ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 22:22
ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާ އެކު ބޭއްވި އެއްވުމެއްގެ ތެރެއިން
ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާ އެކު ބޭއްވި އެއްވުމެއްގެ ތެރެއިން
ދައުރު
އިޒްރޭލާ ދެކޮޅަށް އަޑުއުފުލުން
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކުރީ އާއިޝަތު ޝާދިޔާ، އަދި ޝަޒުރާ އިބްރާހިމް
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާންތަކާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުދަނގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ 28 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައްޔަރުކުރީ ކ.މާލެ، މ.ބަޑިކުޅިމާގެ، 47 އަހަރުގެ އާއިޝަތު ޝާދިޔާ، އަދި ގދ.ރަތަފަންދޫ، ލިލީގެ 36 އަހަރުގެ ޝަޒުރާ އިބްރާހިމް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އަމަލުތަކާ ގުޅިގެން ޝާދިޔާ އަދި ޝަޒުރާ އެގޮތަށް އަމަލުނުކުރުމަށް އެކި ފަހަރުމަތިން ނަސޭހަތްދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އެއިދާރާގެ އިރުޝާދުތަކަށް ތަބާވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އިޒްރޭލާ ދެކޮޅަށް އަޑުއުފުލަނީ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާންތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ބާއްވައެވެ. މިސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނި ނަމަވެސް 70 ށްވުރެ ގިނަ ދުވަސްވީއިރު އެމަސައްކަތް ރައްޔިތުންގެ މަޖިލީހުން ކޮށްފައިނުވެއެވެ. އެކަމާ ދެކޮޅަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

- ކޮމެންޓް