ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 12:31
ހައިކޯޓު
ހައިކޯޓު
ރާއްޖެއެމްވީ
ހައިކޯޓު
ވިހެއުމަށްފަހު ފިލި ބިދޭސީއެއްގެ ދަރިއަކަށް ރަށްވެހިކަން ދޭން ހުށަހެޅި މައްސަލަ ބަލައިނުގަތީ ރަނގަޅަށް: ހައިކޯޓު
ކުއްޖާ ދައުލަތުގެ ބެލުމުގެދަށުގައި ހުންނަތާ މިހާރު ވަނީ 11 އަހަރާ ގާތްވެފައި
ކުއްޖާ ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޕާސްޕޯޓު އާކުރުމަށް ކަމަށް ބުނެ ދިޔުމަށްފަހު އެނބުރި އައިސްފައެއްނުވޭ

ވިހެއުމަށްފަހު ފިލި ބިދޭސީއެއްގެ ދަރިއަކަށް ރާއްޖޭގެ ރަށްވެހިކަން ދޭން މިނިސްޓްރީން އޮފް ޖެންޑަރ އެންޑް ފެމިލީން ހުށަހެޅި މައްސަލަ، ފެމިލީ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ބުރާސްފަތި ދުވަހު ހުކުމް ކުރީ، ވިހެއުމަށް ފަހު ރާއްޖެއަށް ކުއްޖާ ދޫކޮށްލާފައި ފިލި އިންޑޮނޭޝިއާގެ އަންހެނަކު ހޯދިފައިނުވާތީ، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި ހުރި ކުޑަކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއްކަމަށް ނިންމައިދީ، ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ފެމިލީ ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައާ ގުޅިގެންނެވެ.

އެ ކުއްޖާ ދައުލަތުގެ ބެލުމުގެދަށުގައި ހުންނަތާ މިހާރު 11 އަހަރާ ވަނީ ގާތްވެފައެވެ. އެގޮތުން، އިންޑޮނޭޝިޔާގެ އެ އަންހެންމީހާ ކުއްޖާ ވިހެއީ 9 ސެޕްޓެމްބަރު 2007 ވަނަ ދުވަހު، އައިޖީއެމްއެޗްގައެވެ. އެ ކުއްޖާ ވިހެމުގެ ހަތަރު މަސް ކުރިން, ސްރީލަންކާގެ "މުސްލިމް މެރިޖް ރެޖިސްޓަރ" މެދުވެރިކޮށް 19 އެޕްރީލް 2007ގައި އަންހެންމީހާ ވަނީ ދިވެހި ފިރިހެނަކާ ކައިވެނިކޮށްފައެވެ. އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީކުރީ ކުއްޖާ އުފަންވީ ފަހުން، 5 ޖަނަވަރީ 2008ގައި ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ކުއްޖާ ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޕާސްޕޯޓު އާކުރުމަށް ކަމަށް ބުނެ، ކުއްޖާގެ މަންމަ ކުއްޖާއާ ވަކިން ރާއްޖެއިން ފުރައިގެން ދިޔުމަށްފަހު އެނބުރި ނާންނާތީ، 2012 ވަނަ އަހަރާ ހަމައަށް އެ ކުއްޖާ ހުރީ ރާއްޖެއިން އެ އަންހެންމީހާ ކައިވެނިކުރި ފިރިހެންމީހާގެ މަންމަ ކައިރީގައެވެ. ނަމަވެސް ކުއްޖާ އިތުރަށް ނުބެލޭނެ ކަމަށްބުނެ ޖެންޑަރއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ މިނިސްޓްރީން ބެލި ބެލުމުން ކުއްޖާއަކީ ދިވެހި ފިރިހެންމީހާއާއި އެ އާއިލާގެ އެއްވެސް ފަރާތަކާ ޝަރުއީ އަދި ގާނޫނީގޮތުން ގުޅުމެއް ހުރި ކުއްޖަކަށް ނުވާތީ، ޖެންޑަރގެ ބެލުމުގެ ދަށަށް ނެގިކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ކުއްޖާއަށް މިހާރު 16 އަހަރުވެފައިވާއިރު، 30 މެއި 2010ގައި ކުއްޖާއަށް ވަގުތީގޮތުން އުފަންދުވަހުގެ ސެޓްފިކެޓެއް ހަދާފައި ވީނަަމަވެސް، ނަސަބު ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ދާއިމީ ސެޓްފިކެޓެއް މިހާތަނަށް ހެދިފައެއް ނުވެއެވެ.

މި މައްސަލާގައި ޖެންޑަރއިން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ، ދިވެއްސަކަށް ރާއްޖޭގެ ގާނޫނުއަސާސީން ލިބެންޖެހޭ އެންމެހައި ހައްގުތައް އެ ކުއްޖާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް، ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި އެ ކުއްޖާއަކީ ދިވެހި ރަށްވެއްސެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، އިތުރު މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެހެންވެ ސިވިލް ކޯޓުން ނިންމީ ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ ބައި ނިމިގެން ނޫނީ ދިވެހި ރައްޔިތުކަމާމެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

Advertisement

ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބެލޭނެކަމަށް ނިންމީ، ނަސަބު ސާބިތުކުރުމުގެ މައްސަލަ ހުށަހަޅަންޖެހޭ ފޯމުން ހުށަހަޅާފައި ނުވާތީއާއި އެފަދަ މައްސަލައެއް ހުށަހަޅާއިރު ފުރިހަމަވާންޖެހޭނެ ކަމަށް އާއިލާއާބެހޭ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ. އަދި ނަަސަބު ކަނޑައެޅުމުގެ މައްސަލައަކީ ފެމިލީ ކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ، މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީއެވެ. މިއާއެކު އެ މައްސަލަ ޖެންޑަރއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރީ، އެ މައްސަލައަކީ ފެމިލީ ކޯޓަށް ބެލުމުގެ އިޚްތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، މައްސަލަ ބަލައިނުގަންނަން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

މި މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ސަލީމުގެ ރައުޔުގައި ވިދާޅުވީ، ނަސަބު ސާބިތުކުރުމާގުޅޭ ބާވަތުގެ ދައުވާތައް ފެމިލީ ކޯޓަށް ބެލުމުގެ އިޚްތިސާސް ލިބިގެންވޭތޯ ބަލާއިރު، އެ އިޚްތިސާސް އެ ކޯޓަށް ލިބިދީފައި ނުވާކަމަށާއި، ދައުލަތުން އެދިފައިވަނީ ގައުމަކަށް ނިސްބަތްނުވާ އަދި ދިވެއްސަކަށްވެސް ނިސްބަތްނުވާ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށް ކަމަށްވާއިރު، ނަސަބު ސާބިތުކުރުމުގެ ހަމަތައް ބަޔާންކުރާ، ދިވެހިރާއްޖޭގެ އާއިލާއާބެހޭ ގާނޫނަށް ބަލާއިރުވެސް، އެ ކުއްޖާގެ ހާލަތުގައި ކަން ކުރާނެ ގޮތެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް ބަލާއިރު، ކުއްޖާ ރާއްޖެއަށް އުފަންވުމުގެ މައްޗަށް އެކަނި ބަލައި ރައްޔިތުކަން ދެވޭގޮތަށް ގާނޫނު ތަންނުދޭކަންވެސް ފަނޑިޔާރު މުހައްމަދު ސަލީމް ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު މުހައްމަދު ސަލީމުގެ މި ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒުވެސް ތާއީދުކުރެއްވިއެވެ. އެގޮތުން، ދަރި ލައްވާ އެންމެ ކުރު މުއްދަތުކަމުގައި ބަޔާންކުރަނީ، ކައިވެނިކުރި ތާރީޚުން ފެށިގެން ހިޖުރީ ގޮތުން ހަ މަސް ދުވަސް، އަދި ވަރިކުރިތާ އެއް އަހަރު ދުވަސް ކަމަށާއި، މި މައްސަލައަށް ބަލާއިރު އަންހެންމީހާ ދިވެހި މީހާއާ ކައިވެނިކޮށްފައިވަނީ ނަހަލާލަށް ބަނޑުބޮޑުވެފައި ހުއްޓައިކަމާއި، އެއީ ކައިވެނިކުރި ދިވެހި މީހާގެ ދަރިއެއް ނޫންކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތްކަން ފާހަގަކުރެއްވިއެވެ. އެހެންވެ، ނަސަބު އޮޅޭ ގޮތަށް، ކުއްޖާއާ ލޭގެގޮތުން ގުޅުމެއް ނެތް މީހެއްގެ މައްޗަށް ދަރިނުލެއްވޭނެ ކަމަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވިއެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވިއިރު ފަނޑިޔާރު ހުޒައިފާ މުހައްމަދު ރައުޔު ތަފާތެވެ. ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ގޮތެއް ކަނޑަނޭޅި އޮތުމަކީ ކުޑަކުއްޖެއްގެ ހައްގުތައް ގެއްލިގެންދާ ކަމަކަށް ވާއިރު، އެކަމަށް ރިއާޔަތްކޮށް، އެ މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ނިންމަން ވަކާލާތު ކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި މައްސަލައަކީ ކޯޓަކަށް ހުށަހެޅޭނެ މައްސަލައެއްކަން އެނގޭނީ، މި މައްސަލަ ޝަރީއަތުން ބަލައި، ދައުލަތުން ހުށަހަޅާފައިވާ ދައުވާތައް އަޑުއަހަން ފުރުސަތު ދީގެން ކަމަށްވެސް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް