ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 05:31
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
މަރުގެ ގްރޫޕުން ސަލާމަތްވާން މިލާން މެޗު ވަރަށް މުހިންމު: އެންރީކޭ
އެންރީކޭ ބުނީ އޭސީ މިލާނަކީ އަބަދު ވެސް ބޮޑެތި އަދި ވަރުގަދަ މުބާރާތްތަކުގައި ކުޅެމުން އަންނަ މޮޅު ޓީމެއް ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ "ގްރޫޕް އޮފް ޑެތު" އިން ސަލާމަތްވާން، އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗު ވަރަށް މުހިންމު ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ މިލާނާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެންރީކޭ ބުނީ އޭސީ މިލާނަކީ އަބަދު ވެސް ބޮޑެތި އަދި ވަރުގަދަ މުބާރާތްތަކުގައި ކުޅެމުން އަންނަ މޮޅު ޓީމެއް ކަމަށެވެ. އޭނާ ބުނީ ދުނިޔޭގެ ކޮންމެ ކުލަބަކަށް ވެސް ފަސޭހަ ވަގުތަކާއި އުނދަގޫ ވަގުތެއް ކުރިމަތިވާނެ ކަމަށާއި، މިވަގުތު އޭސީ މިލާން އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އެހެންކަމުން ޕީއެސްޖީ ހިމެނިފައި އޮތީ މަރުގެ ގްރޫޕެއްގައި ކަމަށާއި، ހަތަރު ޓީމަށް ވެސް ފުރުސަތު އޮތް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

އިތުރަށް އެންރީކޭ ބުނީ ޕީއެސްޖީ އަކީ އަބަދު ވެސް އެޓޭކު ކޮށްގެން ކުޅެން ވިސްނާ ޓީމެއް ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް އިދިކޮޅު ޓީމަށް ވުރެ ރަނގަޅަށް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ޕީއެސްޖީން ކުޅެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ޓީމަށް ވެސް އުނދަގޫ މައްސަލަތަކެއް ކުރިމަތިވާކަން ފާހަގަކޮށް އެންރީކޭ ބުނީ، ބައެއް ފަހަރު އަމިއްލަ ހާފުގައި ވެސް ޑިފެންސްކޮށްގެން ކުޅެން ޖެހިދާނެ ކަމަށެވެ. އެންރީކޭ ބުނީ މިލާން މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދިނީ އަބަދު ވެސް ފާހަގަވަމުން އަންނަ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު، އެކަންކަމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ގްރޫޕްގެ ދެ ވަނައިގައި ޕީއެސްޖީ އޮތް ނަމަވެސް، ބޭނުން ވަނީ ހަމަޖެހިލުން ކަމަށެވެ. އެކަން ކުރެވެން އޮތީ މިލާން މެޗުން ތިން ޕޮއިންޓު ހޯދައިގެންކަން ފާހަގަކޮށް އެންރީކޭ ބުނީ، އޭނާގެ ނަޒަރުގައި އެއީ ޕީއެސްޖީ އަށް ނުވާވަރުގެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި ތިބި ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ހުނަރަށް ބަލާއިރު، އެކަން ހާސިލްކުރެވޭނެ ކަމަށް އެންރީކޭ ބުންޏެވެ.

ގްރޫޕް އެފްގައި ޕީއެސްޖީން މިލާާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

- ކޮމެންޓް