ދަނީ ގިިނަ ހަރަކާތްތައް ހިންގަމުންނެވެ. ފަންޑް ރެއިސެއިންގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ވެސް ލިބެއެވެ. އެގޮތުން 26 އޮކްޓޯބަރުގެ ނިޔަލަށް، ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން ހުޅުވި ފަންޑަށް ވެސް 1.6 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފައިވެއެވެ.

- ކޮމެންޓް