ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 07:34
ޝިފާ ހޮސްޕިޓަލުން ހިމާޔަތް ހޯދަމުންދާ 50،000 މީހުން އެބަތިބި
ޝިފާ ހޮސްޕިޓަލުން ހިމާޔަތް ހޯދަމުންދާ 50،000 މީހުން އެބަތިބި
އަލް ޖަޒީރާ
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން
ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުންދާ އާއިލާތަކުގެ ހަޔާތުން ދުވަހެއް!
ރޭވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެތަންމިތަނަށް ބޮންއަޅައި، މުވާސަލާތީ ޚިދުމަތްތައް އެއްކޮށް ކަނޑާލާފައި
ޣައްޒާގެ އެއްވެސް ހިސާބަކަށް އިންޓަނެޓެއް، އަދި މޯބައިލް ފޯނުގެ ޚިދުމަތެއް ނުލިބޭ

ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓުންގެ ލާއިންސާނީ ހަމަލާތަކުގައި، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ 50،000ށްވުރެ ގިނަ މީހުން އައްޝިފާ ހޮސްޕިޓަލުގައި ދަނީ ހިމާޔަތް ހޯދަމުންނެވެ.

ޣައްޒާގެ އެހެން ސިއްހީ ނިޒާމުތަކެކޭ އެއްފަދައިން، ސޯލާއިން ހިންގާ ޖަނަރޭޓަރުތަކުން ވަރަށް މަދުން ހަކަތަ އުފައްދަމުން އަންނަ މި ހޮސްޕިޓާވެސް ވަނީ ގާތްގަޑަކަށް އިސްރާއީލުގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައެވެ.

އެކަމަކު ގިނަ އާއިލާތައް ހޮސްޕިޓަލުގައި މަޑުކުރަން މަޖުބޫރުވީ، ދެކުނުން ޚާން ޔޫނިސްއަށް ދިއުމަށްވުރެ ރައްކާތެރި ގޮތެއް ކަމަށް ގަބޫލުކުރެވިގެންނެވެ. ސާފު ފެނާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން، ދިރިއުޅުމުގެ ހާލަތު އޮތީ އާދަޔާޚިލާފު ކާރިސާއެއްގެ ތެރޭގައެވެ.

ފަސް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންގެ މަންމަ ކަމަށްވާ އުމުރުން 41 އަހަރުގެ ޣާނިޔާ ހަނިއްޔާ އިންނަނީ، ބެޑްޝީޓާއި ބްލެންކެޓުން ހަދާފައިވާ ވަގުތީ ޓެންޓެއްގެ ތެރޭގައެވެ.

ޝައިޚް ރަދުވާން އަވަށުގައި ހުންނަ އެމީހުންގެ ގެއިން އޭނާގެ އާއިލާ ފިލައިގެން ދިޔައީ އެ ސަރަހައްދުގައި އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި ގޮއްވި ގޮއްވުންތަކާއެކު އިވުނު އަޑުފަށްގަނޑަށް ކެތްނުކުރެވިގެންނެވެ.

އަހަންނަށް މިތާނގަ ރައްކާތެރިކަން އެބައޮތް. އެކަމަކު އަރާ ހޫނާ، ހަފާ މަދިރިއާހެދި މިތާނގަ ކެތްނުވޭ.
ޣާނިޔާ ކިޔައިދިނެވެ.

ކޮންމެ ދުވަހެއްވެސް ފެށެނީ ފަތިހު ކުޑަކުދިން ނުވަތަ ފިރިހެނުން އެމީހުންގެ ޕްލާސްޓިކް ޖަގުތައް ހިފައިގެން ފެންހޮޅި ކައިރިއަށްގޮސް، (ލޮނު) ފެން ގެނައުމަށް ދިގު ސަފުގައި ކިޔޫ ހަދައިގެން ތިއްބައެވެ. ޣައްޒާއިން ކަރަންޓު ކެނޑިފައިވާތީ، ޑީސެލިނޭޝަން ޕްލާންޓުގެ ޚިދުމަތެއް ނުލިބެއެވެ. ސާފު ފެން ވަރަށް މަދުން ނޫނީ ނުލިބެއެވެ.

ހެނދުނުގެ ނާސްތާއަކީ ދަޅުގައި ބަންދުކޮށްފައި ހުންނަ ފިއުލް މެޑެމްސް ނުވަތަ ފާވާ ބީންސްއެވެ.

ސަޔަށް ފަހު ދެންއޮންނާނީ ފާޚާނާގެ ބޭރުގައި، ފާޚާނާ ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި ތިބި މީހުންގެ ދިގު ސަފުތަކެވެ.

ރަނގަޅަށް ފެންވެރޭކަށް ނެތް. އެއްޗެހި ދޮވެވޭކަށް ނެތް. އަދި ހެދުންވެސް ބަދަލެއް ނުކުރެވޭ. އަތުގަ ހުރި ހެދުންތަކާ ތަށިތައް ދޮންނަން ލޮނުފެން މި ބޭނުން ކުރަނީ.
ޣާނިޔާ ކިޔައިދިނެވެ.

ބިންމަތީގައި ޣާނިޔާއާއި އޭނާގެ ދަރިން ނިދަނީ ތުނި ދެ ބްލެންކެޓް މަތީގައެވެ. އަތުގައި ދެން ހުރި މަދު ބްލޭންކެޓްތައް ބޭނުންކުރަނީ އަންހެނުންނާއި ފިރިހެނުން ނިދާ ތަން ވަކިކުރުމަށާއި، ނިވާކުރުމަށެވެ.

ކުދިންނަށް ކެތެއްނުވޭ، އެކުދިންގެ ހިތްވަރު އެލިއްޖެ، އެމީހުންގެ އަސާސީ ސާފުތާހިރުކަމެއް ނެތް. އެމީހުން ބޭނުންވާ ނުވަތަ އެދޭ އެއްޗެއް ނުހޯދޭނެ. އަޅުގަނޑު އުންމީދު ކުރަނީ ރައްކާތެރިކަމާއެކު ގެއަށް ދެވޭނެ ކަމަށް. ބޭނުންވަނީ އާދައިގެ ދުޅަހެޔޮ ދިރިއުޅުމެއް.
އައްޝިފާ ހޮސްޕިޓަލްގައި ދިރިއުޅޭ އަރްސަލް

އޭނާގެ ދައްތަ އިމްމު މުހައްމަދު އަލްމުއްލާ ދިރިއުޅެމުން ދަނީ އޭނާގެ ދޮންބައްޕައާއި ފަސް ދަރިންނާއެކު، ޖެހިގެން ހުރި ޓެންޓުއެވެ.

މިތާނގަ މިފަދަ ހާލެއްގަ ތިބުމަށްވުރެ ޝަހީދުވުންވެސް މާރަނގަޅު. ޝަހީދުން މިހާރު ތިބޭނީ ހަމަހިމޭންކަމާއެކު އަރާމުގަ. އެކަމަކު މިތަނުގަ އަހަރެމެން މި ތިބީ ވޭންދެނި ނިކަމެތި ހާލުގަ. ހާލަތު ވަރަށް ގޯސް. ކާއެއްޗެއް، ފެނެއް، ކަރަންޓެއް، ނަރުދަމާއެއް ނެތް.
އައްޝިފާ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދަމުންދިޔަ އަންހެނަކު އަލްޖަޒީރާއަށް ކިޔައިދިނެވެ.
ލޮނުފެން ބޯންޖެހުމުގެ ސަބަބުންހެން ހީވަނީ ބަނޑުގަ ރިއްސަނީ. ތިން އަހަރުގެ ދަރިފުޅުވެސް ފެންވަރާލުމަށް ބޭނުންކޮށްލާނެ ފެންފޮދެއްވެސް ނެތް. އެކުދިން އަބަދު ހިރަފުހާ ކިސަޑުގަ ތަތްތެޅިގެން އެ އުޅެންޖެހެނީ. މިހާރު އޭނާގެ މުޅި ހަށިގަނޑުގަ ހުންނަނީ ފާޑެއްގެ ބައްޔެއް ނަގާފަ. އެއްވެސް ސާފުތާހިރު ކަމެއް މިތާނގަ ނުލިބޭ. ނިދާނެ އެނދުގަނޑެއްހާ ހިސާބުވެސް ނެތް. ކޮންމެ ދުވަހަކުވެސް ވަރަށް ދިގު ލައިނެއް އޮންނާނެ ހަމައެކަނި ފެނާ ރޮށި ހޯދަން. ޕާނެއް އެއްކޮށެއްވެސް ނުލިބޭނެ. ކޮންމެ މީހަކަށް ދޭނީ ދެބައިކުޅަ އެއްބައި. އަހަރެމެން ދިރިއުޅެމުން މިދަނީ ދަޅުގަ ބަންދުކުރި ޗީޒާ ފާވާ ބީންސް ކައިގެން.
އައްޝިފާ ހޮސްޕިޓަލްގައި ދިރިއުޅެމުންދާ މުހައްމަދު ކިޔައިދިނެވެ.

މުހައްމަދު ބޭނުންވަނީ ހަނގުރާމައިގެ ހާލަތުން ނުކުމެ އާދައިގެ އަމާން ދިރިއުޅުމެއް އުޅެވުމެވެ. ނަމަވެސް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ ގެ ހަލާކުވެ، ޝައިޚް ރަދުވާންގައި އޮންނަ އޭނާގެ މުޅި އަވަށް ގެއްލިފައިވާކަމަށް އޭނާ ބުނެއެވެ.

ބޮޑު ޝައިޠާނާ ކަމަށްވާ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާހެން، އަޅުގަނޑުވެސް ބޭނުންވަނީ އަރަބި ގައުމުތައް އަޅުގަނޑުމެންގެ ފަހަތުގަ ފުރިހަމައަށް އޮންނަތަން ދެކެން.
އެންމެ ފަހު ބަހަކަށް މުހައްމަދު، އަލްޖަޒީރާގެ ނޫސްވެރިންނަށް ބުންޏެވެ.

ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް އިސްރާއީލުން ރޭވެސް ވަރުގަދަކޮށްފައި ވާއިރު، މުޅި ޣައްޒާއިން ވަނީ މުވާސަލާތީ ޚިދުމަތް ކެނޑިފައެވެ. ޣައްޒާގެ އެއްވެސް ހިސާބަކަށް މިހާރު މޯބައިލް ފޯނާއި، އިންޓަނެޓުގެ ޚިދުމަތެއް ނުލިބެއެވެ.

- ކޮމެންޓް